އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު މަގާމުން ވަކިކުރަން، އިމްޕީޗްމަންޓް މައްސަލަ އަންނަ ހަފުތާގައި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއަށް އަލުން ހުށަހެޅުމަށް ރިޕަބްލިކަން ޕާޓީގެ މެންބަރެއް އިސްވެ ހުންނަވައި ތައްޔާރުވާން ފަށައިފި އެވެ.

ހެގްސެތު ނިސްބަތްވާ ޕާޓީގެ މެންބަރަކު މި މައްސަލަ އަލުން މަޖިލީހަށް ވައްދަން ނިންމާފައި މި ވަނީ، މި ހަފްތާގައި ނިމުނު އެމެރިކާގެ މިޑްޓާމް އިންތިހާބުގައި، އީރާނާ ދެކޮޅަށް ހެގްސެތު އިސްވެ ހުންނަވައިގެން ފެއްޓެވި ހަނގުރާމައާ މެދު އާންމުންގެ ބޮޑު ނުރުހުމެއް އަމާޒުވެ، ރިޕަބްލިކަން ޕާޓީއަށް ކޮންގްރެސްގެ މެޖޯރިޓީ ގެއްލި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގަ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، މި އިމްޕީޗްމަންޓް މައްސަލަ އަލުން ހުށަހަޅުއްވަނީ ރިޕަބްލިކަން މެންބަރު ތޯމަސް މާސީ އެވެ.

ހެގްސެތުއާ ދެކޮޅަށް މާސީ ކުރިން ހުށަހެޅުއްވި 8 ނުކުތާގެ މައްޗަށް އެކުލެވޭ އިމްޕީޗްމަންޓް ގަރާރުގައި ހިމެނޭ މައިގަނޑު ތުހުމަތުތަކުގެ ތެރޭގައި:

  • ހުއްދަނެތި ހަނގުރާމަ ކުރުން: ކޮންގްރެސްގެ އެއްވެސް ހުއްދައެއް ނެތި، ވޯ ޕަވާސް ރިޒޮލިއުޝަނާ ހިލާފަށް އީރާނާއި ޔަމަނުގެ ހޫތީންނާ ދެކޮޅަށް އަސްކަރީ ހަރަކާތްތައް ހިންގުން.
  • އާންމުންނަށް ލިބުނު ގެއްލުން: ހިންގި އަސްކަރީ އޮޕަރޭޝަންތަކުގައި އާންމު ރައްޔިތުން ރައްކާތެރިކުރުމަށް އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވުން.
  • ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފުން: ކެރީބިއަން އަދި ޕެސިފިކް ކަނޑުގެ ސަރަހައްދުގައި، މަސްތުވާތަކެތި އެތެރެކުރާ ކަމަށް ތުހުމަތުކުރެވޭ މީހުންނާ ދެކޮޅަށް، ގާނޫނީ އިޖުރާއާތްތަކުގެ ބަދަލުގައި ސީދާ އަސްކަރީ ބާރުގެ ބޭނުންކުރުން.
  • ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވުން: ވެނެޒުއެލާގެ ރައީސް ނިކޮލަސް މަޑޫރޯ ގާނޫނާ ހިލާފަށް ހައްޔަރުކުރުމާއި، ޑިމޮކްރެޓިކް ސެނެޓަރު މާކް ކެލީއާ ދެކޮޅަށް ބަދަލުހިފުމުގެ ފިޔަވަޅު އެޅި ކަމުގެ ތުހުމަތު.

މި މައްސަލައާ ގުޅިގެން ހައުސްގެ މެޖޯރިޓީ މިހާރު އޮތް ޑިމޮކްރެޓުންގެ ފުރިހަމަ ތާއީދު މާސީއަށް ލިބޭނެ ކަމަށް ބެލެވެ އެވެ. އަދި އިންތިހާބުގެ ނަތީޖާއާ މެދު ހިތްހަމަނުޖެހިފައި ތިބި ރިޕަބްލިކަން ޕާޓީގެ ބައެއް މެންބަރުން ވެސް މި ގަރާރަށް ވޯޓު ދޭނެ ކަމަށް ބެލެވޭތީ، ހައުސްއިން މި މައްސަލަ ފާސްވުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް ސެނެޓުން އޭނާ ކުށްވެރިކޮށް މަގާމުން ވަކިކުރަން ބޭނުންވާ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ހޯދުމަކީ ދަތި ކަމަކަށް ވާނެ އެވެ.

މި ތުހުމަތުތަކާ ގުޅިގެން ހެގްސެތު ވަނީ މިއީ އޭނާގެ އަގުވައްޓާލަން ހިންގާ "ސިޔާސީ ޗަރުކޭހެއް" ކަމަށް ސިފަކުރައްވައި، މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އީރާނާ ދެކޮޅު އަސްކަރީ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.