ދުނިޔޭގެ އެންމެ ބިޒީ އެއާޕޯޓްގެ ގޮތުގައި ބަލާ އެމެރިކާގެ އެޓްލާންޓާ ހާޓްސްފީލްޑް-ޖެކްސަން އެއާޕޯޓުން ރޭ ކަރަންޓް ކެނޑި، ފްލައިޓްތަކާއި އެހެން ހިދުމަތްތައް ހުއްޓުމަކަށް އަތުވެއްޖެ އެވެ.

ކޮންމެ ދުވަހަކު މި އެއާޕޯޓް ގާތްގަނޑަކަށް 250،000 މީހުން ބޭނުންކުރެ އެވެ.. އަދި 2،500 ފްލައިޓް އޮޕަރޭޓްކުރެ އެވެ.

ކަރަންޓް ކެނޑުމާ އެކު އެތައް ހާސް ދަތުރުވެރިން، އަނދިރި ޓާމިނަލްތަކުގަ އާއި ބޯޓުން ނުފޭބި ބޯޓު ތެރޭގައި ތިބެން ޖެހުނެވެ. އެތައް ފްލައިޓްތަކެއް ވަނީ އެހެން މަންޒިލްތަކަށް ފޮނުވާލައިފަ އެވެ.

އެއާޕޯޓަށް ކަރަންޓް ފޯރުކޮށްދޭ ޖޯޖިޔާ ޕަވާ އިން ބުނީ ކަރަންޓް ކެނޑުނީ ބިމު އަޑީގައި ހަދާފައިވާ ކަރަންޓާ ބެހޭ ބައެއްގައި ހިނގި އަލިފާނުގެ ހާދިސާއަކުން ކަމަށް، ބެލެވޭ ކަމަށެވެ.

އެޓްލާންޓާ އެއާޕޯޓުން ކަރަންޓް ކެނޑުމުން، ޑިސެމްބަރު 18، 2017ގައި، އެތައް ހާސް ބަޔަކު ވާނުވާ ނޭނގިފައި
އެޓްލާންޓާ އެއާޕޯޓުން ކަރަންޓް ކެނޑުމުން، ޑިސެމްބަރު 18، 2017ގައި، އެތައް ހާސް ބަޔަކު ވާނުވާ ނޭނގިފައި

އެ ކުންފުނިން ބުނި ގޮތުގައި އަލިފާން ރޯވި ސަބަބެއް އަދި ނޭނގޭ އެވެ. ނަމަވެސް މިއަދުގެ ވަގުތެއްގައި އަލުން ކަރަންޓް ފޯރުކޮށްދެވޭނެ ކަމަށް ބުންޏެވެ.

ފްލައިޓް ކޮންޓްރޯލް ޓަވަރުގެ މަސައްކަތް ބަރާބަރަށް ކުރިއަށް ދެ އެވެ. އެކަމަކު އެމެރިކާގެ ބޮޑެތި ހުރިހާ އެއާލައިންތަކުން މިހާރު ވަނީ އެ އެއާޕޯޓަށް ދަތުރުކުރުން މި ވަގުތަށް މަޑުޖައްސާލައިފަ އެވެ.

އެޓްލާންޓާ އެއާޕޯޓް ބިޒީ ވަނީ އެމެރިކާގެ އާބާދީގެ 80 ޕަސެންޓް މީހުން ނިސްބަތްވާ އެކި ސަރަހައްދުތަކަށް ދެ ގަޑިއިރުގެ ތެރޭގައި ދަތުރުކުރެވޭ ހިސާބެއްގައި އޮތުމުންނެވެ. އެހެންކަމުން އެމެރިކާއަށް ވަންނާށާއި ސްޓޮޕްއޯވާތަކުގައި އެންމެ ގިނަ މީހުން ބޭނުންކުރަނީ އެ އެއާޕޯޓެވެ.