ބައިނަލްއަގުވާމީ ދަތުރުފަތުރު ކުރާ މީހުންނަށް ހާއްސަކޮށްގެން، ވަޓްސްއެޕް އެޕްލިކޭޝަންގެ ތެރެއިން ޓްރެވަލް އީ-ސިމް ގަނެ، އިންސްޓޯލްކޮށް، ބޭނުންކުރެވޭނެ އާ ފީޗާއެއް ތައާރަފުކުރަން އެ ކުންފުނިން ނިންމައިފި އެވެ.

ވަޓްސްއެޕުން އިއްޔެ އިއުލާނުކުރި ގޮތުގައި، މި އާ ހިދުމަތުގެ ސަބަބުން ގައުމުން ބޭރަށް ދަތުރުކުރާ މީހުންނަށް އެއާޕޯޓުތަކުން ސިމް ކާޑު ހޯދުމަށް އުފުލަންޖެހޭ ތަކުލީފުތަކާއި، ރޯމިން އަގުބޮޑުވުމުގެ މައްސަލައަށް ބޮޑު ލުޔެއް ލިބޭނެ އެވެ.

މި ހިދުމަތް ހޯދުމަށް، ވަޓްސްއެޕްގެ ސެޓިންގްސްގައި ހިމެނޭ "އެކައުންޓް" ބައިން، ދަތުރުކުރާ ގައުމަކަށް ނުވަތަ ސަރަހައްދަކަށް ހާއްސަ ޑޭޓާ ޕްލޭންތައް ބަލައި ގަނެވޭނެ އެވެ. މީގެ ތެރޭގައި ވަކި މިންވަރަކަށް ޑޭޓާ ލިބޭ ޕެކޭޖްތަކާއި އަންލިމިޓެޑް ޑޭޓާ ޕްލޭންތައް ވެސް ހިމެނެ އެވެ.

ޕްލޭނެއް ގަތުމުން ފޯނަށް އީ-ސިމް އިންސްޓޯލް ވާނެ އެވެ. އަދި ދަތުރުކުރާ ގައުމަށް ދެވުމާ އެކު އެ ގައުމެއްގެ ނެޓްވޯކާ ގުޅި، އޮޓޮމެޓިކުން ޑޭޓާ ޕްލޭން އެކްޓިވޭޓް ވާނެ އެވެ.

މިއީ ހަމައެކަނި އިންޓަނެޓް ޑޭޓާ ލިބޭ ހިދުމަތަކަށް ވާތީ، ފޯނުގައި މިހާރު ބޭނުންކުރާ ސިމް ކާޑު ނަގާކަށް ނުޖެހޭނެ އެވެ. އަދި ވަޓްސްއެޕްގައި ބޭނުންކުރާ އަމިއްލަ ނަންބަރާއި ޗެޓްތަކަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ.

ޑޭޓާ ހުސްވާން ކައިރިވުމުން ވަޓްސްއެޕުން އެކަން އަންގައިދޭނެ އެވެ. އަދި އީ-ސިމް އަލުން އިންސްޓޯލް ކުރުމަކާ ނުލައި، ހަމަ އެ މެނޫއިން އިތުރު ޕްލޭނެއް ގަނެވޭނެ އެވެ.

މި ހިދުމަތް ދިނުމަށްޓަކައި ވަޓްސްއެޕުން ވަނީ ދުނިޔޭގެ ބޮޑެތި ޓެލެކޮމް ކުންފުނިތަކާ އެކު ޕާޓްނަޝިޕް ހަދައިފަ އެވެ. އޭގެ ތެރޭގައި އިންޑިއާގެ އެންމެ ބޮޑު އެއް ޓެލެކޮމް ކުންފުނި ކަމަށްވާ ރިލަޔަންސް ޖިއޯގެ އިތުރުން، ސްމާޓް އަކްސިއާޓާ، ސްމާޓް ކޮމިއުނިކޭޝަންސް، ވެރައިޒަން އަދި އީ-ސިމް އިންފްރާސްޓްރަކްޗާ ފޯރުކޮށްދޭ 1ގްލޯބަލް ހިމެނެ އެވެ.

މި ހިދުމަތް ރަސްމީކޮށް ފަށާނެ ވަކި ތާރީހަކާއި ޕެކޭޖްތަކުގެ އަގުތައް ވަޓްސްއެޕުން އަދި ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް، ވަރަށް އަވަހަށް، ހޮވާލެވޭ ގައުމުތަކެއްގައި މި ހިދުމަތް ދޭން ފަށާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.