ވަލެއްޓާ (އޮކްޓޯބަރު 17) - މޯލްޓާ ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅަށް ލިޔަމުންދިޔަ ބްލޮގަރެއް ކަމަށްވާ ޑަފްނީ ކައުއަނާ ގަލިޒިއާ ކާރު ބޮމުގެ ހަމަލާއެއްގައި އިއްޔެ މަރުވެއްޖެ އެވެ.

ބައެއް މީޑިއާތަކުން ބުނެފައި ވަނީ ގަލިޒިއާ، 53، ދުއްވަމުން ދިޔަ ކާރު ގޮއްވާލީ އޭނާގެ ގެއިން ނައްޓާލިތާ މާގިނައިރެއް ނުވަނީހެވެ.

ގަލިޒިއާ އަކީ މޯލްޓާގެ ބޮޑު ވަޒީރު ޖޯސެފް މުސްކަތުގެ ސަރުކާރުގެ އެތައް މައްސަލައެއް ފަޅާއަރުވާލާފައިވާ ލިޔުންތެރިއެކެވެ.

"ކޮންމެ ގޮތަކުން ބެލި ނަމަވެސް އެއީ ގަބޫލް ކުރެވޭނެ ކަމެއް ނޫން. މިއަދަކީ ޑިމޮކްރެސީ އާއި ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ކަޅު ދުވަހެއް،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މުސްކަތު ވިދާޅުވި އެވެ. "އެންމެންނަށް ވެސް އެނގޭ ގަލިޒިއާ އަކީ ސިޔާސީ ގޮތުން އަދި ޒާތީ ގޮތުން ވެސް އަޅުގަނޑާ ދެކޮޅު ނޫސްވެރިއެއްކަން. އެކަމަކު މި ނާތަހުޒީބު އަމަލު ބަލައިގަނެވޭނެ ގޮތެއް ނޯންނާނެ."

ގަލިޒިއާގެ ކާރުގައި ހަރުކޮށްފައިވާ ބޮމުގެ ބާރުގަދަކަމުން ކާރުގެ އެކި ބައިތައް ވަނީ ބުރައިގެން ގޮހެވެ. އަދި ގަލިޒިއާގެ ހަށިގަނޑު ވެސް ވިއްސައިގެން ގޮސް އޮތީ ކައިރީގައި އޮތް ދަނޑެއްގައި ކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ.

މޯލްޓާގެ ބްލޮގަރު މަރާލި ސަރަހައްދުގައި ފުލުހުންގެ ފޮރެންސިކް ޓީމުން ހަރަކާތްތެރި ވަނީ. --ފޮޓޯ:ރޮއިޓާސް
މޯލްޓާގެ ބްލޮގަރު މަރާލި ސަރަހައްދުގައި ފުލުހުންގެ ފޮރެންސިކް ޓީމުން ހަރަކާތްތެރި ވަނީ. --ފޮޓޯ:ރޮއިޓާސް

ޓީވީ ސްޓޭޝަނަކުން ބުނީ ގަލިޒިއާ ވަނީ އޭނާ އަށް މަރުގެ އިންޒާރުތައް ލިބޭތީ މި މަހު ކުރީކޮޅު ފުލުހުންނަށް މައްސަލަ ހުށަހަޅައިފަ އެވެ.

ގަލިޒިއާ މަރާލުމުގެ ގަޑިއެއްހާ އިރު ކުރިން އޭނާގެ ބްލޮގުގައި ލިޔެފައިވާ ލިޔުމެއްގައި ބޮޑު ވަޒީރު މުސްކަތުގެ ޗީފް އޮފް ސްޓާފް ކެއިތު ޝެމްބްރީ ސަރުކާރުގެ ނުފޫޒު ބޭނުންކޮށްގެން މުއްސަނދިކަން ހޯދާ ވާހަކަ ވަނީ ލިޔެފަ އެވެ.

ގަލިޒިއާ ވަނީ ޕެނަމާ ޕޭޕާސް އިން ލީކުކޮށްލި މައުލޫމާތުގައި ބޮޑު ވަޒީރު މުސްކަތާއި އޭނާގެ އަނބިކަނބަލުން ގައުމުން ބޭރުގައި ސިއްރު ބޭންކު އެކައުންޓްތައް ހިންގާ ކަމަށް ބުނެފަ އެވެ. އަދި އެއީ އަޒާބައިޖާންގެ ވެރިކަންކުރާ އާއިލާ އިން ދޭ ފައިސާ ޖަމާކުރާ އެކައުންޓްތަކެއް ކަމަށް ވެސް ގަލިޒިއާ ތުހުމަތުކޮށްފައިވެ އެވެ.

ގަލިޒިއާގެ މަރުގެ ފަހަތުގައި ވަނީ ސިޔާސީ ރޭވުމެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރި ނަމަވެސް ބޮޑު ވަޒީރުގެ އޮފީހުގެ ތަރުޖަމާނަކު ވިދާޅުވީ ތަހްގީގު ފަށާފައި ވާތީ ވަކި އެއްޗެއް ބުނަން ދަތި ކަމަށެވެ. ގަލިޒިއާގެ މަރު ތަހްގީގު ކުރުމުގައި މޯލްޓާ އިން ވަނީ ބައިނަލްއަގުވާމީ އެހީ އަށް އެދިފަ އެވެ. އޭގެ ތެރޭގައި އެމެރިކާގެ އެފްބީއައި ވެސް ހިމެނެ އެވެ.