ގުއަޓެމާލާގެ އެމްބަސީ ވެސް ގުދުސްގައި ހުޅުވައިފި

ގުދުސް (މެއި 16) - އިޒްރޭލުގައި ހުންނަ ގުއަޓެމާލާގެ އެމްބަސީ ވެސް ގުދުސް އަށް ބަދަލުކޮށްފި އެވެ.


މެދުތެރޭ އެމެރިކާގެ ގައުމެއް ކަމަށްވާ ގުއަޓެމާލާ އެމްބަސީ ގުދުސް އަށް މި ބަދަލުކުރީ އެމެރިކާ އެމްބަސީ ބަދަލު ކުރިތާ ދެ ދުވަސް ފަހުންނެވެ. އެެމްބަސީ ގުދުސް އަށް ބަދަލުކުރުމުގެ ރަސްމިއްޔާތުގައި ވަނީ އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ގުއަޓެމާލާގެ ރައީސް ޖިމީ މޮރޭލްސް ބައިވެރިވެވަޑައިގެންފަ އެވެ. އެ ރަސްމިއްޔާތުގައި ވަނީ އެމެރިކާ ސަފީރު ޑޭވިޑް ފްރީޑްމަން ވެސް ބައިވެރިވެފަ އެވެ.

ޕަރަގުއޭ އިން ވެސް މިހާރު ދަނީ އެ ގައުމުގެ އެމްބަސީ ގުދުސް އަށް ބަަދަލު ކުރަން މަސައްކަތް ކުރަމުންނެވެ. މި މަސް ނިމުމުގެ ކުރިން ޕެރަގުއޭ އެމްބަސީ ބަދަލު ކުރާނެ ކަމަށްވެ އެވެ. ރުމޭނިއާ އިން ވެސް ދަނީ ގުދުސް އަށް އެމްބަސީ ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެމްބަސީ ބަދަލު ކުރުމުގެ ރަސްމިއްޔާތުގައި ނަތަންޔާހޫ ވަނީ ގުއަޓެމާލާގެ ރައީސް އަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ. އަދި ލެޓިން އެމެރިކާ އަށް ދެން އެންމެ އަވަހަށް ކުރާ ދަތުރެއްގައި ގުއަޓެމާލާ އަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމުގެ ރަސްމިއްޔާތާ ދިމާކޮށް ގާޒާގައި ވަނީ ވަރަށް ބޮޑަށް ހަމަނުޖެހުން ހިންގައިފަ އެވެ. އިޒްރޭލް ސިފައިން ބަޑިޖެހުމުން ވަނީ ފަލަސްތީނުގެ 60 މީހުން ޝަހީދުކޮށްލައި 2،700 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފަ އެވެ.