ފެންބޮޑުވެ، ރޭލުގައި ތާށިވި އެންމެން ސަލާމަތްކޮށްފި

މުމްބާއީ (ޖުލައި 28) - އިންޑިއާގެ މުމްބާއީއާ ކައިރި ސަރަހައްދެއްގައި ފެންބޮޑުވެ ރޭލުގައި ތާށިވި އެންމެން އިންޑިއާގެ ކަނޑުގެ ސިފައިންގެ ހެލިކޮޕްޓަރުތަކުންނާއި އިމަޖެންސީ ސާވިސްގެ ބޯޓުތައް ބޭނުންކޮށްގެން ސަލާމަތްކޮށްފި އެވެ.


މަހާލަކްސްމީ އެކްސްޕްރެސް ރޭލް މިދިޔަ ހުކުރު ދުވަހުގެ ރޭ ކޮލްހަޕޫރަށް ނައްޓާލައިގެން ދަތުރު ކުރެވުނީ އެންމެ 60 ކިލޯ މީޓަރު (37 މޭލު) އަށެވެ. ކޯރެއް ބަނޑުންވެގެން އޮއްސާލި ފެންގަނޑުގައި ރޭލު ތާށިވެ ހުއްޓުނެވެ. ރޭލް ޓްރެކަށް ވުރެ މައްޗަށް ފެންގަނޑު ބޮޑުވުމުން ތާށިވި ރޭލާ ހަމައަށް އިންޑިއާގެ ނޭޝަނލް ޑިޒާސްޓާ ރެސްޕޮންސް ފޯސް (އެންޑީއާރްއެފް) ގެ ހެލިކޮޕްޓަރުތަކާއި ބޯޓުތައް އަދި ޑައިވަރުންނަށް ދެވެންދެން ރޭލުގައި ތިބި މީހުން 12 ގަޑިއިރު ހޭދަކުރަން ޖެހުނެވެ. ބައެއް ޕަސިންޖަރުން ބުނި ގޮތުގައި ކާނެ އެއްޗެއް ނުލިބި 15 ގަޑިއިރު ހޭދަވި އެވެ. ރޭލުން 1،050 މީހުން ސަލާމަތް ކުރި ކަމަށް ކަމާބެހޭ އޮފިޝަލުން ބުންޏެވެ.

ފެންބޮޑުވުމުގައި ތާށިވި ރޭލުން މީހުން ސަލާމަތް ކުރަނީ. --ފޮޓޯ:އޭއެފްޕީ

އިންޑިއާގެ ރޭލްވޭ އިން ބުނީ ރޭލުގައި ތިބި އެންމެން ހުސްކުރެވުނީ މަސައްކަތް ފެށިތާ ފަސް ގަޑިއިރު ފަހުން ކަމަށެވެ. ސަލާމަތް ކުރި މީހުންގެ ތެރޭގައި މާބަނޑު ނުވަ އަންހެނުން ވެސް ހިމެނެ އެވެ. ރޭލު ވަށައިގެން ފެންބޮޑުވެފައި އޮތުމުން މީހުން ސަލާމަތް ކުރީ ކުދި ބޯޓު ފަހަރުގަ އެވެ. ރޭލްވޭ އޮތޯރިޓީން ބުނީ ސަލާމަތް ކުރި މީހުންނަށް ކާނާ އާއި ބޯފެން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ހާލުގައި ޖެހުނު މީހުންނަށް ފަރުވާ ދިނުމަށް 37 ޑޮކްޓަރުން ފޮނުވާފައިވާ ކަމށް ވެސް ބުނެފައިވެ އެވެ.

ފެންބޮޑުވުމުގައި ތާށިވި ރޭލުން މީހުން ސަލާމަތް ކުރަނީ. --ފޮޓޯ:އޭއެފްޕީ

މުމްބާއީ އަށް ބޯކޮށް ވާރޭވެހެމުންދާތީ އިއްޔެ ވެސް ވަނީ 11 ފްލައިޓް ކެންސަލް ކުރަން ޖެހިފަ އެވެ. އަދި މުމްބާއީގައި ޖައްސަން ހަމަޖެހިފައިވާ ނުވަ ފްލައިޓް ވަނީ ޑައިވާޓްކޮށްފަ އެވެ.

މުމްބާއީ އިން ގޯވާ އަށް ދަތުރު ކުރާ މައި ހައިވޭ ވެސް ވަނީ، ފެންބޮޑުވެގެން ބަންދުކޮށްފަ އެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ މުމްބާއީގެ ބައެއް ސަރަހައްދުތަކަށް ވަނީ 20 ސެންޓިމީޓަރު (އަށް އިންޗި) އަށް ވާރޭ ވެހިފަ އެވެ.

ފެންބޮޑުވުމުގައި، ވޭތުވެދިޔަ ދެ ހަފުތާ ތެރޭ އިންޑިއާގެ އެކި ހިސާބުތަކުން ވަނީ 250 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.

ފެންބޮޑުވުމުމުން، ރޭލު ތާށިވެފައި. --ފޮޓޯ:އޭއެފްޕީ