ދެކުނުއިރުމަތީ އޭޝިއާގެ ގައުމުތަކުގައި އޮންލައިން ސްކޭމް ހިންގާ ގޭންގުތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ފެށުމުން، ސްރީ ލަންކާއަށް ބަދަލުވެގެން އެފަދަ އަމަލުތައް ހިންގާ މީހުން ހޯދުމުގައި އެ ގައުމުގެ ފުލުހުންނަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން އެހީތެރިވާން ނިންމާފައިވާ ކަމަށް އެމެރިކާ އެމްބަސީން ބުނެފި އެވެ.
ލަންކާ ފުލުހުން ބުނާ ގޮތުގައި ސްކޭމް ނެޓްވޯކްތަކުން އެ ގައުމަށް އޮޕަރޭޝަންތައް ބަދަލުކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެއީ ލަންކާގެ ވިސާ އުސޫލުތައް ލުއިވުމާއި، ހަލުވި އަދި އިތުބާރު ހުރި އިންޓަނެޓްގެ ހިދުމަތް ލިބެން ހުރުމުން، އެފަދަ ކުށްވެރިންނަށް އެ ގައުމަކީ ރައްކާތެރި މަންޒިލަކަށް ވެފައިވާތީ ކަމަށް ފުލުހުން ބުނެ އެވެ.
ކޮލަމްބޯގައި ހުންނަ އެމެރިކާ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ ލަންކާގައި ތިބެގެން ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ ކުށުގެ ނެޓްވޯކްތައް ހުއްޓުވުމަށްޓަކައި، ތަހުގީގު ކުރުމުގެ އުކުޅުތަކާއި، ޑިޖިޓަލް ފޮރެންސިކްސް އަދި މައްސަލަތައް ބިނާކުރުމުގައި އެފްބީއައިގެ އޮފިސަރުން ލަންކާގެ ތަންފީޒީ އިދާރާތަކާ އެކު މަސައްކަތް ކުރާނެ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުން، އެފްބީއައިގެ ޓީމަކުން މި މަހު އެއް ހަފުތާ ވަންދެން ލަންކާގައި ހަރަކާތްތެރިވާނެ އެވެ. މި ދަތުރުގައި ލަންކާގެ ތަހުގީގުވެރިންނަށް ތަމްރީނު ދިނުމާއި، ސްކޭމްތަކުގެ ޝިކާރައަކަށްވާ މީހުން ދެނެގަތުމާއި، ކުށްވެރިންގެ ހަރަކާތްތައް ޓްރޭސް ކުރުމުގެ އިތުރުން އޮންލައިން ސްކޭމްތަކުގެ ޒިންމާވާން ޖެހޭ ފަރާތްތަކާ ދެކޮޅަށް ވަރުގަދަ ދައުވާތައް އުފުލުމަށް އެހީތެރިވެދޭނެ އެވެ.
އިންޓަނެޓް ބޭނުންކުރާ މީހުންނަށް ލޯބީގެ ދަޅަ ދައްކައިގެންނާއި، ކްރިޕްޓޯކަރަންސީ އިންވެސްޓްމަންޓްތަކުގެ ނަމުގައި އަދި ބެޓިން ޕްލެޓްފޯމްތައް މެދުވެރިކޮށް އޮޅުވާލައިގެން ފައިސާ ހޯދާ "ފްރޯޑް ކޮމްޕައުންޑް" ތައް ދެކުނުއިރުމަތީ އޭޝިއާގައި ވަނީ ވަރަށް ބޮޑަށް ފުޅާވެފަ އެވެ.
ޗައިނާ ބަހުން ވާހަކަދައްކާ މީހުންނަށް އެކަނި އަމާޒުކޮށްގެން ފުރަތަމަ ހިންގި މި ޖަރީމާތައް، މިހާރު އެ ގްރޫޕްތަކުން ވަނީ އެހެން ގިނަ ބަސްތަކަކަށް ވެސް ފުޅާކޮށްފަ އެވެ. މިފަދަ ސްކޭމްތައް ހިންގުމުގައި ބައެއް ފަހަރު އަމިއްލަ ރުހުމުގައި އުޅޭ މަކަރުވެރިން ބައިވެރިވާއިރު، އަނެއްބައި މީހުންނަކީ ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށްވެ، މަޖުބޫރުން އެ މަސައްކަތް ކުރުވާ ބިދޭސީންނެވެ.
އޮފިޝަލުން ބުނާ ގޮތުގައި ލަންކާގައި ތިބެގެން ހިންގާ ނެޓްވޯކްތަކުން އިންޑިއާ، ވިއެޓްނާމް އަދި ފިލިޕީންސް ފަދަ އޭޝިއާގެ އެކި ގައުމުތަކުގެ މީހުންނަށް އަމާޒުކޮށްގެން ސްކޭމް ހިންގާއިރު، ދެން އޮތީ ލަންކާގެ ރައްޔިތުންނަށް މި ނުރައްކާ ކުރިމަތިވުން ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.
މި އަހަރު ފެށުނީއްސުރެ މިހާތަނަށް ލަންކާ ފުލުހުން ވަނީ ސައިބަ ކްރައިމްގެ ތުހުމަތުގައި 1،100 އަށް ވުރެ ގިނަ ބިދޭސީން ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ގިނައީ ޗައިނާ، ވިއެޓްނާމް އަދި އިންޑިއާގެ ރައްޔިތުންނެވެ.
މި މައްސަލައިގައި ލަންކާއިން ވަނީ ޗައިނާގެ އެހީތެރިކަމަށް ވެސް އެދިފަ އެވެ. އަދި ސައިބަ ކްރައިމްއާ ދެކޮޅަށް ކުރާ މަސައްކަތުގައި އިތުރަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ޗައިނާއިން ވަނީ ދީފަ އެވެ.
ކޮލަމްބޯގައި ހުންނަ ޗައިނާ އެމްބަސީން މިދިޔަ މާޗް މަހު ބުނެފައިވާ ގޮތުގައި ކެމްބޯޑިއާ، މިޔަންމާ އަދި ޔޫއޭއީގައި މިފަދަ ކުށްވެރިންނާ ދެކޮޅަށް ހިންގި އޮޕަރޭޝަންތަކަށް ފަހު، ލަންކާގައި އެފަދަ ހަރަކާތްތައް ވަނީ އިތުރުވެފަ އެވެ. -- އޭއެފްޕީ