ސްރީ ލަންކާ ސަރުކާރުން އަލަށް ގެޒެޓްކުރި، ގޭންގު ކުށްތަކާ ބެހޭ އާ ބިލް "ޕްރިވެންޝަން އޮފް އޯގަނައިޒްޑް ކްރައިމްސް ބިލް" ގައި މީހުންގެ ބޭރުފުށުގެ ސިފައަށް ބަލައި ހައްޔަރުކުރުމުގެ ބާރު ލިބޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
ގާނޫނީ ވަކީލުންނާއި ޖަމިއްޔާތަކުން މި ބިލަށް ފާޑުކިޔައި ބުނަމުން އަންނަނީ ޓެޓޫ ޖަހާފައި ހުރުމާއި ބޮލުގެ އިސްތަށިގަނޑު ދިގުކޮށް ހުރުމަކީ މީހަކު ހައްޔަރުކުރުމަށް ލިބޭ ބާރަކަށްވާ ކަމަށާއި މިއީ މިކަން އޮންނަންޖެހޭ ގޮތް ނޫން ކަމަށެވެ.
މި މަހުގެ 6 ގައި ލަންކާ ސަރުކާރުން ގެޒެޓްކުރި މި ބިލާ ގުޅޭގޮތުން އެ ގައުމުގެ ބާ އެސޯސިއޭޝަން އޮފް ސްްރީލަންކާ (ބީއޭއެސްއެލް) ގެ ކުރީގެ ރައީސް ސާލިޔާ ޕީރިސް ވިދާޅުވީ، ކުށެއް ނެތް އާންމު ރައްޔިތުންނާއި ޒުވާނުންނަށް ބޮޑެތި ގޮންޖެހުންތަކާ މި ބިލްގެ ސަބަބުން ކުރިމަތިވާނެ ކަމަށެވެ. އަދި މިއީ ހަމައެކަނި ބޭރުފުށުގެ ސިފައަށް ބަލައި މީހުން ހައްޔަރުކުރުމަށް ފުލުހުންނަށް ލިބޭ ހުއްދައެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
- ބިލުގައި ބުނެފައިވާ ގޮތުގައި، މަދުވެގެން ތިން މީހަކު ބައިވެރިވެ ކުށުގެ އަމަލުތައް ހިންގާ ނަމަ ކުށް ކުރާ ގުރޫޕެއް ކަމަށް ބެލޭނެ އެވެ.. މީގެ ތެރޭގައި އެއްވެސް ރަސްމީ އޮނިގަނޑެއް ނުވަތަ ވަކި ހާއްސަ ރޯލުތަކެއް މެންބަރުންގެ މެދުގައި ބެހިފައި ނެތް ނަމަވެސް، އެއީ ގުރޫޕެއްގެ ގޮތުގައި ފުލުހުންނަށް ކަނޑައެޅިދާނެ އެވެ.
- ބިލުގައި "ސީރިއަސް ކްރައިމް" ނުވަތަ ބޮޑެތި ކުށްތައް މާނަކޮށްފައިވަނީ ހަތަރު އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމް އަންނަ ކޮންމެ ކުށަކަށެވެ. މީގެ ސަބަބުން، ހަމައެކަނި ގޭންގު ހަރަކާތްތަކާއި މަސްތުވާތަކެތީގެ ވިޔަފާރީގެ އިތުރުން، އާންމު ގާނޫނުތަކުގެ ދަށުން އަންނަ ވައްކަން، ކޮޕީރައިޓް ގާނޫނާ ހިލާފުވުން، ޖުވާ ކުޅުން، އަދި ސަރުކާރުގެ ބައެއް އަމުރުތަކަށް ނުކިޔަމަންތެރިވުން ވެސް މި ހަރުކަށި ބިލުގެ ދަށަށް ފެތެ އެވެ.
މި ބިލާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރާ އަނެއް ކަމަކީ ފުލުހުންނަށް ލިބޭ ބޮޑެތި ބާރުތަކެވެ. ޕޮލިސް މިނިސްޓްރީގެ ސެކްރެޓަރީއަށް، ކޯޓުން ބޭރުން ނެރޭ ޑިޓެންޝަން އަމުރެއްގެ ދަށުން، ކުށުގެ ތުހުމަތުގައިވާ މީހާ އެއް އަހަރު ދުވަހަށް ބަންދުގައި ބެހެއްޓުމުގެ ބާރު ލިބެ އެވެ. ކޯޓުގެ ހުއްދައާ އެކު، ފުލުހުންނަށް މީހުންގެ ފޯނު ކޯލުތައް އަޑުއެހުމާއި، ޑިޖިޓަލް ޑިވައިސްތަކުން މައުލޫމާތު ހޯދުމުގެ ބާރު ވެސް ދީފައިވެ އެވެ.
މީގެ އިތުރުން، ފުލުހުންގެ އެސިސްޓެންޓް ސުޕްރިންޓެންޑެންޓް ފެންވަރުގެ އޮފިސަރެއްގެ ކުރިމަތީގައި ވެވޭ އިއުތިރާފުގެ ބަޔާނަކީ ކޯޓުގައި ހެކީގެ ގޮތުގައި ބޭނުންކުރެވޭނެ އެއްޗެކެވެ. މިއީ ކުރީގެ ޓެރަރިޒަމްގެ ގާނޫނުގައި، އަނިޔާކޮށްގެން ބަޔާން ހޯދުމަށް މަގުފަހިވި އުސޫލެއް ކަމަށް ބުނެ ގާނޫނީ ވަކީލުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން އައި ކަމެކެވެ. އަދި މިކަން ބަދަލުކުރާނެ ކަމަށް ސަރުކާރުން އައީ ކުރިން ބުނަމުންނެވެ.
މި ބިލުގެ ދަށުން ކުށްވެރިވާ މީހަކަށް 5 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި އޭގެ އިތުރުން 1 މިލިއަން ލަންކާ ރުޕީސްއިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ހައްޔަރުކުރާ މީހުންނަށް ކަފާލާތު ދެވޭނީ ހަމައެކަނި ހައިކޯޓުންނެވެ. މެޖިސްޓްރޭޓް ކޯޓުތަކަށް މީހުން ދޫކޮށްލުމުގެ ބާރެއް މި ބިލުގެ ދަށުން ނޯވެ އެވެ.