ކުއްލިއަކަށް މޫސުން ގޯސްވެ ހޮނުއަޅައިގެން ފަސް މީހުން މަރު

ވޯސޯ (އޮގަސްޓް 23) - ކުއްލިއަކަށް މޫސުން ގޯސްވެ ގުގުރުމާ އެކު ކުރި ބޯ ވިއްސާރައިގައި ޕޮލެންޑަށް ހޮނުއަޅައި ހަތަރު މީހުން މަރުވެ 100 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.


ހޮނުއަޅައިގެން ފަސް ވަނަ މީހާ މަރުވީ އަވަށްޓެރި ސްލޮވޭކިއާ އިންނެވެ. މަރުވި މީހުންގެ ތެރޭގައި ކުޑަ ކުއްޖަކު ވެސް ހިމެނޭ ކަމަށްވެ އެވެ.

ހޮނުއަޅައިގެން ޕޮލެންޑުން މަރުވީ އެ ގައުމުގެ ދެކުނުގެ ޓާޓްރާ ސަރަހައްދަށް ހައިކިން އަށް ގޮސް އުޅުނު ބައެކެވެ.

އަވި ދީފައި އޮއްވާ، މޫސުން ގޯސްވެ ގުގުރަން ފެށީ ކުއްލިއަކަށް ކަމަށްވެ އެވެ.

"އެއްވެސް މީހަކު ހިއެއް ނުކުރޭ ކުއްލިއަކަށް އެހާ ބޮޑަށް މޫސުން ގޯސްވާނެ ކަމަށް،" މީހުން މަރުވި ހާދިސާއާ ގުޅިގެން ބޭއްވި ކުއްލި ބައްދަލުވުމެއްގައި ޕޮލެންޑުގެ ބޮޑު ވަޒީރު މެޓިއުސް މޮރަވިއެކީ ވިދާޅުވި އެވެ.

މީހުން ސަލާމަތް ކުރުމަށް ފަރުބަދަ މަތީގެ ސަރަހައްދަށް ވަނީ ހަތަރު ހެލިކޮޕްޓަރު ފޮނުވައިފަ އެވެ.