ލަންޑަން (އޮގަސްޓް 18) - ނޯބެލް ސުލްހައިގެ އިނާމު ހޯދާފައިވާ ޕާކިސްތާނުގެ މަލާލާ ޔޫސުފް ޒައި އިނގިރޭސި ވިލާތުގެ މަޝްހޫރު އޮކްސްފޯޑް ޔުނިވާސިޓީން ތައުލީމް ހާސިލް ކުރަން ފަށައިފި އެވެ.

ޝަރަފުވެރި ޔުނިވާސިޓީން ފުރުސަތު ލިބުނުކަން އުމުރުން 20 އަހަރުގެ މާލާލާ އިއްޔެ ވަނީ ޓްވީޓްކޮށްފަ އެވެ. އޮކްސްފޯޑް ޔުނިވާސިޓީގައި މަލާލާ ކިޔަވާނީ ފިލޯސޮފީ، ޕޮލިޓިކްސް އަދި އިކޮނޮމިކްސް އެވެ.

އަންހެން ކުދިން ތައުލީމް އުނގެނުމަށް ބާރު އެޅުމަށް ކެމްޕޭން ކުރަމުން ދިޔަ މަލާލާގެ ބޮލަށް ތާލިބާނުން 2012 ވަނަ އަހަރު ބަޑިޖެހުން އޭނާގެ ފުރާނަ ސަލާމަތްވީ ކިރިޔާ އެވެ. އޭނާ އަށް ފަރުވާ ދިނީ ބާމިންހަމްގެ ހޮސްޕިޓަލަކުންނެވެ. އެއަށް ފަހު އިނގިރޭސި ވިލާތުގައި އޭ އެލެވެލް ހަދާ ނިމުމާ އެކު އޭނާ އަށް ވަނީ ވަރަށް ގިނަ ޔުނިވާސިޓީތަކުން ފުރުސަތު ދީފަ އެވެ.

މަލާލާ އަށް 2014 ވަނަ އަހަރު ވަނީ އުމުރުން 17 އަހަރުގައި ނޯބެލް ސުލްހައިގެ އިނާމު ލިބިފަ އެވެ. އަދި އޭނާ ވަނީ ދުނިޔޭގެ މި ޝަރަފުވެރި އިނާމު ހޯދި އެންމެ ހަގު ކުއްޖާގެ ފަޚުރު ހޯދައިފަ އެވެ. މިދިޔަ އެޕްރީލް މަހު މަލާލާ ވަނީ އދ.ގެ ސުލްހައިގެ މެސެންޖަރަކަށް ހަމަޖައްސައިފަ އެވެ.

އޮކްސްފޯޑް ޔުނިވާސިޓީން ތައުލީމް ހާސިލްކުރި މަޝްހޫރު ފަރާތްތަކުގެ ތެރޭގައި ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ބޭނަޒީރު ބުއްޓޫ، މިއަންމާގެ ޑިމޮކްރެސީ ލީޑަރު އަން ސަންް ސޫކީ އަދި އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑު ވަޒީރު ޑޭވިޑް ކެމަރަން ހިމެނެ އެވެ.