ޕިއޮންޔޮން (ސެޕްޓެމްބަރު 19) - ދަތި ކުރުމުގެ ފިޔަވަޅު އަޅައިގެން ނުހުއްޓުވޭނެ ކަމަށާއި ފިޔަވަޅު އެޅިވަރަކަށް ނިއުކްލިއާ ޕްރޮގްރާމް ހަލުވި ވާނެ ކަމަށް ބުނެ ނޯތު ކޮރެއާ އިން އިންޒާރު ދީފި އެވެ.
ނޯތު ކޮރެއާގެ ފޮރިން މިނިސްޓްރީން ނެރުނު ހަރުކަށި ބަޔާނެއްގައި ބުނީ އދ. އިން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ އެއްވެސް ރަހުމެއް ނެތް އަދާވާތްތެރިކަމުގެ ފިޔަވަޅުތަކެއް ކަމަށެވެ.
"އެމެރިކާ އާއި އެ ގައުމުގެ ބައިވެރިން ގުޅިގެން ނޯތު ކޮރެއާ ދެކޮޅަށް ފިޔަވަޅު އެޅި ވަރަކަށް ނިއުކްލިއާ ބާރެއްގެ ދަރަޖަ އަށް ވާސިލް ވުމަށް ނޯތު ކޮރެއާ އިން ކުރަމުންދާ މަސައްކަތް ހަލުވިވުން ނޫން ކަމެއް ނުވާނެ،" ގައުމީ ނޫސް އެޖެންސީން އާއްމު ކުރި ބަޔާނުގައި ބުނެފައިވެ އެވެ.
މި މަހު 11 ވަނަ ދުވަހު ސަލާމަތީ މަޖިލީހުން ފާސްކުރި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ގަރާރުގެ ބޭނުމަކީ ނޯތު ކޮރެއާ މީހުންނަށް ޖިސްމާނީ ގޮތުން ގެއްލުން ދިނުމާއި ސަރުކާރާއި މުޅި ގައުމުގެ ނިޒާމު ހަލާކުކޮށްލުން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ނޯތު ކޮރެއާގެ ޓެކްސްޓައިލް އެކްސްޕޯޓް މަނާކޮށް، އެ ގައުމަށް ތެޔޮ އެތެރެކުރުން ލިމިޓް ކުރަން ސަލާމަތީ މަޖިލީހުން ފާސްކުރީ ނޯތު ކޮރެއާ އިން ކުރި ހަ ވަނަ މިސައިލް ޓެސްޓާ ގުޅިގެންނެވެ.
ނޯތު ކޮރެއާ އަށް ދަތިކުރުމުގެ ފިޔަވަޅު އެޅި ނަމަވެސް އެ ފިޔަވަޅުތަކުގެ އަސަރު ކުރާނެ ކަމަށް ތަޖްރިބާކާރުން ގަބޫލެއް ނުކުރެ އެވެ. ސަބަބަކީ ނޯތު ކޮރެއާގެ ވިޔަފާރި ޕާޓްނަރު ޗައިނާ އިން އެ ގައުމާ އެކު ވިޔަފާރީގެ މުއާމަލާތްތައް ފުޅާ ދާއިރާއެއްގައި ހިންގަމުން ގެންދިއުމެވެ.
ނޯތު ކޮރެއާ އަށް ޕްރެޝަރު ކުރުމާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޗިންޕިން އިއްޔެ ވަނީ ފޯނުން މަޝްވަރާ ކުރައްވައިފަ އެވެ.