ޑަބްލިއުޓީއޯ އިން ވަކިވެދާނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

ވޮޝިންޓަން (އޮގަސްޓް 31) - އެމެރިކާއާ މެދު އިންސާފުން ކަންތައް ނުކުރާ ކަމަށް ވިދާޅުވެ ދުނިޔޭގެ ވިޔަފާރި ޖަމިއްޔާ (ޑަބްލިއުޓީއޯ) އިން ވަކިވެދާނެ ކަމުގެ އިންޒާރު ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.


"އެ މީހުން ވެސް އެމެރިކާއާ މެދު ރަނގަޅަށް ކަންތައް ނުކުރަންޏާ އެ ޖަމާއަތުން ވަކިވާނަން،" ބްލޫމްބާގް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާގެ ޓްރޭޑް ރިޕްރެޒެންޓެޓިވް ރޮބަޓް ލިއިތިޒާ ވެސް ވިދާޅުވީ ޑަބްލިއުޓީއޯ އިން އެމެރިކާގެ މިނިވަން ކަމާ ބެހެމުންދާ ކަމަށެވެ.

ޑަބްލިއުޓީއޯ އިން އެމެރިކާ ވަކިވެދާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވި އިރު އެމެރިކާ އާއި ޗައިނާއާ ދެމެދު ވަނީ ވިޔަފާރީގެ ބޮޑު ހަނގުރާމައެއް ފަށައިފަ އެވެ. ޓްރަމްޕް މިހާރު ވަނީ ޗައިނާ އިން އެތެރެ ކުރާ މުދަލަށް ޓެކްސް ބޮޑު ކުރަން ނިންމަވައިފަ އެވެ. އެމެރިކާގެ މުދަލަށް ޗައިނާ އިން ޓެކްސް ބޮޑު ކުރި ނަމަވެސް އެމެރިކާގެ މައްސަލަ ޗައިނާ އިން ވަނީ ޑަބްލިއުޓީއޯ އަށް ހުށަހަޅައިފަ އެވެ.

ޗައިނާގެ ކޮމާސް މިނިސްޓްރީން ބުނީ އެމެރިކާ އިން ދަނީ ޑަބްލިއުޓީއޯގެ ގަވާއިދުތަކާ ޚިލާފުވަމުން ކަމަށެވެ.