އީރާނުގެ ޚާރިޖީ ވަޒީރާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

ވޮޝިންޓަން (އޮގަސްޓް 1) - އީރާނުގެ ޚާރިޖީ ވަޒީރު ޖަވާދު ރަޒީފްއާ ދެކޮޅަށް އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.


ޓްރެޝަރީން އެޅި ފިޔަވަޅުތަކުގެ ތެރޭގައި އެމެރިކާގައި ނުވަތަ އެމެރިކާގެ ބާރުގެ ދަށުގައިވާ އެއްވެސް ތަނެއްގައި ޒަރީފުގެ މުދަލެއް ހުރި ނަމަ ހިފެހެއްޓުން ހިމެނެ އެވެ. ޓްރެޝަރީ ސެކްރެޓަރީ ސްޓީވަން މަނޫޗިން ވިދާޅުވީ ޒަރީފަކީ އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އެޖެންޑާ ތަންފީޒް ކުރައްވާ ފަރާތް ކަމަށެވެ.

މަނޫޗިން ވިދާޅުވީ ޒަރީފަކީ މުޅި ދުނިޔޭގައި އީރާނުގެ ބަސް އިއްވާ ތަރުޖަމާން ކަމަށެވެ.

"އެމެރިކާ އިން އީރާނަށް ދޭން ބޭނުންވާ މެސެޖަކީ އެ ގައުމުން ދާދި ފަހުން އަމަލުތައް ބެހެއްޓި ގޮތް ބަލައިނުގަނެވޭނެކަން،" މަނޫޗިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އީރާނުގެ ރައްޔިތުން ސޯޝަލް މީޑިއާ ބޭނުން ކުރުން ހުއްދަ ނޯންނަ އިރު އެ ގައުމުގެ ޕްރޮޕަގެންޑާ މުޅި ދުނިޔެ އަށް ފަތުރާ ބޭފުޅަކީ ޒަރީފް ކަމަށެވެ.

ޒަރީފުގެ ޓްވީޓް.

ޒަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމެރިކާ އިން އޭނާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅީ އެމެރިކާ އިން އޭނާ ދެކެ ޖެހިލުންވާތީ ކަމަށެވެ. އަދި އެމެރިކާ އިން އެޅި ފިޔަވަޅުން އޭނާ އާއި އާއިލާގެ އެއްވެސް މީހަކަށް ކުރާނެ އަސަރެއް ނެތް ކަމަށް ވިދާޅުވި އެވެ. ސަބަބަކީ އޭނާގެ އެއްވެސް މުދަލެއް އީރާނުން ބޭރުގައި ނުހުންނާނެތީ ކަމަށް ވެސް ޒަރީފް ވިދާޅުވި އެވެ.

އީރާނާއި އެމެރިކާގެ ގުޅުން ގޯސްވާން ފަށާފައި ވަނީ 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ އިން މިދިޔަ އަހަރު ވަކިވެ އީރާނާ ދެކޮޅަށް ދަތިކުރަން ފެށި ހިސާބުންނެވެ. ނިއުކްލިއާ އެއްބަސްވުމުގައި ދެން ހިމެނޭ ޗައިނާ، ފްރާންސް، ޖަރުމަން، ރަޝިޔާ އަދި އިނގިރޭސި ވިލާތުން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ނިންމެވުމަށް ފާޑު ކިޔައިފަ އެވެ.

އީރާނުން ވެސް ވަނީ ނިއުކްލިއާ އެއްބަސްވުމުގައި ކަނޑައަޅާފައިވާ މިންވަރަށް ވުރެ އިތުރަށް ޔުރޭނިއަމް ފައްކާކުރަން ފަށައިފަ އެވެ.

އުމުރުން 17 އަހަރުން ފެށިގެން 1988 ވަނަ އަހަރު އިންޓަނޭޝަނަލް ލޯ އިން ޕީއެޗްޑީ ނަންގަވަންދެން ޒަރީފް އުޅުއްވީ އެމެރިކާގަ އެވެ.