މައިމީހާގެ ރަހިމުގައި އޮތް ކުއްޖެއްގެ މައިބަދައިގައި އުފެދިފައި ހުރި ސީރިއަސް އައިބެއް ރަނގަޅު ކުރުމަށް "އޯޕަން ފީޓަލް ސާޖަރީ" އެއް އިންޑިއާގައި ފުރަތަމަ ފަހަރަށް ކާމިޔާބުކަމާ އެކު ކޮށްފި އެވެ.
ނިއު ދިއްލީގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) ގައި މި މަހުގެ 12 ވަނަ ދުވަހު މި އޮޕަރޭޝަން ކުރީ ބަނޑަށް 25 ހަފުތާގަ އެވެ. އެއީ ކުއްޖާގެ މައިބަދައަށް ދިމާވާ ނުރައްކާތެރި ހާލަތެއް ކަމަށްވާ "މައިލޯމެނިންގޯސީލް" އަށް ފަރުވާ ދިނުމަށް ކުރި އޮޕަރޭޝަނެކެވެ. މިއީ 'ސްޕައިނާ ބިފިޑާ' ގެ އެންމެ ސީރިއަސް ބާވަތަށް ފަރުވާކުރުމުގެ އޮޕަރޭޝަނެކެވެ.
ހަ ގަޑިއިރަށް ދެމިގެންދިޔަ މި އޮޕަރޭޝަނުގައި، އެއިމްސް ދިއްލީގެ ނިއުރޯސައިންސަސް ސެންޓަރުގެ ސާޖަނުން ވަނީ މައިމީހާގެ ރަހިމު ހުޅުވައިގެން، ކުއްޖާގެ މައިބަދައިން ސެރެބްރޯސްޕައިނަލް ފްލުއިޑް ލީކުވަމުންދިޔަ ތަން ބައްދައިފަ އެވެ.
ފަސް ހަފުތާގެ ތައްޔާރީތަކަށް ފަހު ކުރި މި އޮޕަރޭޝަނުގައި 30 އަށް ވުރެ ގިނަ ޑޮކްޓަރުންނާއި ނަރުހުން އަދި އެކި ދާއިރާތަކުގެ ސްޕެޝަލިސްޓުން ބައިވެރިވި އެވެ. އޭގެ ތެރޭގައި މެޓާނަލް-ފީޓަލް މެޑިސިން، ނިއުރޯސާޖަރީ، އޮބްސްޓެޓްރިކް އެނެސްތީޝިއާ، ޕްލާސްޓިކް ސާޖަރީ އަދި ނިއޯނޭޓޮލޮޖީ ޓީމުތައް ހިމެނެ އެވެ.
އެ ހޮސްޕިޓަލުން ބުނި ގޮތުގައި އޮޕަރޭޝަނަށް ފަހު މައިމީހާ އާއި ބަނޑުގައި އޮތް ދަރިފުޅުގެ ހާލު ވެސް ރަނގަޅެވެ. އަދި ދެމައިންނަށް ވެސް ހޮސްޕިޓަލުގައި އަންނަނީ ހާއްސަ ފަރުވާ ދެމުންނެވެ.
ޑޮކްޓަރުން ވިދާޅުވި ގޮތުގައި މިއީ މި ބައްޔަށް އޮތް މުޅިން އެއްކޮށް ރަނގަޅުވާ ފަރުވާއަކަށް ނުވި ނަމަވެސް، ކުއްޖާ އުފަންވުމުގެ ކުރިން މައިބަދަ ރަނގަޅު ކުރުމުން ސްޕައިނަލް ކޯޑަށް އިތުރު ގެއްލުން ލިބުމުން ސަލާމަތްވެ، ސިކުނޑީގައި ފެން އުފެދުން މަދުކޮށްދެ އެވެ. އަދި އެހެން ހެދުމުން، ކުއްޖާ ބޮޑުވެގެން އަމިއްލައަށް ހިނގައި އުޅެވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ވެސް ޑޮކްޓަރުން ފާހަގަކުރެ އެވެ.
އިންޑިއާ ސަރުކާރުގެ "ޖަނާނީ ޝިޝޫ ސުރަކްޝާ ކާރްޔަކްރަމް" (ޖޭއެސްއެސްކޭ) ސްކީމްގެ ދަށުން އެއްވެސް އަގަކާ ނުލައި ކޮށްދިން މި އޮޕަރޭޝަނާ ގުޅިގެން، އެއިމްސް އިން މިހާރު އަމާޒު ހިފާފައި ވަނީ މިފަދަ އެހެން އާއިލާތަކަށް ވެސް މި ހިދުމަތް ފޯރުކޮށްދިނުމަށް ހާއްސަ ފީޓަލް-ކެއާ ޕްރޮގްރާމެއް ގާއިމުކުރުމަށެވެ.
މީގެ އިތުރުން، ސިއްހީ ދާއިރާއިން އިންޑިއާ އިން ދާދި ފަހުން ހޯދި އެހެން ކުރިއެރުންތަކަށް ބަލާއިރު، މިދިޔަ އޮކްޓޯބަރު މަހު ބެންގަލޫރުގެ އެޕޯލޯ ހޮސްޕިޓަލުގައި ވަނީ އިންޑިއާގެ ފުރަތަމަ "ޑާ ވިންޗީ 5" ރޮބޮޓިކް ސާޖަރީ ކާމިޔާބުކަމާ އެކު ކޮށްފަ އެވެ. އަދި އިންޑިއާގައި އުފެއްދި "އެސްއެސްއައި މަންތްރާ" ރޮބޮޓިކް ސިސްޓަމް ބޭނުންކޮށްގެން، އެއް ބައްރުން އަނެއް ބައްރަށް، ދުރުގައި ތިބެގެން އޮޕަރޭޝަން ކުރުމުގެ (ޓެލެސާޖަރީ) ހިދުމަތް ވެސް އިންޑިއާގެ ސާޖަނުން ވަނީ ދީފަ އެވެ.