ސިރިސޭނާ އަކީ ހިޓްލަރާ އެއްކަހަލަ މީހެއްގެ ގޮތުގައި ރަނިލް ސިފަކުރައްވައިފި

ކޮލަމްބޯ (ޑިސެމްބަރު 5) - ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އަކީ ހިޓްލަރާ އެއްކަހަލަ މީހެއްގެ ގޮތުގައި ބޮޑު ވަޒީރުގެ މަގާމުން ދުރުކުރި ރަނިލް ވިކްރަމަސިންހަ ސިފަ ކުރައްވައިފި އެވެ.


ރައީސް އަށް މުޚާތަބް ކުރައްވައި މިހާތަނަށް ފާޑު ވިދާޅުނުވާ ވަރުގެ ބަހުގެ ހަމަލާތަކެއް ރަނިލް ދެއްވާފައި ވަނީ ދެން ބޮޑު ވަޒީރުގެ މަގާމަށް ރަނިލް ދުވަހަކު ވެސް ނުގެންނާނެ ކަމަށް ސިރިސޭނާ ވިދާޅުވެފައި ވަނިކޮށެވެ.

"ޕާލަމެންޓުގެ މެޖޯރިޓީ އޮތީ އަޅުގަނޑަށް. އެހެންވެ ރައީސް އަށް ޖެހޭނީ ބޮޑު ވަޒީރު ކަމަށް އަޅުގަނޑު އިސްކުރަން،" ބޮޑު ވަޒީރުގެ ގެކޮޅުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރަނިލް ވިދާޅުވި އެވެ. "ރައީސް އަށް އަޅުގަނޑު މި ދަންނަވަނީ ގާނޫނު އަސާސީ ފަހަނަޅައި ގޮސް ހިޓްލަރާ އެއްގޮތަށް ނޫޅުއްވާށޭ."

ބޮޑު ވަޒީރުގެ މަގާމުން ރަނިލް ވަކިކޮށް އެ މަގާމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ހަމަޖެއްސީ އޮކްޓޯބަރު 26 ވަނަ ދުވަހު އެވެ. ނަމަވެސް ރަނިލް ގެންދަވަނީ އޭނާ މަގާމުން ދުރުކުރެވޭނީ ޕާލަމެންޓަށް އެކަނި ކަމަށް ވިދާޅުވެ މަގާމު ދޫކޮށްލަން ދެކޮޅު ހައްދަވަމުންނެވެ. ރާޖަޕަކްސާގެ މައްޗަށް އިތުބާރު އޮތްތޯ ބަލަން ޕާލަމެންޓުގައި ނެގި ދެ ވޯޓު ވެސް ވަނީ ފެއިލްވެފަ އެވެ.

ސްރީ ލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) ގެ ކޮންވެންޝަންގައި ރައީސް ސިރިސޭނާ އިއްޔެ ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ

ލަންކާގެ އިސްތިއުނާފީ ކޯޓުން ހޯމަ ދުވަހު ވަނީ ބޮޑު ވަޒީރެއްގެ ގޮތުން ރާޖަޕަކްސާ އަށް ލިބިވަޑައިގަންނަވާ ހުރިހާ ބާރެއް ނަގައިފަ އެވެ.

ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުންނާ އާދިއްތަ ދުވަހު ބައްދަލު ކުރައްވައި ސިރިސޭނާ ވަނީ ޕާލަމެންޓުގެ 225 މެންބަރުންގެ ސޮޔާ އެކު ހުށަހެޅި ނަމަވެސް ރަނިލް އަށް ބޮޑު ވަޒީރުކަން ނުދޭނެ ކަމަށް ވިދާޅުވެފަ އެވެ. ސިރިސޭނާ ވަނީ މިހާރު އުފެދިފައިވާ ސިޔާސީ މައްސަލަ ހައްލު ކުރުމުގައި މިއަދު ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެފަ އެވެ.

އަނެއްކޮޅުން ޕާލަމެންޓް އުވާލި މައްސަލާގައި ސުޕްރީމް ކޯޓުން ދާއިމީ ހުކުމެއް މި ހަފުތާގައި އިއްވާނެ އެވެ.