ނިއު ދިއްލީ (މެއި 30) - އިންޑިއާގައި އޭޓީއެމްއެއް ހޯދުމަކީ އުނދަގޫ ކަމެކެވެ. ނަމަވެސް ދުނިޔޭގެ ދެވަނަ އަށް އެންމެ އާބާދީ ބޮޑު ގައުމުގައި ރަނގަޅަށް މަސައްކަތްކުރާ ގައުމުގައި އޭޓީއެމްއެއް ހޯދުމަކީ އަދި އެއަށް ވުރެ ވެސް އުނދަގޫ ކަމެކެވެ.
ފައިސާގެ މުއާމަލާތްތައް މައިގަނޑު ގޮތެއްގައި ނަގުދު ފައިސާ އިން ކުރާ ގައުމެއްގައި މިކަން ވަނީ ވަރަށް ބޮޑު މައްސަލައަކަށްވެފަ އެވެ.
މި މައްސަލައިގެ ތެރެއަށް ފީނާ، މިކަމުގެ ސީރިއަސްކަން ހޯދުމަށް އިންޑިއާގެ މަރުކަޒީ ބޭންކުން ކުރި ދިރާސާ އަކުން ދައްކާ ގޮތުން، އިންޑިއާގައި ހުންނަ އޭޓީއެމްތަކުގެ ތިން ބައިކުޅަ އެއްބައި މަސައްކަތެއް ނުކުރެ އެވެ.
"އަޅުގަނޑުމެންގެ ޓީމުތަކުން 4،000 އޭޓީއެމް ހިމެނޭ ދިރާސާއެއް ކުރި. އެ ދިރާސާގެ ނަތީޖާ އަކުން އެއްވެސް ހިތްހަމަޖެހުމެއް ނުލިބޭ،" އެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރާނެ ކަމަށް ވައުދު ވަމުން ރިޒާވް ބޭންކް އޮފް އިންޑިއާގެ ގަވަރުނަރުގެ ނައިބު އެސް.އެސް މުންދްރާ ވިދާޅުވި އެވެ.
ރަނގަޅަށް މަސައްކަތް ކުރާ އޭޓީއެމްތައް މަދުވުމުން މީހުންނަށް އުނދަގޫވުމުގެ އިތުރުން، އެހެނިހެން މައްސަލަތައް ވެސް ކުރިމަތިވާ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ޓަފްޓްސް ޔުނިވާސިޓީ އިން ކުރި ދިރާސާއަކުން ދައްކާ ގޮތުން، 2012 ވަނަ އަހަރު އިންޑިއާގައި ކުރި ފައިސާގެ މުއާމަލާތްތަކުގެ 87 ޕަސަންޓަކީ ނަގުދު ފައިސާ ބޭނުންކޮށްގެން ކުރި މުއާމަލާތްތަކެވެ.
"އަޅުގަނޑުމެންގެ ޓީމުތަކުން 4،000 އޭޓީއެމް ހިމެނޭ ދިރާސާއެއް ކުރި. އެ ދިރާސާގެ ނަތީޖާ އަކުން އެއްވެސް ހިތްހަމަޖެހުމެއް ނުލިބޭ،" ރިޒާވް ބޭންކް އޮފް އިންޑިއާގެ ގަވަރުނަރުގެ ނައިބު އެސް.އެސް މުންދްރާ
އިންޑިއާގެ މަރުކަޒީ ބޭންކުގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، އެ ގައުމުގެ 1.3 ބިލިއަން މީހުން ބޭނުންކުރަން ހުރީ ގާތްގަނޑަކަށް 200،000 އޭޓީއެމް އެވެ. އެއީ ބޮލަކަށް ބަލައިފި ނަމަ މިސްރު، ކެންޔާ އަދި ނައިޖީރިއާ ފަދަ ގައުމުތަކަށް ވުރެ ވެސް މަދު އަދަދެކެވެ.
ބޭންކުތަކުގެ ވަކި ގޮތްޕެއް ނުހުންނަ ދުރު ހިސާބުތަކުގައި، ލާރި ނަގަން އެތައް ސަތޭކަ ކިލޯމީޓަރެއް ދަތުރު ކުރަން މީހުންނަށް މަޖުބޫރުވެ އެވެ. އަދި ހިސާބުތަކަށް ބަލައިފި ނަމަ، ހަލާކުވެފައިވާ 66،000 އޭޓީއެމްގެ ސަބަބުން، ނަގުދު ފައިސާ ހޯދަން މީހުން ހޭދަ ކުރަންޖެހޭ ވަގުތު ވެސް އެތައް ގުނައެއް އިތުރުވެ އެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ވަނީ މޮބައިލް ބޭންކިން ބޭނުން ކުރުމަށް އިލްތިމާސް ކޮށްފަ އެވެ. ނަމަވެސް، ކޮންމެ 6،500 މީހަކަށް އެންމެ އޭޓީއެމްއެއް ހުރުމަކީ، ލާރި ނެގުމަށް ބޭނުން ކުރާ މި ވަސީލަތައް ވެސް އިތުރު ސަމާލުކަމެއް ދޭން ޖެހިފައިވާ ކަމެއް ކަމުގައި ތަޖުރިބާކާރުން ބުނެ އެވެ.