ޚާލިދާ ޒިޔާ ކަފާލާތުގެ ދަށުން ދޫކޮށްލަން ސުޕްރީމް ކޯޓުން ހުއްދަ ދީފި

ޑާކާ (މެއި 16) - ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު ޚާލިދާ ޒިޔާ ކާފާލާތުގެ ދަށުން މިނިވަން ކުރަން އެ ގައުމުގެ ސުޕްރީމް ކޯޓުން މިއަދު ހުއްދަ ދީފި އެވެ.


ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ލީޑަރު ދޫކޮށްލުމުގެ ހުއްދަ ދީފައި މި ވަނީ ކޮރަޕްޝަނުގެ ކުށުގައި ފަސް އަހަރަށް ޖަލަށްލީތާ ތިން މަސް ފަހުންނެވެ. ބަންގްލަދޭޝްގެ ދަށު ކޯޓަކުން މާޗް މަހު ވަނީ ހަތަރު މަސް ދުވަހަށް ޚާލިދާ ދޫކޮށްލަން އަމަރުކޮށްފަ އެވެ. ނަމަވެސް އެ އަމުރު ޑާކާ ހައި ކޯޓުގައި ސަރުކާރުން ވަނީ އިސްތިއުނާފްކޮށްފަ އެވެ. ސުޕްރީމް ކޯޓުން މިހާރު ވަނީ ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ.

ކާފާލާތުގެ ދަށުން ޚާލިދާ ދޫކޮށްލަން ސުޕްރީމް ކޯޓުން ތާއިދު ކުރި ނަމަވެސް އެކަމަނާ ޖަލުން ނެރޭނެ ދުވަހެއް ނޭނގެ އެވެ. ސަރުކާރުން ބުނަމުން ދަނީ ޚާލިދާގެ މައްޗަށް އެހެން ދައުވާތަކެއް ވެސް އުފުލާފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުން ކުރިން ވަނީ ކަފާލާތުގެ ދަށުން ވެސް ޚާލިދާ ދޫކޮށްލަން ދެކޮޅު ހަދައިފަ އެވެ. އިދިކޮޅު ޕާޓީން ބުނެފައި ވަނީ އެއީ ސަރުކާރުގެ ނުފޫޒުން ކުރި ކަމެއް ކަމަށެވެ.

ޚާލިދާގެ ވަކީލުން ކޯޓުގައި ބުނެފައި ވަނީ އެކަހެެރިކޮށް ބަންދުކޮށްފައި ބެހެއްޓުމުގެ ސަބަބުން ޚާލިދާގެ ސިއްހީ ހާލު ވަރަށް ދަށް ކަމަށެވެ. އަދި ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން އެކަމަނާ އަށް ފަރުވާ ދޭން ބޭނުންވާ ކަމަށް ވެސް ވަކީލުން ބުނެފައިވެ އެވެ.

ބަންގްލަދޭޝްގައި ދެ ފަހަރެއްގެ މަތިން ބޮޑު ވަޒީރުކަން ކުރެއްވި އުމުރުން 72 އަހަރުގެ ޒިޔާގެ މައްޗަށް ފެބްރުއަރީ މަހު ހުކުމްކޮށްފައި ވަނީ ޔަތީމުޚާނާއަކަށް ކަނޑައެޅި ފައިސާ ނެންގެވި ކަމުގެ ކުށުގަ އެވެ. ބީއެންޕީގެ ލީޑަރުގެ މައްޗަށް ވަނީ ޔަތީމް ޚާނާ އިން 252،000 ޑޮލަރު ނެންގެވި ކަމަށް ތުހުމަތުކޮށްފަ އެވެ. ޚާލިދާ ވިދާޅުވެފައި ވަނީ މިއީ ސިޔާސީ ގޮތުން އެކަމަނާގެ މައްޗަށް އުފުލާފައިވާ ދައުވާއެއް ކަމަށެވެ.

ސިޔާސީ ދާއިރާ އަށް 1980 ގެ އަހަރުތަކުގެ ތެރޭގައި ޒިޔާ ވެދެވަޑައިގެންނެވީ ފިރިކަލުން އަވަހާރަކޮށްލުމާ ގުޅިގެންނެވެ. ޒިޔާގެ ޕާޓީން ވަނީ 2014 ވަނަ އަހަރުގެ އާއްމު އިންތިޚާބު ބޮއިކޮޓްކޮށްފަ އެވެ. ކޯޓުގެ ހުކުމާ ގުޅިގެން އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެކަމަނާ އަށް ވަނީ ބަންދުވެފަ އެވެ.