ސައުދީ އަރަބިއްޔާގައި ސިނަމާތައް ބަންދުކޮށްފައި އޮންނަތާ 35 އަހަރު ފަހުން ސިނަމާތައް އަލުން ހުޅުވައި މުނިފޫހި ފިލުވުމުގެ ހަރަކާތްތަކަށް ފުރުސަތު ދޭން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.
ސައުދީގެ ސިޔާސަތަށް ގެންނަ ބޮޑެތި ބަދަލުތަކުގެ ތެރެއިން ސިނަމާތައް ހުޅުވާނީ އަންނަަ އަހަރުގެ މާޗް މަހު ކަމަށް ކަލްޗަ އެންޑް އިންފޮމޭޝަން މިނިސްޓްރީން ބުންޏެވެ.
ކަލްޗަ އެންޑް އިންފޮމޭޝަން މިނިސްޓަރު އައްވާދް ބިން ސާލިހް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުސީ ސިނަމާތައް އަލުން ހުޅުވުމުގެ ހުއްދަ ދޭން ނިންމާފައިވާތީ ޖެނެރަލް ކޮމިޝަން ފޮ އޯޑިއޯ ވިޝުއަލްއާ އެކު މަޝްވަރާތައް ވެސް މިހާރު ކުރެވެމުން އަންނަ ކަަމަށެވެ.
"އެހެންވީމާ އަޅުގަނޑުމެންގެ އުންމީދަކީ އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ސައުދީގެ ސިނަމާތައް އަލުން ހުޅުވައި އެ ތަންތަނުގައި މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ފެށިގެން ދާނެ ކަމަށް،" ކަމަށް މިނިސްޓަރުގެ ބަޔާނުގައި ވިދާޅުވި އެވެ.
އައްވާދް ވިދާޅުވީ ސިނަމާތައް އަލުން ހުޅުވުމުން ސައުދީގެ އިގުތިސާދަށް ސަގާފީ ގޮތުން ވެސް ކުރިއެރުންތަކެއް އަންނާނެ ކަމަށާއި އެ ގައުމުގައި އިތުރު ސިނަމާތައް ހަދަން ވެސް ނިންމާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މިކަމާ ގުޅުން ހުރި މަޝްރޫއުތައް އިއުލާން ކުރާނެ ކަމަށް ވިދާޅުވި އެވެ.
"މިކަމުގެ ސަބަބުން މި އިންޑަސްޓްރީ ތެރެއިން އެތަކެއް ފުރުސަތުތަކެއް ހުޅުވި، އެތައް ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ވެސް ލިބިގެން ދާނެ،" އައްވާދް ވިދާޅުވި އެވެ.
ސައުދީ ސަރުކާރުގެ މި ނިންމުމާ ގުޅިގެން މުނިފޫހި ފިލިވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ބަޔަކު އަންނަނީ ސަރުކާރުގެ ނިންމުމަށް މަރުހަބާ ކިޔައި، އެކަމަށް ޝުކުރު ވެސް އަދާ ކުރަމުންނެވެ.