ރިޔާޒް (ފެބްރުއަރީ 23) - މުނިފޫހިފިލުވުމުގެ އިންޑަސްޓްރީ ތަރައްގީ ކުރުމަށް ކުރިއަށް އޮތް 10 ވަރަކަށް އަހަރު 64 ބިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް ސައުދީ އަރަބިއާ އިން ބުނެފި އެވެ.

ޖެނެރަލް އެންޓެޓައިންމެންޓް އޮތޯރިޓީގެ ވެރިޔާ އަހުމަދު ބިން އަގީލް އަލް ޚާތިބު ވިދާޅުވީ މުނިފޫހިފިލުވުމުގެ 5،000 އިވެންޓް މި އަހަރަށް އެކަނިވެސް ރާވާފައިވާ ކަމަށެވެ. ސައުދީގެ ފުރަތަމަ އޮޕެރާ ހައުސް ރިޔާޒުގައި އިމާރާތް ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. މިދިޔަ ޑިސެމްބަރު މަހު ވަނީ ސައުދީގައި ސިނަމާ ހިންގުމުގެ ހުއްދަ ދީފަ އެވެ.

ވެރިރަށް ރިޔާޒްއާ ކައިރީގައި އެމެރިކާގެ ލަސް ވެގަސްއާ އެއް ސައިޒުގެ މުނިފޫހިފިލުވުމުގެ ސިޓީއެއް ހަދަން ވެސް ވަނީ ޕްލޭންކޮށްފަ އެވެ.

ސައުދީގެ މުނިފޫހިފިލުވުމުގެ އިންޑަސްޓްރީ ތަރައްގީ ކުރަނީ މީގެ ދެ އަހަރު ކުރިން ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އިއުލާން ކުރެއްވި އިގްތިސާދީ އިސްލާހީ ޕްރޮގްރާމް، ވިޝަން 2030 ގެ ދަށުންނެވެ. އުމުރުން 32 އަހަރުގެ ވަލީ އަހުދު ބޭނުންފުޅު ވަނީ ސައުދީގެ އިގްތިސާދު ތެލަށް ބަރޯސާވުމުގެ ބަދަލުގައި އެހެން ދާއިރާތަކަށް ހުޅުވާލުމަށެވެ. އެ ގޮތުން ސައުދީން މިހާރު ވަނީ ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް ފަށަން ނިންމައިފަ އެވެ.

ސައުދީން މިހާރު ވަނީ ވަރަށް ގިނަ ދޫތައް ދޭން ފަށައިފަ އެވެ. މި ގޮތުން މިދިޔަ މަހު ވަނީ އަންހެނުން ސްޓޭޑިއަމްތަކަށް ގޮސް ކުޅިބެލުމުގެ ހުއްދަ ދީފަ އެވެ. އަދި މި އަހަރުގެ ޖޫން މަހުން ފެށިގެން ސައުދީގައި އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ދޭގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.