ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާއަށް މެދުކެނޑުމެއްނެތި ނުރައްކާތެރި ހަމަލާތަކެއް ދެމުންދާތީ، ސައޫދީގައި ހުންނަ އެމެރިކާ އެމްބަސީގައި ކޮންމެހެން ތިބެންޖެހޭ މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުންނާއި އެމީހުންގެ އާއިލާތައް އެގައުމުން ފުރައިގެން ދިއުމަށް އެމެރިކާއިން އަންގައިފި އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޓޮމީ ޕިގޮޓް ވިދާޅުވީ އެއާޕޯޓްތަކަށާއި އާއްމުން ބޭނުންކުރާ އެހެނިހެން މުހިންމު ވަސީލަތްތަކަށް ހޫތީން ހަމަލާ ދޭތީ އާންމުންގެ ފުރާނައަށް ގެއްލުންވެ، ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
"މުވައްޒަފުންނާއި އެމީހުންގެ އާއިލާތަކުގެ ރައްކާތެރިކަމަކީ އަބަދުވެސް އަޅުގަނޑުމެންގެ އެންމެ އިސް އަހައްމިއްޔަތު،" އޭނާ ވިދާޅުވި އެވެ.
އޭއެފްޕީ އިން ބުނި ގޮތުގައި ޔޫއޭއީ، އުރުދުން، ގަތަރު އަދި ބަހުރޭނުގައި ހުންނަ އެމެރިކާގެ އެމްބަސީތަކުގެ މުވައްޒަފުންނާއި އާއިލާ ވެސް އެނބުރި ދިއުމަށް ވަނީ އަންގައިފަ އެވެ.
ނަމަވެސް ސްޓޭޓް ޑިޕާޓްމަންޓުން ބުނީ މިވަގުތު ނެރެފައިވާ އަމުރު އަމާޒުވަނީ ހަމައެކަނި ސައުދީ އެމްބަސީއަށް ކަމަށެވެ.
ހޫތީން އަންނަނީ މި މަހު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ސައުދީ އަށް ހަމަލާ ދެމުންނެވެ. އޭގެ ތެރޭގައި ވެރިރަށް ރިޔާޒުގެ އިންޓަނޭޝަނަލް އެއާޕޯޓާއި، ދަންމާމުގެ އިންޓަނޭޝަނަލް އެއާޕޯޓައި، ތެޔޮ ރައްކާކުރާތަންތަން ހިމެނެ އެވެ.
ސައޫދީގެ އެނާޖީ މިނިސްޓްރީން ބުނީ ތެޔޮ އުފައްދާ ވަސީލަތަކަށް އަމާޒުކޮށް ހޫތީން އިއްޔެ ދިން ޑްރޯން ހަމަލާއެއް ކާމިޔާބުކަމާއެކު ދިފާއުކުރެވުނު ކަމަށެވެ. ނަމަވެސް އޭގެން ބައެއް ވެއްޓި ދެ މީހަކު މަރުވެ، އިތުރު ދެ މީހަކު ޒަހަމްވި އެވެ.
އީރާނުގެ ތާއީދާ އެކު، ޔަމަނުގެ ވެރިރަށް ސަނާ އާއި އިތުރު ސަރަހައްދުތަކެއް ކޮންޓްރޯލްކުރާ ހަނގުރާމަވެރި ޖަމާއަތް ހޫތީން ވަނީ ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަދެއްޖެ ނަމަ ވޭންދެނިވި ރައްދެއް ދޭނެ ކަމަށް ބުނެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ހޫތީންގެ ހަމަލާތައް އަމާޒުވެފައިވާ ސައޫދީ އަރަބިއްޔާ އިން ވަނީ އެމެރިކާގެ މަދަދަށް އެދިފަ އެވެ. އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ އެކަމާ ވިސްނަވަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.
ސައޫދީން ތާއީދުކުރާ ޔަމަނުގައި އޮތް ބައިނަލްއަގްވާމީ ގިނަ ގައުމުތަކުން ގަބޫލުކުރާ ސަރުކާރަށެވެ. އަދި ހޫތީންނާ ދެކޮޅަށް ބައިނަލްއަގްވާމީ ކޯލިޝަނެއް ހަދައި ސައޫދީން އަންނަނީ 2015 އިން ފެށިގެން ހަނގުރާމަކުރަމުންނެވެ. ބޭނުމަކީ ހޫތީން ކޮންޓްރޯލް ނަގާފައިވާ ސަރަހައްދުތައް މިނިވަންކުރުމެވެ.
ދެ ފަރާތުގެ މެދުގައި 2022 ގައި ކޮންމެވެސް ވަރަކަށް ސުލްހަ ގާއިމުވި ނަމަވެސް މި އަހަރުގެ މެދުތެރެއިން ފެށިގެން އަނެއްކާ ހަނގުރާމަ ވަނީ ވަރުގަދަވެފަ އެވެ.