އިންތިޚާބަށް މަގު ފަހިކުރުމަށް މެލޭޝިއާގެ ޕާލަމެންޓް އުވާލައިފި

ކުއާލަ ލަމްޕޫރު (އެޕްރީލް 7) - މެލޭޝިއާގައި މި އަހަރު ބާއްވާ އާއްމު އިންތިޚާބަށް މަގު ފަހި ކުރުމުގެ ގޮތުން އެ ގައުމުގެ ޕާލަމެންޓް ބޮޑު ވަޒީރު ނަޖީބު ރައްޒާގު މިއަދު އުވާލައްވައިފި އެވެ.


ނަޖީބު ވިދާޅުވީ ޕާލަމެންޓް އުވާލުމުގެ ކުރިން އެ ގައުމުގެ ރަސްގެފާން އަދި ދައުލަތުގެ ވެރިޔާ ސުލްތަން މުހައްމަދުގެ ރުހުން ހޯއްދަވާފައިވާ ކަމަށެވެ. ނޭޝަނަލް ޕާލަމެންޓް އުވާލުމާ އެކު ސްޓޭޓްތަކުގެ ޕާލަމެންޓް ވެސް އުވާލާނެ އެވެ.

މެލޭޝިއާގެ ގާނޫނު އަސާސީ ބުނާ ގޮތުން ޕާލަމެންޓް އުވާލާތާ 60 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަން ޖެހޭނެ އެވެ. އާ އިންތިޚާބު ބާއްވާނެ ތާރީޚެއް އިއުލާންކޮށްފައެއް ނުވެ އެވެ. ނަމަވެސް މެއި މަހު ތެރޭ އިންތިޚާބު ބާޢްވާނެ ކަމަށް ބެލެވެ އެވެ.

ޕާލަމެންޓް އުވާލިކަން ބޮޑު ވަޒީރު ނަޖީބު އިއުލާން ކުރައްވާފައި މި ވަނީ ކުރީގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދު އިސްކޮށް އުޅުއްވާ މެލޭޝިއާގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ވަގުތީ ގޮތުން އުވާލުމަށް ސަރުކާރުން އަންގާފައި ވަނިކޮށެވެ. ނަޖީބުގެ މައްޗަށް މަހާތިރު ވަނީ ކޮރަޕްޝަނުގެ އެތައް މައްސަލައެއްގައި ތުހުމަތު ކޮށްފަ އެވެ. އަދި އޭނާ މަގާމުން ދުރުކުރަން ވަނީ ކޯލިޝަނެއް އުފައްދައިފަ އެވެ.

ޕާޓީ އުވާލަން ބުރާސްފަތި ދުވަހު ނެރުނު އަމުރާ މަހާތިރު ވަނީ ދެކޮޅު ހައްދަވައިފަ އެވެ. އަދި އެއީ ގާނޫނީ ގޮތުން ބުރަދަނެއް ނެތް އަމުރެއް ކަމަށް ވިދާޅުވެ ޕާޓީގެ ހަރަކާތްތަައް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.

"އިންތިޚާބުތައް މެދުވެރިކޮށް ވެރިން އިޚްތިޔާރު ކުރަން ރައްޔިތުންނަށް ލިބިގެންވާ ޑިމޮކްރެޓިކް ހައްގު ގެއްލިގެން ދާތީ ހިތާމަ ކުރަން،" މަހާތިރު ވިދާޅުވި އެވެ.

ނަޖީބުގެ މައްޗަށް ވަނީ މެލޭޝިއާގެ އިންވެސްޓްމަންޓް ބޭންކަކުން އެމަނިކުފާނުގެ އަމިއްލަ އެކައުންޓަށް އެތައް މިލިއަން ޑޮލަރެއް ޖަމާކޮށްފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް އެ ގައުމުގެ އެޓާނީ ޖެނެރަލް ފަހުން ނިންމާފައި ވަނީ އެ ފައިސާ އަކީ ސައުދީ އަރަބިއާ އިން ދިން ހަދިޔާއެއް ކަމަށެވެ.