އެމެރިކާގެ ޚާރިޖީ ވަޒީރުކަމުން ޓިލަސަން ވަކިކޮށްފި

ވޮޝިންޓަން (މާޗް 13) - އެމެރިކާގެ ޚާރިޖީ ވަޒީރުކަމުގެ މަގާމުން ރެކްސް ޓިލަސަން މިއަދު ވަކިކޮށްފި އެވެ.


ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޓިލަސަންގެ ބަދަލުގައި ސީއައިއޭގެ ޑިރެކްޓަރު މައިކް ޕޮމްޕިއޯ ޚާރިޖީ ވަޒީރު ކަމަށް ހަމަޖައްސަވައިފަ އެވެ. ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ ހިންގުމަށް ޓްރަމްޕް ވަނީ ގިނާ ހަސްޕެލްއާ ހަވާލުކޮށްފަ އެވެ. މިއީ އެ މަގާމަށް އަންހެނަކު ހަމަޖެއްސި ފުރަތަމަ ފަހަރެވެ.

ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވަނީ ޓިލަސަންގެ ޚިދުމަތަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި އާ ޚާރިޖީ ވަޒީރުގެ ފަރާތުން ފުރިހަމަ ޚިދުމަތެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ.

އެގްޒިންމޮބިލްގެ ކުރީގެ ޗީފް އެގްޒެކެޓިވް ޓިލަސަން އެމެރިކާގެ ޚާރިޖީ ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ.

ޚާރިޖީ ވަޒީރުކަމުން ޓިލަސަން ދުރުކުރި އިރު ރައީސް ޓްރަމްޕްއާ ބައެއް މައްސަލަތަކުގައި ވަނީ ޚިޔާލު ތަފާތުވެފަ އެވެ. ވޮޝިންޓަން ޕޯސްޓުން ބުނެފައި ވަނީ މަގާމުން އިސްތިއުފާ ދިނުމަށް ޓްރަމްޕް ވަނީ ޓިލަސަން އަށް ހުކުރު ދުވަހު ދަންނަވައިފަ އެވެ. މިދިޔަ ހޯމަ ދުވަހު ޓިލަސަން ވަނީ އެފްރިކާ އަށް ކުރެއްވި ދަތުރުފުޅު ކުރު ކުރެއްވުމަށް ފަހު ވޮޝިންޓަނަށް ވަޑައިގެންފަ އެވެ.