އައްމާން (ފެބްރުއަރީ 5) - އިޒްރޭލާއި ފަލަސްތީނުގެ ސުލްހައިގައި އެމެރިކާ އަކީ މުހިންމު ބައިވެރިއެއް ކަމަށާއި އެ ގައުމާ ނުލައި މެދުއިރުމަތީގެ ސުލްހަ ގާއިމް ނުކުރެވޭނެ ކަމަށް ޖޯޑަންގެ އަބްދުﷲ ރަސްގެފާން ވިދާޅުވެއްޖެ އެވެ.

"އެމެރިކާގެ ރޯލަކާ ނުލައި ސުލްހައިގެ މަޝްރޫއު ކުރިއަކަށް ނުގެންދެވޭނެ،" ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި އަބްދުﷲ ވިދާޅުވި އެވެ.

ޖޯޑަންގެ ރަސްގެފާން ވިދާޅުވީ އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ބަލައިގަނެ އެ ގައުމުގެ އެމްބަސީ ގުދުސް އަށް ބަދަލުކުރަން ނިންމި ނަމަވެސް ހަގީގަތަކީ އެއީ ކަމަށެވެ. ނަމަވެސް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވެފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ނިންމެވުމުގެ ސަބަބުން މެދުއިރުމަތީގެ ސުލްހައިގައި މެދުވެރިއެއްގެ ރޯލު އަދާކުރުމުގެ ހައިސިއްޔަތު އެމެރިކާ އަށް ގެއްލިއްޖެ ކަމަށެވެ.

އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް ބަލައިގަންނަން ޓްރަމްޕް ނިންމެވުމުން ޖޯޑަން އިން ޑިސެމްބަރު މަހު ވަނީ އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ނިންމުމެއް ކަމަށް ބުނެފަ އެވެ.

ހަ ދުވަހުގެ ހަނގުރާމައިގައި އިޒްރޭލުން 1967 ވަނަ އަހަރު އިރުމަތީ ގުދުސް ހިފުމުގެ ކުރިން އެ ތަން އޮތީ ޖޯޑަންގެ ބެލުމުގެ ދަށުގަ އެވެ. އިޒްރޭލުން ފަހުން ވަނީ އެ ގައުމުގެ ވެރިރަށަކީ ގުދުސް ކަމަށް ކަނޑައަޅައިފަ އެވެ. ނަމަވެސް ބައިނަލްއަގުވާމީ ގޮތުން އެމެރިކާ ފިޔަވައި އެހެން އެއްވެސް ގައުމަކުން އެކަން ބަލައިގެންފައެއް ނުވެ އެވެ. ފަލަސްތީނުން ވެސް ބުނެފައި ވަނީ ކުރިމަގުގައި އުފެދޭ ދައުލަތުގެ ވެރިރަށަށް ވާނީ އިރުމަތީ ގުދުސް ކަމަށެވެ.