މާލީގެ "ސްޕައިޑަމޭން" އަށް ފްރާންސްގެ ރަށްވެހިކަން ދީފި

ޕެރިސް (ސެޕްޓެމްބަރު 13) - ފްރާންސްގެ ޕެރިހުގެ އިމާރާތެއްގެ ބެލްކަނީގައި އެލިގެން އޮތް ކުޑަ ކުއްޖަކު ސަލާމަތް ކުރުމުން މަޝްހޫރުކަން ލިބުނު މާލީގެ މަމޫދޯ ގައްސާމާ އަށް ފްރާންސްގެ ރަށްވެހިކަން ދީފި އެވެ.


އެއް އަހަރުގެ ތުއްތު ކުއްޖާ ސަލާމަތް ކުރަން މަމޫދޯ ވަނީ އިމާރާތުގެ ބޭރުން އެއް ބެލްކަނީން އަނެއް ބެލްކަނީން ހަތަރު ފްލޯ މައްޗަށް އަރައިފަ އެވެ. އޭނާ ދެއްކި ހިތްވަރަށް އެތައް ބައެއްގެ ތައުރީފް ލިބުނެވެ. ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވަނީ ރިޔާސީ ގަނޑުވަރަށް މަމޫދޯ ހާޒިރުކޮށް އޭނާ އަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ފްރާންސްގެ ފަޔާ ސާވިސް އިން ވަނީ ވަޒީފާ ހުށަހަޅައިފަ އެވެ.

މާމޫދޯ ފްރާންސްގައި ދިރިއުޅެމުން ދިޔައީ ގަވާއިދާޚިލާފަށެވެ. އެކަމަކު ކުއްޖާ ސަލާމަތް ކުރުމަށް އޭނާ ދެއްކި ހިތްވަރަށް ފްރާންސްގެ ރަށްވެހިކަން ދިނުމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން މަމޫދޯ އަށް ކުރިން ވަނީ ފްރާންސްގެ ރެސިޑެންސީ ދީފަ އެވެ. ސްޕައިޑަމޭންގެ ލަގަބް މަމޫދޯ އަށް ލިބުނީ ވެސް އޭނާ ދެއްކި ހިތްވަރަށެވެ.

މެޑިޓޭރޭނިއަން ހުރަސްކޮށް މަމޫދޯ މިދިޔަ އަހަރު ފްރާންސަށް ދިޔައީ ވަޒީފާއެއް ހޯދުމަށެވެ. އޭނާ ދިޔައީ ޕެރިހުގައި އިމާރާތް ކުރާ ތަންތަނުގައި ދުވަހު މުސާރަ އަށް މަސައްކަތް ކުރަމުންނެވެ.