މުޝައްރަފްގެ ކޯލީޝަން އެއް ދުވަސްތެރޭ ރޫޅިއްޖެ

އިސްލާމްއާބާދު (ނޮވެމްބަރު 14) - ތޭވީސް ޕާޓީގެ މައްޗަށް އެކުލެވޭ ކޯލީޝަނެއް ޕާކިސްތާނުގެ ކުރީގެ ލީޑަރު ޕަރްވޭޒް މުޝައްރަފް އުފެއްދެވިތާ އެއް ދުވަސް ފަހުން ރޫޅިއްޖެ އެވެ.


ޕާކިސްތާން އަވާމީ އިއްތިހާދު އުފެއްދުމަށް ފަހު ކޯލީޝަނުގެ ލީޑަރަކަށް ހަމަޖައްސާފައި ވަނީ އުމުރުން 74 އަހަރުގެ މުޝައްރަފެވެ. އެކަމަކު ކޯލީޝަނުގައި ހިމަނާފައިވާ މުހިންމު ދެ ޕާޓީ ކަމަށްވާ ޕާކިސްތާން އަވާމީ ތަހްރީކް އާއި މަޖްލިސް ވަހުދަތުލް މުސްލިމީން ޕާޓީން ބުނެފައި ވަނީ އެ މީހުންނަކީ ކޯލީޝަނުގެ ބައިވެރިން ނޫން ކަމަށެވެ.

ދުބާއީގައި ހުންނަވައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މުޝައްރަފް ވިދާޅުވެފައި ވަނީ ކޯލީޝަނުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ މުހާޖިރް ކޮމިއުނިޓީ ކަމަށެވެ. އަދި ސިޔާސީ ހަރަކާތްތައް ހިންގަން ވަރަށް އަވަހަށް ޕާކިސްތާނަށް ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މުޝައްރަފަކީ ވެސް މުހާޖިރް ކޮމިއުނިޓީ އަށް ނިސްބަތްވާ މީހެކެވެ. އެއީ އިންޑިއާ އިން ޕާކިސްތާނަށް ހިޖުރަކުރި އުރުދޫ ބަހުން ވާހަކަ ދައްކާ ކޮމިއުނީޓީގެ މީހުންނެވެ.

އެކްޒިޓް ކޮންޓްރޯލް ލިސްޓުން ނަން ނެގުމާ އެކު މުޝައްރަފް ދުބާއީ އަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ މާޗު މަހު އެވެ. ދުބާއީގައި ފަސް އަހަރު އުޅުއްވުމަށް ފަހު 2013 ވަނަ އަހަރުގެ އިންތިޚާބަށް މުޝައްރަފް ޕާކިސްތާނަށް ވަޑައިގަތުމާ އެކު ކޯޓުގައިވާ އެތައް މައްސަލައަކާ އޭނާ ކުރިމަތިލައްވަން ޖެހުނެވެ. އޭގެ ތެރޭގައި ކުރީގެ ބޮޑު ވަޒީރު ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލުމުގައި ބައިވެރިވުމުގެ ތުހުމަތު ވެސް ހިމެނެ އެވެ.

ޕާކިސްތާނުގެ ވެރިކަމަށް މުޝައްރަފް 1999 ވަނަ އަހަރު ވަޑައިގެންނެވީ ސިފައިންގެ ގެނައި ބަޣާވާތެއްގަ އެވެ.