ކުއާލަ ލަމްޕޫރު (އޮކްޓޯބަރު 2) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ބޭބެ ކިމް ޖޮން-ނަމް މަރާލި ކަމަށް ބުނާ ދެ އަންހެނުން ދައުވާ އަށް މިއަދު އިންކާރު ކޮށްފި އެވެ.
ފުރަން މަތިންދާ ބޯޓަށް އަރަން ދަނިކޮށް ކިމްގެ މޫނު މަތީގައި ވިހަ ފޮތިގަނޑެއް އަޅައިގެން މި އަހަރުގެ ފެބްރުއަރީ މަހު އޭނާ މަރާލި ކަމަށް ތުހުމަތުކޮށްފައި ވަނީ ވިއެޓްނާމުގެ ދޮއާން ތި ހުއޮން، 29، އާއި އިންޑޮނީޝިއާގެ ސިއްތި އައިޝިޔާ، 25، ގެ މައްޗަށެވެ. ޝާހު އާލަމުގެ ކޯޓަކަށް އެ ދެ އަންހެނުން މިއަދު ހާޒިރުކޮށް ދައުވާ އިއްވުމުން ތަރުޖަމާނެއްގެ އެހީގައި ބުނެފައި ވަނީ ކިމް މަރާލުމުގައި ބައިވެރި ނުވާ ކަމަށެވެ. ކިމް މަރާލި ކަމަށް އެ ދެ އަންހެނުންގެ މައްޗަށް ސާބިތު ވެއްޖެ ނަމަ މަރުގެ ހުކުމް އަންނާނެ އެވެ.
ދެ އަންހެނުންގެ ވަކީލުން ދިފާއު ބިނާ ކުރާނެ ކަމަށް ބެލެވެނީ ކިމް މަރާލީ ނޯތު ކޮރެއާގެ އެޖެންޓުން ކަމަށެވެ. އަދި އެ މީހުން ވަނީ މެލޭޝިއާ އިން ފިލައިގެން ގޮސްފައި ކަމަށް ވަކީލުން ބުނެ އެވެ.
ފެބްރުއަރީ 13 ވަނަ ދުވަހު ކިމް މަރާލީ ހެނދުނު އެންމެންގެ ކުރިމަތީގަ އެވެ. އަދި ސެކިއުރިޓީ ކެމެރާތަކަށް އެ މަންޒަރު ވަނީ ރެކޯޑްވެފަ އެވެ. ދެ އަންހެނުން މީހުން ތެރޭން ދުވެފައި ގޮސް ކިމްގެ މޫނުގައި ވިހަ ފޮތިގަނޑު އުނގުޅާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނެ އެވެ. މި ހަމަލާ އަށް ފަހު ކިމް ވަނީ އެއާޕޯޓުގެ އޮފިޝަލުންގެ ކިބައިން އެހީ އަށް އެދިފަ އެވެ. އެކަމަކު މަދު މިނިޓް ކޮޅެއްގެ ތެރޭގައި އޭނާ ވަނީ މަރުވެފަ އެވެ. ކިމްގެ އޮޓޮޕްސީ އަށް ފަހު މެލޭޝިއާގެ އޮފިޝަލުން ބުނެފައި ވަނީ އޭނާގެ މޫނުގައި އުނގުޅާފައި ވަނީ ވަރަށް ވިހަގަދަ މާއްދާއެއް ކަމަށްވާ ވީއެކްސް ގޭސް ކަމަށެވެ.
ކިމްގެ މަރުގެ ތުހުމަތު ނޯތު ކޮރެއާގެ އޮފިޝަލުންގެ މައްޗަށް ވެސް ވަނީ ކޮށްފަ އެވެ. އެކަމަކު ތުހުމަތު ކުރި ނޯތު ކޮރެއާ މީހުން ވަނީ މެލޭޝިއާ އިން ފިލައިގެން ގޮސްފަ އެވެ.
ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންއާ ކިމްއާ ދެމެދު ޚިޔާލު ތަފާތުވުމުން ކިމް ދިރިއުޅެނީ މަކާއޫގަ އެވެ. އެކަމަކު ކިމް މަރާލުމުގެ ފަހަތުގައި ވަނީ ކޮން ކަމެއްކަން ނޭނގެ އެވެ.