މަތިންދާ ބޯޓެއް ހައިޖެކްކުރަން އުޅުނު ބަންގްލަދޭޝްގެ ޕައިލެޓް ހައްޔަރުކޮށްފި

ޑާކާ (ނޮވެމްބަރު 1) - މަތިންދާ ބޯޓެއް ހައިޖެކްކޮށް ނުވަތަ ސިޔާސީ މީހެއްގެ ގެއަށް މަތިންދާ ބޯޓެއް ވައްޓަލަން އުޅުމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ގައުމީ އެއާލައިނުގެ ޕައިލެޓަކު ހައްޔަރުކޮށްފި އެވެ.


ބިމާން ބަންގްލަދޭޝް އެއާލައިނުގައި މަސައްކަތް ކުރާ އުމުރުން 31 އަހަރުގެ ޕައިލެޓް ސައްބީރު އީމާންއާ ބަންގްލަދޭޝްގައި މަނާކޮށްފައިވާ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޖަމާއަތުލް މުޖާހިދީން ބަންގްލަދޭޝް (ޖޭއެމްބީ)އާ ގުޅުން އޮންނަ ކަމަށް ފުލުހުން ބުންޏެވެ. ޕައިލެޓުގެ އިތުރުން ވަނީ އޭނާގެ މަންމަ އާއި ޖޭއެމްބީގެ ދެ މެންބަރަކު ހައްޔަރުކޮށްފަ އެވެ.

ރެޕިޑް އެކްޝަން ބެޓެލިއަންގެ ޑިރެކްޓަރު މުފްތީ މުހައްމަދު ޚާން ވިދާޅުވީ ތަހުގީގުގައި ޕައިލެޓް ވަނީ އެ މީހުން ރޭވި ކަންކަމުގެ މައުލޫމާތު ދީފަ އެވެ. އޭގެ ތެރޭގައި ސިޔާސީ މީހުން ދިރިއުޅޭ ގޭގެ އަށް ބޯޓު ވައްޓާލުމާއި ޕަސިންޖަރުންނާ އެކު ބޯޓެއް ހައިޖެކްކޮށްގެން މެދުއިރު މައްޗަށް ގެންދިއުން ހިމެނެ އެވެ. ބަންގްލަދޭޝް ފުލުހުންނަށް މި މައުލޫމާތު ލިބިފައި ވަނީ ހަނގުރާމަވެރި ޚިޔާލުގެ މީހުން ހައްޔަރު ކުރަން ފުލުހުންގެ ހިންގި އޮޕަރޭޝަނެއްގައި ހައްްޔަރުކުރި ޖޭއެމްބީގެ މެންބަރެއްގެ ފަރާތުންނެވެ.

ފުލުހުން ހައްޔަރުކުރި ޕައިލެޓް ސައްބީރު، ބަންގްލަދޭޝްގެ ގައުމީ އެއާލައިނުގައި މަސައްކަތް ކުރަން ފަށާފައި ވަނީ 2014 ވަނަ އަހަރު އެވެ. ފަސްޓް އޮފިސަރެއްގެ ގޮތުން ބޯއިން 737 ގެ ބޯޓު ފަހަރު ވެސް އޭނާ ދުއްވަ އެވެ. ސައްބީރު ވަނީ 2010 އިން 2014 އަށް ރީޖެންޓް އެއާވޭސްގައި ވެސް މަސައްކަތް ކޮށްފަ އެވެ.

ބަންގްލަދޭޝްގައި ދިން ބައެއް ޓެރަރިސްޓް ހަމަލާތަކުގެ ތުހުމަތު ވަނީ ޖޭއެމްބީ އަށް ކޮށްފަ އެވެ. ބަންގްލަދޭޝްގައި ވަނީ 2013 ވަނަ އަހަރުން ފެށިގެން ހަރުކަށި ވިސްނުމުގެ ހަނގުރާމަވެރިން އިތުރުވާން ފަށައިފަ އެވެ.