ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތު ކުރެވޭ އަންހެނަކާ އެކު ބޭއްވި ނަހަމަ ގުޅުންތަކެއްގެ މައްސަލަ ފެންމަތިވެ، މަގާމުން އިސްތިއުފާ ދެއްވި ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކް ކުންފުނި ކަމަށްވާ އެންވީޑިއާގެ ސީއީއޯ ޖެންސެން ހުއާންގް އަލުން އެ މަގާމަށް ހަމަޖައްސަން އެ ކުންފުނީގެ ބޯޑުން ނިންމައިފި އެވެ.
އެންވީޑިއާގެ ޑިރެކްޓަރުންގެ ބޯޑުގެ އިއްތިފާގުން މިއަދު ނިންމި މި ނިންމުމާ އެކު، ކުންފުނީގެ ރައީސްކަމާއި، ސީއީއޯކަމުގެ އިތުރުން ބޯޑު މެންބަރުކަން ވަގުތުން އޭނާއަށް ވަނީ އަނބުރާ ދީފަ އެވެ.
މިއީ މި މަހުގެ 12 ވަނަ ދުވަހު ހުއާންގް އިސްތިއުފާ ދެއްވިތާ ދެ ހަފުތާ ވެސް ނުވަނީސް ގެނައި ކުއްލި ބަދަލެކެވެ.
އެންވީޑިއާއިން ނެރުނު ރަސްމީ ބަޔާނެއްގައި ބުނީ، ހުއާންގް އަލުން މަގާމަށް ގެންނަން ނިންމީ އޭނާގެ ތެދުވެރިކަމާއި ކުންފުނި ހިންގުމުގެ ގާބިލުކަމާ މެދު ބޯޑުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. އަދި އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުންނާ އެކު ކުރި މަޝްވަރާތަކަށް ފަހު، އޭނާ އެނބުރި މަގާމަށް އައުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ނޫން ކަމަށް ބޯޑުން ނިންމާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ އެންވީޑިއާގެ މި ނިންމުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވިދާޅުވެ އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ.
ނަމަވެސް، ބޭރުގެ ޖާސޫސީ އިދާރާއަކުން ހުއާންގް އަށް އަމާޒުކޮށް ހިންގި ކަމަށް ބުނާ ކަންކަމާ ގުޅޭ ތަހުގީގު، ބޯޑުގެ މިނިވަން ކޮމިޓީއަކުން ކުރިއަށް ގެންދާނެ އެވެ. އަދި އެ ތަހުގީގަށް ހުއާންގްގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށާއި، ވިޔަފާރީގެ އުސޫލުތައް ބެލެހެއްޓުމަށް އެކުލަވާލާފައިވާ ނޭޝަނަލް ސެކިއުރިޓީ އެންޑް އެކްސްޕޯޓް ކޮންޓްރޯލް ކޮމިޓީގެ މަސައްކަތްތައް ވެސް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ހުއާންގް އިސްތިއުފާ ދެއްވުމާ ގުޅިގެން ވަގުތީ ސީއީއޯގެ މަގާމު ފުރުއްވަމުން ގެންދެވި ކޮލެޓް ކްރެސް، ދެން އަލުން ބަދަލުވާނީ އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ގެ މަގާމަށެވެ. އަދި ބޯޑުގެ ޗެއާމަންގެ މަގާމުގައި ހާވޭ ސީ ޖޯންސް ދެމިހުންނަވާނެ އެވެ.
މި ނިންމުން އިއުލާން ކުރުމާ އެކު، ހިއްސާގެ ބާޒާރުގައި އެންވީޑިއާގެ ހިއްސާގެ އަގު ވަނީ 26 ޕަސެންޓަށް ވުރެ މައްޗަށް އުފުލިފަ އެވެ.