އެންމެ 150 ފޫޓުގެ ޖާގައިގެ ތެރޭގައި ޖައްސައި، އުދުއްސާލެވޭ ހައިބްރިޑް-އިލެކްޓްރިކް މަތިންދާބޯޓެއް އެމެރިކާގެ ވާޖީނިއާގެ ކުންފުންޏަކުން ތަރައްގީކުރަން ފަށައިފި އެވެ.
"އިލެކްޓްރާ އެއިރޯ" ކުންފުނިން ތަރައްގީކުރާ "އީއެލް9 އަލްޓްރާ ޝޯޓް" މަރުކާގެ މި ބޯޓަކީ، ބޮޑެތި އެއާޕޯޓްތަކާ ނުލައި، ސީދާ އެއް ތަނުން އަނެއް ތަނަށް ދަތުރުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ބޯޓެކެވެ. ނުވަ ފަސިންޖަރުންގެ ޖާގައިގެ މި ބޯޓުގެ ސަބަބުން ސަރަހައްދީ ވައިގެ ދަތުރުފަތުރަށް ބޮޑު އިންގިލާބެއް އަންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މި ބޯޓުގެ ފިޔަގަނޑުގައި ހަރުކޮށްފައި ހުންނަ އަށް އިލެކްޓްރިކް ޕްރޮޕެލާގެ އެހީގައި، ވަރަށް މަޑު ސްޕީޑެއްގައި ވެސް ބޯޓު މައްޗަށް އުފުލާލުމުގެ ބާރު ލިބޭ ގޮތަށެވެ. މީގެ ސަބަބުން އެންމެ 150 ފޫޓުގެ ހުސް ބިމެއްގައި ވެސް މި ބޯޓަށް ޖައްސައި، އުދުއްސާލެވޭނެ އެވެ. ބޯޓުގެ މޯޓަރުތައް ހިންގަނީ ހަތަރު ބެޓެރީ ޕެކް ބޭނުންކޮށްގެންނެވެ. އަދި ދަތުރުމަތީގައި ބެޓެރީތައް ޗާޖުކުރުމަށްޓަކައި ބޯޓުގައި ކުޑަ ޓާބައިން ޖަނަރޭޓަރެއް ހަރުކޮށްފައި ހުރެ އެވެ. އެހެންވެ ބޯޓު ޖައްސާ ތަންތަނުގައި ޗާޖިން ސްޓޭޝަންތައް ބަހައްޓާކަށް ނުޖެހޭނެ އެވެ.
އެންމެ 150 ފޫޓުގެ ހުސް ބިމެއް އޮތް ނަމަ، ހެލިޕޯޓްތަކާއި ޕާކިން ލޮޓްތަކުގެ އިތުރުން ބޮޑެތި އިމާރާތްތަކުގެ ފުރާޅު މައްޗަށް ވެސް މި ބޯޓަށް ޖެއްސޭނެ އެވެ.
ހެލިކޮޕްޓަރުތަކާއި އާންމުކޮށް އުފައްދާ "ފްލައިން ކާރު" (އީވީޓީއޯއެލް) ތަކާ އަޅާބަލާއިރު، މި ބޯޓުގެ އަޑު ވަރަށް ބޮޑަށް މަޑުވެފައި، ދަތުރުކުރުމުގެ ހަރަދު ވެސް ކުޑަވާނެ އެވެ.
ނުވަ ފަސިންޖަރުންނާއި އެ މީހުންގެ ދަބަސްތަކާ އެކު، ނުވަތަ 3،000 ޕައުންޑުގެ މުދަލާ އެކު ގާތްގަނޑަކަށް 380 މޭލަށް (330 ނޯޓިކަލް މޭލަށް) މި ބޯޓަށް ދަތުރުކުރެވޭނެ އެވެ. އަދި މުދަލާއި ފަސިންޖަރުން ނުލައި 1،265 މޭލަށް ދަތުރުކުރުމުގެ ގާބިލްކަން މި ބޯޓަށް ލިބިފައިވެ އެވެ. މި ބޯޓު ދަތުރުކުރާނީ ގަޑިއަކު 201 މޭލުގެ ބާރުމިނުގަ އެވެ.
މިހާތަނަށް 52 އެއާލައިނަކާއި ވިޔަފާރި ކުންފުނިތަކުން ވަނީ މި މަރުކާގެ 2،100 އަށް ވުރެ ގިނަ ބޯޓަށް އޯޑަރު ދީފަ އެވެ. މި ހުރިހާ އޯޑަރެއްގެ ޖުމްލަ އަގު 8 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރަ އެވެ. މީގެ އިތުރުން އެމެރިކާގެ ވައިގެ އަސްކަރިއްޔާއިން ވެސް ވަނީ މި ބޯޓު ޓެސްޓުކުރުމަށް 4.7 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހަދައިފަ އެވެ.
އިލެކްޓްރާ ކުންފުނިން އަމާޒު ހިފާފައި ވަނީ 2027 ވަނަ އަހަރު މި ބޯޓުގެ އަސްލު ސައިޒުގެ ޓެސްޓް އުދުހުންތައް ފަށައި، 2029 ވަނަ އަހަރު ފަސިންޖަރުން އުފުލުމުގެ ހުއްދަ ހޯދައި އާންމު ދަތުރުތައް ފެށުމަށެވެ.