ރޮހިންޖާ ރެފިއުޖީން އުފުލާ ބޯޓުތައް ބަންގްލަދޭޝް އިން ހަލާކުކޮށްލައިފި

ކޮކްސް ބާޒާރު (އޮކްޓޯބަރު 5) - ރޮހިންޖާ މުސްލިމް ރެފިއުޖީން މިއަންމާ އިން އުފުލާ ކުދި ބޯޓުތަކެއް ބަންގްލަދޭޝް އިން ހަލާކުކޮށްލައިފި އެވެ.


ރޮއިޓާސް އިން ބުނީ ބަންގްލަދޭޝްގެ ބޯޑަރު ގާޑުން ގާތްގަނޑަކަށް ވިއްސަކަށް ބޯޓު ހަލާކުކޮށްލީ އެ ބޯޓުތަކުން ރެފިއުޖީން އެތެރެކޮށް ގިނަ އަދަދެއްގެ ފައިސާ ހޯދަން ޑިމާންޑް ކުރާތީ އެވެ. ބަންގްލަދޭޝް އިން ތުހުމަތު ކުރާ ގޮތުގައި މިއަންމާގެ ރަކީން ސްޓޭޓުން ދަނީ ގިނަ އަދަދެއްގެ ޑްރަގު ވެސް ކޮކްސް ބާޒާރު ސަރަހައްދަށް އެތެރެ ކުރަމުންނެވެ.

ބޯޑާ ގާޑްސް ބަންގްލަދޭޝް (ބީޖީބީ) ގެ ކޮމާންޑަރު ލެފްޓިނެންޓް ކާނަލް އާރިފުލް އިސްލާމް ވިދާޅުވީ ހިއުމަން ޓްރެފިކިން ހުއްޓުވަން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ރެފިއުޖީން ބަންގްލަދޭޝް އަށް އެތެރެ ކުރަން ރޮހިންޖާ ކޮންމެ މީހެއްގެ އަތުން 20،000 ޓާކާ (250 ޑޮލަރު) އަތުލާ ކަމަށްވެ އެވެ. ރަކީން ސްޓޭޓުގެ މައުންގްޑޯ އާއި ބަންގްލަދޭޝްގެ ޝާހު ޕޮރީރް ޑްވިޕް ސްޓޭޝަނުގައި ބޯޓުތައް މަޑުކުރާ ސަރަހައްދާ ދެމެދު ކުރާ ދަތުރަށް އާއްމުކޮށް މީހެއްގެ އަތުން ނަގަނީ ފަސް ޑޮލަރެވެ.

ރަކީން ސްޓޭޓުގައި އޮގަސްޓް 25 ވަނަ ދުވަހު ހަމަނުޖެހުންތައް ހިންގަން ފެށި ފަހުން މިހާތަނަށް ވަނީ ބައި މިލިއަނަށް ވުރެ ގިނަ ރެފިއުޖީން ބަންގްލަދޭޝް އަށް އެތެރެވެފަ އެވެ.