ޖަރުމަނުގެ ދެ ޖެޓުގެ އެހީގައި ކޮރެއާގެ ބޯޓެއް ޖައްސައިފި

ޒިއުރިކް (ޖުލައި 16) - އެއާ ޓްރެފިކް ކޮންޓްރޯލާ ގުޅުން ކަނޑުނު ކޮރެއަން އެއާގެ މަތިންދާބޯޓެއް ޖަރުމަނުގެ ހަނގުރާމަތީ ދެ ޖެޓުގެ އެހީގައި ޖައްސައިފި އެވެ.


ސައުތު ކޮރެއާގެ ވެރިރަށް ސޯލުން ފުރައިގެން ސްވިޓްޒަލެންޑުގެ ޒިއުރިކަށް ދަތުރު ކުރި ބޯޓުގައި 200 ޕަސިންޖަރުން ތިއްބެވެ. އެއާ ޓެރެފިކާ ގުޅުން ކެނޑުމުން ބޯޓު ވަނީ ޖަރުމަނުގެ ސްޓުޓްގާޓުގައި ޖައްސައިފަ އެވެ.

އެއާޕޯޓުގެ ތަރުޖަމާނަކު ވިދާޅުވީ ޖަރުމަނުގެ ހަނގުރާމަ މަތީ ދެ ޖެޓް ފޮނުވީ ކޮރެއަން އެއާގެ ބޯޓާ ގުޅުން ކެނޑުމުން ސްޓުޓްގާޓުގައި ޖެއްސުމަށް އެހީތެރިކަން ދިނުމަށް ކަމަށެވެ. ސްޓުގާޓުގައި ޖެއްސުމުން ފަސިންޖަރުން ރޭ ހޭދަކުރީ ޓާމިނަލްގެ ކޭމްޕުގަ އެވެ. އެ މީހުން މިއަދު ވަނީ ބަސްތަކުގައި ޒިއުރިކަށް ގެންގޮސްފަ އެވެ.

މިދިޔަ ހުކުރު ދުވަހު ވެސް ވަނީ މިސްރުގެ ބޯޓެއްގެ މުވާސަލާތީ ގުޅުން ކެނޑުމުން ޖަރުމަނުގެ ހަނގުރާމަ މަތީ ދެ ބޯޓު ފޮނުވައިފަ އެވެ. ނަމަވެސް އެ ބޯޓުތައް ދިއުމުގެ ކުރިން މިސްރުގެ ބޯޓަށް ވަނީ އެއާ ޓްރެފިކް ޓަވަރާ ގުޅިފަ އެވެ.