ގާޒާގެ ހަމަނުޖެހުމުގައި 5 މީހުން ޝަހީދުކޮށްލައިފި

އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް ފަލަސްތީނު ރައްޔިތުން ގާޒާގައި ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމުގެ ނަމުގައި އިޒްރޭލު ސިފައިން ދިން ހަމަ ހަމަލާތަކުގައި އިއްޔެ ވެސް ފަލަސްތީނުގެ ފަސް މީހަކު ޝަހީދުކޮށްލައިފި އެވެ.


އިޒްރޭލުން ފޭރިގެންފައިވާ ފަލަސްތީނުގެ ބިންތައް އަނބުރާ ދިނުމަށް ގޮވާލައި މިހާރު ކުރަމުންދާ ސިލްސިލާ މުޒަހަރާތައް ފެށީ މީގެ ދެ މަސް ކުރިންނެވެ. މީގެ 70 އަހަރު ކުރިން އިޒްރޭލުން ބާރުގެ ބޭނުންކޮށް ފަލަސްތީނުގެ ބިންތައް ފޭރުމަށް ފަހު، އެ ބިންތަކަށް ފަލަސްތީނު މީހުން ވަނުން ހުއްޓުވުމަށްޓަކައި އިޒްރޭލުން ވަނީ ކޮންކުރީޓް ބިތްގަނޑެއް ޖަހައި ބަންދު ކޮށްފަ އެވެ.

މިއަހަރުގެ މާޗް 30 ވަނަ ދުވަހުން ފެށިގެން މިހާރު ކުރިއަށް ދާ ސިލްސިލާ މުޒާހަރާތަކުގައި މިހާތަނަށް ފަލަސްތީނުގެ 124 މީހުން ވަނީ ޝަހީދުވެފަ އެވެ. އަދި 13،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެ އެވެ.

އިއްޔެގެ ހުކުރު ނަމާދަށް ފަހު ގިނަ އަދަދެއްގެ ބަޔަކު ގާޒާ އާއި އިޒްރޭލު ގުޅޭ ސަރަހައްދީ އިމުގެ ކައިރި އަށް ޖަމާވެ ކުރަން ފެށި މުޒާހަރާ ރޫޅައިލުމަށް އިޒްރޭލު ސިފައިން ވަނީ އަސްލު ވަޒަން ބޭނުންކޮށްގެން ހަމަލާދީ ކަރުނަގޭސް ވެސް ޖަހައިފަ އެވެ. އިއްޔެގެ ހަމަލާތަކުގައި ހަތަރު މީހުން ޝަހީދުވި އިރު، އިތުރު 600 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.

ޒަޚަމްވި މީހުންގެ ތެރޭގައި އޭއެފްޕީގެ ފޮޓޯގްރާފަރެއް ވެސް ހިމެނެ އެވެ. އޭނާގެ ފަޔަށް އަސްލު ވަޒަނެއް އެރީ، ނޫސްވެރިއެއްކަން އަންގައިދޭ ޖެކެޓް އަޅައި "ޕްރެސް" ޖަހާފައިވާ ހެލްމެޓެއް ވެސް އަޅައިގެން ހުއްޓަ އެވެ.

ފަލަސްތީނު މީހުންގެ މުޒާހަރާ ރޫޅައިލުމަށް އިޒްރޭލު ސިފައިން މިހާރު އާންމު ގޮތެއްގައި ކަރުނަގޭސް ޖަހަނީ ޑްރޯން ބޭނުންކޮށްގެންނެވެ. ނަމަވެސް ފަލަސްތީނުގެ އާންމުން މިހާރު ވަނީ އެ ޑްރޯންތަކާ ކުރިމަތިލާނެ ގޮތް ވެސް ހޯދައިފަ އެވެ.

އެ ގޮތުން މުޒާހަރާ އަށް މީހުން ނުކުންނަ ގަޑީގައި އަނެއް ބަޔަކު އުޅެނީ މަޑި އަރުވާށެވެ. މުޒާހަރާގެ ތެރެއަށް ކަރުނަގޭސް ޖަހަން އިޒްރޭލު ސިފައިން ޑްރޯން އުދުއްސަން ފަށާއިރަށް، މަޑިތައް އެ ޑްރޯންތަކުގައި އޮޅުވައި އެ ކަމަށް ހުރަސްއަޅަ އެވެ. މި ގޮތަށް އިޒްރޭލުގެ ބައެއް ޑްރޯންތައް ވައްޓާލާފައި ވެސް އެބަހުއްޓެވެ.

އިއްޔެގެ ހަމަލާތަކުގައި މަރުވި ހަތަރު މީހުންގެ ތެރޭގައި 15 އަހަރު ކުޑަ ފިރިހެން ކުއްޖަކު ވެސް ހިމެނެ އެވެ. އަދި ޒަޚަމްވި މީހުންގެ ތެރެއިން 94 މީހެއްގެ ގަޔަށް އަސްލު ވަޒަން އަރާފައިވެ އެވެ. އޭގެ ތެރެއިން ވެސް ހަތް މީހެއްގެ ހާލު ސީރިއަސް ކަމަށް ފަލަސްތީނުގެ ކަމާ ބެހޭ އިދާރާތަކުން ބުނެ އެވެ. ޒަޚަމްވި މީހުންގެ ތެރޭގައި 26 ކުޑަކުދިންނާއި 14 އަންހެނުން ވެސް ހިމެނެ އެވެ.