ވަލެއްޓާ (ޑިސެމްބަރު 4) - މޯލްޓާ ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅަށް ލިޔަމުންދިޔަ ނޫސްވެރިޔާ ޑަފްނީ ކައުއަނާ ގަލިޒިއާގެ މަރުގެ ތުހުމަތުގައި އަށް މީހަކު މޯލްޓާ ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.

މިދިޔަ އޮކްޓޯބަރު މަހު ގަލިޒިއާ، 53، މަރާލީ އޭނާގެ ކާރުގެ ދަށުގައި ރިމޯޓް ކޮންޓްރޯލް ބޮމެއް ހަރުކޮށްގެންނެވެ.

މޯލްޓާގެ ބޮޑު ވަޒީރު ޖޯސެފް މުސްކަތު ވިދާޅުވީ ފުލުހުންގެ އޮޕަރޭޝަން މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. ގަލިޒިއާ މަރާލި ބަޔަކު ހޯދަން އެހީވާ ފަދަ މައުލޫމާތެއް ފޯރުކޮށްދޭ ފަރާތަކަށް 1.2 މިލިއަން ޑޮލަރުގެ އިނާމެއް ސަރުކާރުން ވަނީ ހުށަހަޅައިފަ އެވެ. އެކަމަކު ގިލިޒިއާގެ ތިން ފިރިހެން ދަރިން ވަނީ ސަރުކާރުގެ އެ ހުށަހެޅުން ގަބޫލް ނުކުރަން ގޮވާލައިފަ އެވެ. އޭގެ ބަދަލުގައި އެ މީހުން ވަނީ ބޮޑު ވަޒީރު މުސްކަތު އިސްތިއުފާ ދިނުމަށް ގޮވާލައިފަ އެވެ. ތަހުގީގުގައި އެފްބީއައި އާއި ބައިނަލްއަގުވާމީ ތަޖްރިބާކާރުންގެ އެހީ ވަނީ ހޯދައިފަ އެވެ.

ގަލިޒިއާ އަކީ ބޮޑު ވަޒީރު މުސްކަތުގެ ސަރުކާރުގެ އެތައް މައްސަލައެއް ފަޅާއަރުވާލާފައިވާ ލިޔުންތެރިއެކެވެ. މޯލްޓާގައި މި އަހަރުގެ ކުރީކޮޅު އާ އިންތިޚާބެއް ބާއްވަން ޖެހުނީ ވެސް ސަރުކާރުގެ ތެރޭގައި ހުރި ކޮރަޕްޝަނުގެ މައްސަލަތައް ގަލިޒިއާ ފަޅާ އަރުވާލުމުން އެކަމުގެ ޕްރެޝަރު ބޮޑުވުމުންނެވެ.

ގަލިޒިއާ ވަނީ ޕެނަމާ ޕޭޕާސް އިން ލީކުކޮށްލި މައުލޫމާތުގައި ބޮޑު ވަޒީރު މުސްކަތާއި އޭނާގެ އަނބިކަނބަލުން ގައުމުން ބޭރުގައި ސިއްރު ބޭންކު އެކައުންޓްތައް ހިންގާ ކަމަށް ބުނެފަ އެވެ. އަދި އެއީ އަޒާބައިޖާންގެ ވެރިކަންކުރާ އާއިލާ އިން ދޭ ފައިސާ ޖަމާކުރާ އެކައުންޓްތަކެއް ކަމަށް ވެސް ގަލިޒިއާ ތުހުމަތުކޮށްފައިވެ އެވެ.