އެމެރިކާއިން އީރާނަށް އަސްކަރީ ހަމަލާއެއް އަލުން ދީފި ނަމަ، "ހައިރާންކުރުވަނިވި އަދި ވަރުގަދަ" ރައްދެއް ދޭނެ ކަމަށް ވިދާޅުވެ އީރާނުގެ އާ ޑިފެންސް މިނިސްޓަރު މެހްރްދާދު އަޚްލާގީ ކެތާބްޗީ އެމެރިކާ އާއި އެ ގައުމުގެ ބައިވެރިންނަށް ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.
އީރާނުގެ ޕާލިމަންޓުގެ އިތުބާރުގެ ވޯޓާ އެކު އިއްޔެ މަގާމާ ހަވާލުވެވަޑައިގެންނެވި އަޚްލާގީ ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ސީދާ އަމާޒުކުރައްވައި ވާހަކަދައްކަވައިފަ އެވެ. އޭނާ ވިދާޅުވީ މެދުއިރުމަތީގައި ތިބި އެމެރިކާގެ ސިފައިން ސަލާމަތްތެރިކަމާ އެކު ބާލަން އެމެރިކާއިން ސަމާލުކަން ދޭންޖެހޭ ކަމަށެވެ.
"އެމެރިކާއިން އެންމެ ބޮމެއް ވައްޓާލިޔަސް، އެ ގައުމުގެ ކިތައް ސިފައިންގެ ފުރާނަ ނެތް މަސްގަނޑު އަނބުރާ ގެންދަންޖެހޭނެތޯ ބަލަން ތައްޔާރުވޭ،" އެމެރިކާ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ދޭނެ ކަމުގެ އިންޒާރު ދެއްވަމުން އަޚްލާގީ ވިދާޅުވި އެވެ.
އެމެރިކާއިން އީރާނުގެ ނިއުކްލިއާ އަދި ހަކަތަ އުފައްދާ މަރުކަޒުތަކަށް ހަމަލާދިނުމަށް އެ ގައުމުގެ އެންމެ ބޮޑު ނޮން-ނިއުކްލިއާ ބޮން ކަމަށްވާ "މަދާ އޮފް އޯލް ބޮމްބްސް" (GBU-43/B) ބޭނުންކޮށްފާނެ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން އޭނާ ވިދާޅުވީ، އީރާނުން އޮތީ އެފަދަ ހުރިހާ ހާލަތަކަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ. އަދި އެފަދަ ނިންމުމެއްގެ ސަބަބުން ލިބޭނެ ހުރިހާ އަސްކަރީ އަދި އިގްތިސާދީ ގެއްލުމެއްގެ ޒިންމާ އުފުލަންޖެހޭނީ އެމެރިކާ އިން ކަމަށް ވެސް ވިދާޅުވި އެވެ.
އީރާނުގެ ކުރީގެ ޑިފެންސް މިނިސްޓަރު އަޒީޒް ނާސިރުޒާދާ މިދިޔަ ފެބްރުއަރީ މަހު އެމެރިކާ އާއި އިޒްރޭލާ ދެމެދު ހިނގި ހަނގުރާމާގައި އަވަހާރަކޮށްލުމާ ގުޅިގެން މަގާމާ ހަވާލުވެވަޑައިގެންނެވި އަޚްލާގީ އަކީ އީރާނުގެ ހަތިޔާރު އުފައްދާ ދާއިރާގައި 42 އަހަރުގެ ތަޖުރިބާހުރި ބޭފުޅެކެވެ. އޭނާ އަކީ އީރާނުގެ މިސައިލް ޕްރޮގްރާމްތަކުގެ އިސް މާހިރަކަށް ވުމުން، 2007 ވަނަ އަހަރުން ފެށިގެން އދ. އާއި އެމެރިކާ އަދި ޔޫރަޕްގެ އިއްތިހާދުން އޮތީ އޭނާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ.