މިޝޭލް އޮބާމާ ރައީސް ކަމަށް ވާދަކުރައްވަފާނެ ބާ؟

ވޮޝިންޓަން (އޮގަސްޓް 11) - އެމެރިކާގެ ކުރީގެ ފަސްޓް ލޭޑީ މިޝޭލް އޮބާމާ އެ ގައުމުގެ ރައީސްކަމުގެ މަގާމަށް ވާދަކުރެއްވުމަކީ ވަރަށް ގިނަ ބަޔަކު އެކަމަނާގެ އަރިހުން އެދި އާދޭސް ކުރަމުންދާ ކަމެކެވެ. އެކަމަކު އެ ކަމުގައި އެކަމަނާގެ ޖަވާބު ވަރަށް ސާފެވެ.


މިޝޭލް އަށް އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ގިނަ ބަޔަކު ބުނަމުން ދިޔަ ނަމަވެސް އެކަމަނާގެ ޖަވާބަކީ "ގައުމަށް ޚިދުމަތް ކޮށްދެވޭނެ އެހެން ދާއިރާތައް އެބަހުރި" ކަމަށެވެ.

"މި ގައުމު އިތުރަށް ރަނގަޅުކޮށް ދުނިޔެއަކީ މިއަށް ވުރެ ރަނގަޅު ތަނަކަށް ހެދޭނެ އެތައް ގޮތެއް އެބަހުރި. އަޅުގަނޑު މިދަނީ އެ މަސައްކަތް ކުރަމުން. މިސާލަކަށް ސިއްހީ ގޮތުން ރަނގަޅު ދިރިއުޅުމެއް އުޅޭނެ ގޮތް ކިޔައިދެމުން މިދަނީ. އެކަމަކު އޯވަލް އޮފީހުގައި މޭޒެއްގެ ކައިރީގައި އިނދެގެން މި މަސައްކަތެއް ނުކުރެވޭނެ،" މިޝޭލް ވިދާޅުވި އެވެ.

ކުރީގެ ރައީސް އޮބާމާ އާއި މިޝޭލް. --ފޮޓޯ:އޭއެފްޕީ

ރައީސް ކަމަށް ވަޑައިގަތުމަށް މިޝޭލް ތަކުރާރުކޮށް ދެކޮޅު ހެއްދެވި ނަމަވެސް އެތައް ބަޔަކު އެކަމަނާގެ އަރިހުގައި ވަނީ އަލުން ވިސްނައިވަޑައިގަތުމަށް އެދިފަ އެވެ. އެމެރިކާގެ ފިލްމު އުފެއްދުންތެރިޔާ މައިކަލް މޫއަ ބުނެފައިވާ ގޮތުގައި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރިޔާސީ އިންތިޚާބުގައި ބަލި ކުރެވޭނެ ހަމައެކަނި ފަރާތަކަށް ހުރީ މިޝޭލް ކަމަށެވެ.

"ބަހުސްގައި ވެސް އެކަމަނާ ޑްރަމްޕް ބަލިކުރާނެ،" މޫއަ ބުނެފައިވެ އެވެ. "ސްޓޭޖަށް އަރައިވަޑައިގެންފި ނަމަ މިޝޭލް އަކީ ވަރަށް ބާރުގަދަ ބޭފުޅެއް."