ޔޫޓިއުބްގައި އާންމުކޮށްފައިވާ "ގެއްލުންދެނިވި" ކޮންޓެންޓްތައް ނެގުމުގައި ގޫގުލް އިން އިހުމާލުވެފައިވާ ކަމަށް ބުނެ، އެ ކުންފުންޏާ ދެކޮޅަށް 146 މިލިއަން ޑޮލަރުގެ ދައުވާއެއް މެލޭޝިއާ އިން މިއަދު އުފުލައިފި އެވެ.

މެލޭޝިއަން ކޮމިއުނިކޭޝަންސް އެންޑް މަލްޓިމީޑިއާ ކޮމިޝަން (އެމްސީއެމްސީ) އިން ބުނި ގޮތުގައި ގޫގުލްއާ ދެކޮޅަށް ދެ ދައުވާއެއް ވަނީ ކޮށްފަ އެވެ. އެއީ ގާނޫނީ ޒިންމާތަކާއި ލައިސަންސްގެ ޝަރުތުތަކާ ހިލާފުވެފައިވާ ކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލަތަކެކެވެ.

އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ފުރަތަމަ ދައުވާއަކީ ޖުވާކުޅުމާއި ސްކޭމް އަދި މަކަރާއި ހީލަތް ހެދުން ފަދަ އެތައް ހާސް އޮންލައިން ކޮންޓެންޓަކާ މެދު ފިޔަވަޅު އެޅުމުގައި އެމެރިކާގެ އެ ކުންފުނި ނުކުޅެދިފައިވާތީ ކުރި ދައުވާއެއް ކަމަށެވެ.

މި އަހަރުގެ ޖެނުއަރީ 1 އިން އޮކްޓޫބަރު 28 އާ ދެމެދު ޔޫޓިއުބަށް 73،703 ރިޕޯޓެއް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން ގިނައީ އޮންލައިން ޖުވާއާ ގުޅޭ މައްސަލަތައް ކަމަށް އެމްސީއެމްސީން ބުންޏެވެ. ޖުވާއާ ގުޅޭގޮތުން ހުށަހެޅި ރިޕޯޓުތަކުގެ ތެރެއިން 4،950 މައްސަލައަކަށް އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށާއި، 35 މައްސަލައަކަށް ޖަވާބުދީ ކޮންޓެންޓް ނެގުމަށް 90 ދުވަހަށް ވުރެ ގިނަ ދުވަސް ނެގި ކަމަށް ވެސް އެ ކޮމިޝަނުން ފާހަގަކުރި އެވެ. އަދި 1،468 މައްސަލައަކަށް 30 ދުވަހަށް ވުރެ ގިނަ ދުވަސް ހޭދަވި ކަމަށް ވެސް ބުންޏެވެ.

"މި އަދަދުތަކުން ދައްކުވައިދެނީ އެ ޕްލެޓްފޯމްގައި ގެއްލުންދެނިވި ކޮންޓެންޓް ހުރި މިންވަރާއި، އެފަދަ ކޮންޓެންޓްތަކަށް ފިޔަވަޅު އެޅުމުގައި ހުރި ލަސްކަން،" އެމްސީއެމްސީން ބުންޏެވެ.

ދެވަނަ ދައުވާއަކީ މެލޭޝިއާގެ ބްލޮގަރަކު އާންމުކުރި އަބުރާ ބެހުމާއި ދޮގު މައުލޫމާތު ހިމެނޭ ކޮންޓެންޓެއް ނެގުމަށް އެ ކޮމިޝަނަށް ލިބުނު ޝަކުވާއަކާ ގުޅިގެން އެންގުމުން ވެސް އެ ކޮންޓެންޓް ނުނަގައިގެން ކުރި ދައުވާއެކެވެ. މިކަމާ ގުޅޭގޮތުން ގޫގުލްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ގޫގުލްއާ ދެކޮޅަށް މި ދައުވާތައް އުފުލާފައި މިވަނީ، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މެލޭޝިއާގައި ޑޭޓާ ސެންޓަރުތަކާއި އެހެނިހެން އުމްރާނީ ވަސީލަތްތައް ގާއިމުކުރުމަށް 15 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމާފައިވާކަން އެ ކުންފުނިން އިއުލާންކުރިތާ ތިން ހަފުތާ ފަހުންނެވެ. މިއީ 2024 ވަނަ އަހަރު އިއުލާންކުރި 2 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމަށް ނިންމި ނިންމުމެކެވެ.

އޭއައި ޓޫލްތައް ހިންގުމަށް ބޭނުންވާ ސާވާތައް ހިމެނޭ އާ ޑޭޓާ ސެންޓަރުތައް ގާއިމުކުރުމުގައި މެލޭޝިއާ އަކީ ދެކުނު އިރުމަތީ އޭޝިއާގައި އެންމެ ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ މަރުކަޒެވެ. މެލޭޝިއާ އިން ވަނީ މީގެ ކުރިން ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާ ދެކޮޅަށް ވެސް، އާންމު އަދަބާ ހިލާފު ކޮންޓެންޓްތައް ނުނަގާ ކަމަށް ބުނެ ފިޔަވަޅު އަޅައިފަ އެވެ. -- އޭއެފްޕީ