ކޮރަޕްޝަނުގެ ކުށުގައި ބްރެޒިލްގެ ކުރީގެ ރައީސް ޖަލަށް

ރިއޯ ޑި ޖެނީރޯ (ޖުލައި 13) - ކޮރަޕްޝަނުގެ ކުށުގައި ބްރެޒިލްގެ ކުރީގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާގެ މައްޗަށް ނުވަ އަހަރާއި ބައިގެ ޖަލު ހުކުމެއް އިއްވައިފި އެވެ.


ލޫލާގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ ބްރެޒިލްގެ ގައުމީ ތެޔޮ ކުންފުނި ޕެޓްރޯބްރާސްގެ ކޮރަޕްޝަނުގެ މައްސަލަގަނޑެއްގެ ރިޝްވަތުގެ ގޮތުގައި އެޕާޓްމަންޓެއް ދިން ކަމަށް ބުނާ މައްސަލަ އެވެ. ލޫލާ ވަނީ މި ތުހުމަތު ދޮގު ކުރައްވައިފަ އެވެ. އަދި އެއީ ސިޔާސީ ގޮތުން އުފައްދާފައިވާ މައްސަލައެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ. މިއީ ރައީސް ލޫލާގެ މައްޗަށް ތުހުމަތުކޮށްފައިވާ ފަސް ދައުވާގެ ތެރޭން ފުރަތަމަ މައްސަލަ އެވެ.

ލޫލާގެ ވަކީލުން ވިދާޅުވީ މި މައްސަލަ އިސްތިއުނާފް ކުރާނެ ކަމަށާއި ލޫލާގެ އެއްވެސް ކުށެއް ނެތް ކަމަށެވެ. ވަކީލުން ވިދާޅުވީ ސިޔާސީ ގޮތުން އުފައްދައިގެން އުޅޭ މައްސަލައެއްގެ ތެރޭގައި ތިން އަހަރު ވަންދެން ލޫލާ ގެންގުޅުނު ނަމަވެސް ކުށުގެ ހެއްކެއް ސާބިތު ކޮށްދެވިފައި ނުވާ ކަމަށެވެ.

ލޫލާ ވަނީ 2011 ވަނަ އަހަރާ ހަމައަށް ބްރެޒިލްގައި އަށް އަހަރު ވެރިކަން ކުރައްވައިފަ އެވެ. އަދި ވާތު ފިޔައިގެ ވޯކާސް ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ވަނީ ފާޅު ކުރައްވައިފަ އެވެ.

ވޯކާސް ޕާޓީގެ ލީޑަރު ސެނޭޓާ ގްލެއިީ ހޮފްމަން ވިދާޅުވީ މިއީ ލޫލާ އިންތިޚާބަށް ނުކުންނަވައިފާނެތީ ކުރި ކަމެއް ކަމަށެވެ. އަދި މި ހުކުމާ ޕާޓީން ދެކޮޅު ހަދާނެ ކަމަށް ވިދާޅުވި އެވެ.

މި މައްސަލައިގައި ކޯޓުގެ ހުރިހާ މަރުހަލާއެއް ނިމެންދެން ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމަށް ލޫލާ އަށް ގާނޫނީ ހުރަހެއް ނެތެވެ. ކޯޓުން ވަނީ ލޫލާގެ މައްސަލަ އިސްތިއުނާފް ކުރަން ބޭނުންވާތީ ހުކުމް ތަންފީޒު ކުރުން ފަސްކޮށްފަ އެވެ.