އޭސީސީގެ މެމްބަރުންނާ ބައްދަލުކުރުމުން ރާއްޖެ ޓީވީގެ ދެ ނޫސްވެރިއަކު ވަޒީފާ އިން ވަކިކޮށްފި

އިސްވެރިއެއްގެ ހުއްދަ ހޯދުމެއް ނެތި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުންނާ ބައްދަލުކުރި ކަމަށް ބުނެ، ރާއްޖެ ޓީވީގެ ދެ ނޫސްވެރިއަކު އިއްޔެ ވަޒީފާއިން ވަކިކޮށްފި އެވެ.


އޭސީސީގެ ވެރިންނާ މިދިޔަ ބުރާސްފަތި ދުވަހު ބައްދަލު ކުރުމުން، ވަޒީފާ އިން ވަކިކުރީ ސީނިއާ ވީޑިއޯ ޖާނަލިސްޓު ތަހާރަތު ވަހީދު (ތަހާ) އަދި ވީޑިއޯ ޗާނަލިސްޓް ހައްވާ މުހައްމަދެވެ.

އެކަމާ ގުޅިގެން ތަހާ "މިހާރު" އަށް ބުނީ އޭސީސީގެ މެމްބަރުންނާ ބައްދަލުކުރަން ދިޔައީ ޚަބަރަށް ބޭނުންވާ މައުލޫމާތުތައް ސާފުކުރުމަށް ކަމަށެވެ. އަދި އެ ބައްދަލުވުމަށް ދިޔައީ ވެސް ނިއުސް ޑިރެކްޓަރަށް އަންގައި އޭނާގެ ހުއްދަ ލިބިގެން ކަމަށް ތާހާ ބުންޏެވެ.

އެ ބައްދަލުވުމަށް ފަހު، އަނބުރާ އޮފީހަށް ދިއުމުން، ސުވާލު ކުރުމެއް ވެސް ނެތި ސަސްޕެންޝަންގެ ސިޓީ ދީފައިވާ ކަމަށް ތަހާ ބުންޏެވެ. އެ ސިޓީގައި، ސަސްޕެންޑްކުރީ، ޑިއުޓީ ގަޑީގައި ސްޓޭޝަންގެ އިސްވެރިންނަށް ނޭނގި އޭސީސީގެ މެމްބަރުންނާ އެކު ބައްދަލުވުމެއް ހަމަޖައްސައި އޮފީހުގެ އިތުރު މުވައްޒަފަކު ގޮވައިގެން އޮފީހުގެ މަސައްކަތްތަކަށް ދަތިވާ ގޮތަށް އެ ބައްދަލުވުމަށް ދިއުމުން ކަމަށް ބުނެފައިވެ އެވެ.

ވަޒީފާ އިން ވަކިކުރީ ޖަވާބުދާރީވުމުގެ ފުރުސަތެއް ވެސް ނުދީކަމަށް ތަހާ ބުންޏެވެ.

ތަހާ ބުނިގޮތުގައި، އޭސީސީގެ މެމްބަރުންގެ ބައްދަލުވުމަށް ދިއުމުގެ ކުރިން، ރާއްޖެ ޓީވީގެ ނިއުސް ޑިރެކްޓަރު ޒިހްނަތު ހަސަނަށް އެންގި އެވެ.

"ނޫސްވެރިއެއްގެ ހައިސިއްޔަތުން އޭސީސީ މެމްބަރުންނާ ބައްދަލުކޮށް މައުލޫމާތު ހޯދުމަކީ މައްސަލައެއް ކަމަކަށް ނުދެކެން،" މީގެ ހަތަރު އަހަރު ކުރިން ރާއްޖެ ޓީވީއާ ގުޅުނު ތަހާ ބުންޏެވެ

ވަޒީފާ އިން ވަކިކުރި މައްސަލައިގައި ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅަން ތަހާ ވަނީ ނިންމައިފަ އެވެ.

ރާއްޖެ ޓީވީގެ އިސް އޮފިޝަލަކު ވިދާޅުވީ، އެ ސްޓޭޝަނުގެ އެއްވެސް މުވައްޒަފެއްގެ ޒާތީ މައުލޫމާތު ހާމަނުކުރާނެ ކަމަށެވެ. ވަޒީފާ އިން ވަކިކުރި ސަބަބު މުވައްޒަފުންނަށް ވަރަށް ތަފްސީލްކޮށް ހާމަކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.