އެޕަލް އިން އެ ކުންފުނީގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޓަޗްސްކްރީން ލެޕްޓޮޕް "މެކްބުކް ޕްރޯ" ތައާރަފްކޮށްފި އެވެ.
"ޕްރޯލެޑް އެކްސްޑީއާރް ޑިސްޕްލޭ" އާ އެކު މެކް ލެޕްޓޮޕްތަކުގައި ޓަޗްސްކްރީން ހިމެނުމަކީ އެޕަލް އިން ޒަމާނުއްސުރެ ގެންގުޅެމުން އައި ސިޔާސަތު މުޅިން ބަދަލުކޮށްލި، ތާރީހީ ނިންމުމެކެވެ.
އެމެރިކާގެ ލޮސް އެންޖެލިސްގައި ބޭއްވި ހާއްސަ ހަފުލާއެއްގައި މި އުފެއްދުން ދައްކާލާފައިވާއިރު، މިހާރު ވަނީ ޕްރީ-އޯޑަރަށް ހުޅުވާލައިފަ އެވެ. އަދި އަންނަ ނޮވެމްބަރު މަހުގެ 6 އިން ފެށިގެން ބާޒާރުން ރަސްމީކޮށް ގަންނަން ލިބޭނެ ކަމަށް އެޕަލް އިން ބުންޏެވެ.
އާ މެކްބުކް ޕްރޯގެ އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ އޭގެ ސްކްރީނެވެ. މީގައި ހިމަނާފައިވަނީ 2،000 ނިޓްސްގެ ބްރައިޓްނަސް ކަށަވަރުކޮށްދޭ، ދެ ފަށަލައަކަށް އެކުލެވޭ "ޕްރޯލެޑް އެކްސްޑީއާރް ޓެންޑަމް އޯލެޑް" ޓަޗްސްކްރީނެކެވެ. މީގެ އިތުރުން، އިނގިލިން ސްކްރީނަށް ފިތާއިރު ލެޕްޓޮޕަށް އަރާ ލޮޅުން ކުޑަކުރުމަށްޓަކައި މީގެ ހިންޖު (ސްކްރީން ހިފަހައްޓާ ބައި) ވަނީ ކުރިއަށްވުރެ ވަރުގަދަކޮށްފަ އެވެ.
ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ، އެޕަލްގެ ދިއްލޭ ލޯގޯ ވެސް މި މޮޑެލްއާ އެކު ވަނީ އަލުން އަނބުރާ ގެނެސްދީފަ އެވެ.
ސްކްރީންގެ މަތީގައި ކުރިން އިންނަ "ނޮޗް" ގެ ބަދަލުގައި މިހާރު ހިމަނާފައިވަނީ އައިފޯނުތަކުގައި ވެސް ބޭނުންކުރާ "ޑައިނަމިކް އައިލެންޑް" އެވެ. މި ޓަޗް މެކްބުކްތައް ހިންގުމަށް ބޭނުންކޮށްފައިވަނީ އެޕަލްގެ އެންމެ ފަހުގެ "އެމް5 ޕްރޯ" އަދި "އެމް5 މެކްސް" ޗިޕްތަކެވެ.
މި އުފެއްދުމުގައި ޓަޗް ސްކްރީން ބޭނުންކުރި ނަމަވެސް، މިއީ އައިޕެޑްގެ ސޮފްޓްވެއާއެއް ނޫނެވެ. މިއީ މުޅިން ވެސް "މެކް އޯއެސް 27" އެވެ. ބޭނުންނަމަ އާދައިގެ މެކްބުކްތަކެކޭ އެއްގޮތަށް ކީބޯޑާއި ޓްރެކްޕެޑް އެކަނި ވެސް ބޭނުންކުރެވޭނެ އެވެ. ފައިނަލް ކަޓް ޕްރޯ ފަދަ ޕްރޮފެޝަނަލް ސޮފްޓްވެއާތައް މިހާރު ވަނީ ޓަޗްސްކްރީނަށް ސަޕޯޓްކުރާ ގޮތަށް އަޕްޑޭޓްކޮށްފަ އެވެ. ނަމަވެސް މިއަށް އެޕަލް ޕެންސިލް ސަޕޯޓެއް ނުކުރެ އެވެ.
އާ ޓެކްނޮލޮޖީއާ އެކު މި ލެޕްޓޮޕްތަކުގެ އަގުތައް ވެސް ވަނީ މަތިވެފަ އެވެ. ބާޒާރަށް ނެރޭ ބައެއް މޮޑެލްތަކުގެ އަގުތަކަށް ބަލާއިރު:
- 14 އިންޗީގެ ބޭސް މޮޑެލް (އެމް5 ޕްރޯ / 24ޖީބީ ރޭމް / 1ޓީބީ އެސްއެސްޑީ): 2,899 ޑޮލަރު
- 16 އިންޗީގެ ބޭސް މޮޑެލް (އެމް5 ޕްރޯ / 24ޖީބީ ރޭމް ' 1ޓީބީ އެސްއެސްޑީ): 3,399 ޑޮލަރު
- 16 އިންޗީގެ އެންމެ މަތީ މޮޑެލް (އެމް5 މެކްސް، 128ޖީބީ ރޭމް އަދި 16ޓީބީ އެސްއެސްޑީ): 14,549 ޑޮލަރު
މި އާ މެކްބުކް ޕްރޯތަކުން 24 ގަޑިއިރުގެ ބެޓެރީ ލައިފް ލިބޭއިރު، ތިން ތަންޑަބޯލްޓް 5 ޕޯޓާއި، އެޗްޑީއެމްއައި ޕޯޓެއްގެ އިތުރުން އެސްޑީ ކާޑު ސްލޮޓެއް ހިމެނެ އެވެ.