ދުނިޔެ / ނޮބެލް އިނާމް

ނޯބެލް އިނާމު، އެެހެން ޕްލެންޓްތައް ހޯދި ސައިންސްވެެރިންނަށް

އިރުގެ ނިޒާމުން ބޭރުން ފުރަތަމަ ފަހަރަށް ޕްލެނެޓެއް ފެނުނު ތަރި އާއި އެ ޕްލެނެޓް ސިފަކޮށް ކުރަހާފައިވާ ކުރެހުމެއް: މި ޕްލެނެޓް ހޯއްދެވީ މީޝެލް މޭޔާ އާއި ޑިޑިއާ ގުއެލޮޒް. އެ ދެ ބޭފުޅުންނަށް ވަނީ ފިޒިކްސްގެ ރޮނގުން 2019 ގެ ނޯބެލް އިނާމު ލިބިވަޑައިގެންފައި.

10 އޮކްޓޯބަރ 2019 - 11:53

8 comments
happy icon 71%

ފިޒިކްސްގެ ރޮނގުން މި އަހަރުގެ ނޯބެލް އިނާމު، އިރުގެ ނިޒާމުން ބޭރުން ފުރަތަމަ ފަހަރަށް ޕްލެނެޓް ހޯއްދެވި ދެ ސައިންސްވެރިންނަށް ދޭ ނިންމައިފި އެވެ. ދެން އެ އިނާމު ހިއްސާކުރައްވަނީ ކާއިނާތުގެ ޒުވާން އިރު، ގެލެކްސީތައް އުފެދުނު ގޮތާއި ކައުނުގެ އުމުރު ފަދަ ކަންކަން ޔަގީންކަމާ އެކު ދެނެގަނެވޭނެ ވިސްނުންތައް ތިލަކޮށްލަދެއްވި އިލްމުވެރިޔާ އެވެ.

ޕްރިންސްޓަން ޔުނިވަސިޓީގެ ކުރީގެ ޕްރޮފެސަރެއް ކަމަށްވާ ޖޭމްސް ޕީބްލްސް، މަޝްހޫރުވެފައި ވަނީ 13.8 ބިލިއަން އަހަރުގެ ދިގު ތާރީހެއް އޮތް ކައުނު ބަދަލުވަމުން އައި ގޮތް، އޭގެ ތެރޭގައި ގެލެކްސީތައް އުފެދުނު ހާލަތްތައް ވެސް ހިމެނޭ ގޮތުން، ތަފްސީލުކޮށްދެވިދާނެ ތިއަރީތައް ގެނެސްދެއްވި އެސްޓްރޮފިޒިސިސްޓެއްގެ ގޮތުގަ އެވެ.

ނޯބެލް އިނާމާ އެކު ދޭ ގާތްގަނޑަކަށް 900،000 ޑޮލަރުގެ ފައިސާގެ އިނާމުގެ ދެބައި ކުޅަ އެއްބައި، ލިބިވަޑައިގަންނަވާނީ ޕީބްލްސް އަށެވެ. އަނެއް ބައި ހިއްސާކުރައްވާނީ، އިރުގެ ނިޒާމުން ބޭރުގައި، އެހެން ތަރިތައް ވަށައިގެން ވެސް ޕްލެނެޓްތައް ދައުރުވަމުން ދާ ކަން ފުރަތަމަ ފަހަރަށް ސާބިތުކޮށްދެއްވި ދެ އިލްމުވެރިން ކަމަށް ވާ މީޝެލް މޭޔާ އާއި ޑިޑިއާ ގުއެލޮޒް އެވެ.

މިއީ އިލްމުގެ ގޮތުން ބަލާއިރު މުޅިން ތަފާތު ދެ ދާއިރާއެއް ނަމަވެސް، ނޯބެލް އިނާމު ކޮމިޓީން ބުނީ، ދެ ހޯދުމުގެ ސަބަބުން "ކާއިނާތުގައި އަހަރެމެންގެ މަގާމަކީ ކޮބައިކަން" އަންގައިދޭ ވަރަށް މުހިންމު މައުލޫމާތުތަކެއް، އެ ހޯދުންތަކުން ލިބުނު ކަމަށެވެ.

ހެނދުނުގެ ފޯނު ކޯލް

ނޯބެލް އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް އެކަން ފުރަތަމަ އަންގަނީ ފޯނު ކޯލަކުންނެވެ. ސްވިޑުންގެ ވެރިރަށް ސްޓޮކްހޯމުން ކުރާ އެ ފޯނު ކޯލުގެ ގަޑި އެމެރިކާގެ ބައެއް ހިސާބުތަކަށް ދިމާވަނީ ފަތިސް ވަގުތާ އެވެ. ޕީބްލްސް އަށް ލިބިވަޑައިގެންނެވި ފޯނު ކޯލުން އޭނާ މުޅިއަކުން ހައިރާންވެވަޑައެއް ނުގަންނަވަ އެވެ.

"ކޮސްމޮލޮޖީގެ ދާއިރާގައި އަހަރެން މަސައްކަތްކުރާތާ 55 އަހަރު ވެއްޖެ،" ޕީބްލްސް ވިދާޅުވި އެވެ.

"އަނެއްހެން ބުނަންޏާ އެހާ ކުރިން އެ ކަންކަމުގައި އުޅުނު މީހުންގެ ތެރެއިން އެންމެ ފަހު މީހާ އަހަންނަކީ. އެހެންވެ ކޮންމެވެސް ވަރަކަށް ސިކުނޑީގައި އޮވޭ [ނޯބެލް އިނާމު]."

ފިޒިކްސްގެ ދާއިރާ އިން 2019 ގެ ނޯބެލް އިނާމު ލިބިވަޑައިގަންނަވާ ތިން ސައިންސްވެރިން ކަމަށްވާ މީޝެލް މޭޔާ (ކ)، ޑިޑިއާ ގުއެލޮޒް (މ) އަދި ޖޭމްސް ޕީބްލްސް

ފިޒިކްސްގެ އިނާމު ދެން ލިބިވަޑައިގަންނަވާ މޭޔާ އަކީ ޔުނިވަސިޓީ އޮފް ޖެނީވާގެ އެސްޓްރޮނޮމީ ދާއިރާގެ ކުރީގެ ޕްރޮފެސަރެކެވެ. ކިޔަވައިދެއްވުމުން އޭނާ މިހާރު ރިޓަޔަކުރައްވާފައި ވިޔަސް، ޖެނީވާ އޮބްޒަވެޓަރީގައި މިހާރު ވެސް އަމަލީ ގޮތުން އުޅުއްވަ އެވެ.

ގުއެލޮޒް ގެންދަވަނީ ކެމްބްރިޖް ޔުނިވަސިޓީގެ ކެވެންޑިޝް ލެބޯރަޓަރީގައި ފިޒިކްސް ޕްރޮފެސަރެއްގެ ގޮތުން މަސައްކަތްކުރައްވަމުންނެވެ. އޭގެ އިތުރުން އޭނާ އަކީ ޔުނިވަސިޓީ އޮފް ޖެނީވާގައި ވެސް ކިޔަވައިދެއްވާ ޕްރޮފެސަރެކެވެ.

ކައުނު ބޮޑުވަމުން ދިއުމާއި އުމުރު ދެނެގަތުން

ކާއިނާތާ ބެހޭ ގޮތުން 1960ގެ އަހަރުތަކުގައި ޕީބްލްސް ފުރަތަމަ ދިރާސާކުރައްވަން ފެއްޓެވި އިރު، ކައުނުގެ އުމުރު ފަދަ ލަފާކުރުންތަައް ބިނާކުރާނެ އެކަށީގެންވާ ތިއަރީތަކެއް ނެތެވެ. އެހެންކަމުން ކައުނުގެ އުމުރު ވެސް އެކި އިލްމުވެރިން ލަފާކުރާ މިންވަރު ވަރަށް ތަފާތެވެ.

އެކަމަކު ޕީބްލްސް ފަހުން އުފެއްދެވި ތިއަރީތަކުން، ވަރަށް ބޮޑު ފަސޭހަތަކެއް ލިބި، އަދި ލަފާކުރުންތަކުގެ އިތުބާރު ބޮޑުވާނެ ގޮތްތައް ހޯދުނެވެ. މިސާލަކަށް މުޅި ކައުނުގެ ތެރެއަށް ފެތުރިފައިވާ މައިކްރޮވޭވްސް އެވެ. އަދި މުޅި ކައުނު ފުރިފައި ވަނީ ނުފެންނަ "ކޯލްޑް ޑާކް މެޓާ" އިންކަން 1980ގެ އަހަރުތަކުގައި ފުރަތަމަ ތިލަކޮށްލަދެއްވި އިލްމުވެރިންގެ ތެރޭގައި ވެސް އޭނާ ހިމެނެ އެވެ. ގެލެކްސީތައް އުފެދުމުގައި، އެންމެ ބޮޑު ދަމާބާރެއް ލިބެނީ "ޑާކް މެޓާ" އިންކަން އެ ހޯދުންތަކުން އެނގުނެވެ.

ކައުނަކީ ހުއްޓިފައި އޮތް ތަނެއް ނޫން ކަމާއި ބޮޑުވަމުން، ފުޅާވަމުން ދާ ތަނެއްކަން، ސާބިތުކޮށްދޭން، އެހެން ސައިންސްވެރިންނަށް ލިބުނު އެންމެ ބޮޑު ފަސޭހަތަކަކީ ޕީބްސްލްގެ ތިއަރީތަކެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ހޯދުމަކީ 1998 ގައި، ސައިންސްވެރިންގެ ދެ ޓީމަކުން ނެރުނު ނަތީޖާ އެވެ. އެ ޓީމުތަކުގެ ދިރާސާތަކުން އެނގުނީ، ކައުނު ހަމައެކަނި ފުޅާވަމުން ދަނީ ނޫން ކަމެވެ. އެކަން ހިނގަނީ ބާރު ސްޕީޑްގައި ކަމަށް ވެސް އެނގުނެވެ.

ޕީބްލްސް ވިދާޅުވާ ގޮތުގައި ކައުނަކީ ސިއްރުން ފުރިފައިވާ ތަނެކެވެ. ޑާކް މެޓާ އާއި ޑާކް އެނާޖީ އުފެދިފައި ވަނީ ކިހިނެއްކަން ސައިންްސްވެރިން ދެނެގަންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ތަރިތަކުގައި ވެސް ޕްލެނެޓް

މި އަހަރު ފިޒިކްސްގެ ރޮނގުން ނޯބެލް އިނާމު ލިބިވަޑައިގަންނަވާ އަނެއް ދެ ބޭފުޅުންގެ ހޯއްދެވުމަކީ ވެސް މިހާރުގެ ސައިންސަށް ލިބުނު އިތުރު ދިރުމެކެވެ. ކައުނުގައިވާ ބައިތަކާ މެދު އަބަދުވެސް އިންސާނާގެ ހިތުގައި ސުވާލު އުފެދެ އެވެ. އަދި ޖަވާބު ހޯދަން، އިލްމީ ގޮތުން ތަފާތު މަސައްކަތްތައް ކުރެ އެވެ.

ކުރިން ނަމަ ގިނަ ބަޔަކަށް ގަބޫލުކުރެވުނީ ޕްލެނެޓަކީ ހަމައެކަނި އަހަރެމެންގެ އިރަށް ހާއްސަ ބައިތަކެއް ކަމަށެވެ. އެކަމަކު އިލްމުވެރިންގެ ނަޒަރުގައި އެހެން ތަރިތަކުގެ ނިޒާމް ތެރޭގައި ވެސް ޕްލެނެޓްތައް ވާނެ އެވެ. މައްސަލައަކީ ކަށަވަރުކުރާނެ ހޯދުންތަކެއް ނެތުމެވެ. އެއްވެސް ދިރާސާއަކުން އެކަން ޔަގީންކޮށް ނުދިނުމެވެ.

އެކަމަކު މޭޔާ އާއި ގުއެލޮޒް ވަނީ އެހެން ތަރިއެއްގެ ވަށައިގެން ބޮޑު ޕްލެނެޓެއް ދައުރުވަމުން ދާ ކަން ކަށަވަރުކޮށްދެއްވައިފަ އެވެ. އެންމެ ފުރަތަމަ އެ މަސައްކަތް ފެށި އިރު ޕްލެނެޓެއް ފެނިދާނެ ކަމަކަށް ގުއެލޮޒް އުއްމީދެއް ނުކުރައްވަ އެވެ.

މޭޔާއާ އެކު މަސައްކަތްކުރެއްވުމުގެ ތެރޭގައި ގުއެލޮޒް ވަނީ ހާއްސަ ސޮފްޓްވެއާއެއް ތައްޔާރުކުރަައްވައިފަ އެވެ.

ޕްލެނެޓެއް ހޯދުނު ނަމަވެސް ސީދާ އެ ފެންނާނެ ގޮތެއް ނެތެވެ. އެހެންކަމުން އެ ބޭފުޅުން މަސައްކަތްކުރެއްވީ ތަރީގެ އައްޔަށް އަންނާނެ ބަދަލުތައް ހޯއްދަވާށެވެ. އެ ބަދަލުތައް އަންނާނީ އެ ތަރި ވަށައިގެން ޕްލެނެޓް ދައުރުވަމުން ދާ ނަމަ އެވެ. މިސާލަކަށް އެމްބިއުލެންސް ނުވަތަ ޕޮލިސް ކާރަކުން ސައިރެން އަޅާ އިރު، އެ ވެހިކަލެއް ކައިރި ވަމުން އަންނަ ވަރަކަށް އަޑު ގަދަވެފައި، ދުރަށް ދާ ވަރަކަށް އަޑު މަޑުވެ އެވެ. ހަމަ އެގޮތަށް ތަރިއެއްގެ ވަށައިގެން ޕްލެނެޓެއް ނުވަތަ ޕްލެނެޓްތަކެއް ދައުރުވާ ނަމަ، އޭގެ އައްޔަށް ބަދަލުތައް އާދެ އެވެ.

ދެ ސައިންސްވެރިންގެ މަސައްކަތުން ޖުޕިޓާއަށް ވުރެ ބޮޑު ޕްލެނެޓެއް ފެނުނީ ދުނިޔެއާ 51 އަލި އަހަރުގެ ދުރުގައި ދައުރުވަމުން ދިޔަ ތަރި، 51 ޕެގަސީ ވަށައިގެން އެނބުރެމުން ދަނިކޮށެވެ. ޖުޕިޓާވަރުގެ ޕްލެނެޓެއް ނަމަ ދައުރުވަމުން ދާނީ، އިރާއި ޖުޕިޓާއާ ދެމެދު އޮތް ކަހަލަ، ދުރު މިނެއްގައި ކަމަށް ލަފާކުރެއްވިޔަސް، ސައިންސްވެރިން ހައިރާންވީ، އެއަށް ވުރެ މާ ކައިރިން އެ ޕްލެނެޓް ދައުރުވަމުން ދިިއުމެވެ.

އެ ބޭފުޅުންގެ ދިރާސާގެ ނަތީޖާ އިއުލާންކުރެއްވީ އޮކްޓޯބަރު 6، 1995 ގަ އެވެ.

އޭގެ ފަހުން މިހާތަނަށް، 4،000 އަށް ވުރެ ގިނަ ޕްލެނެޓް، އިރުގެ ނިޒާމުން ބޭރުން އެކި ސައިިންސްވެރިން ވަނީ ހޯދައިފަ އެވެ. އޭގެ ތެރޭގައި ދިރުން އުފެދޭ ކަހަލަ ތިމާވެއްޓެއް އޮވެދާނެ ފަދަ ޕްލެނެޓްތައް ވެސް ހިމެނެ އެވެ.

8 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 94%
icon sad icon sad 0%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޥާހިދު

10 October 2019

ކީރިތި ގުރުއާނުގައި އެވަނީ ވަރަށް ސާފުކޮށް ކާއިނާތުގެ ވާހަކަ ބަޔާންކުރައްވާފަ. ޢިސްލާމުން އެންމެ ފުރަތަމަ ކާއިނާތުގެ އިލްމު ކުރިއެެރުވީ.

The name is already taken The name is available. Register?

ބޯޓުދެލި

10 October 2019

ޕޮލިސް ކާރާއި އެންބިއުލާންސްގެ މިސާލު ޖަހާފައި އޮތީ ގޯސްކޮށް. އެގޮތަށް އަޑަށް ބަދަލުއައުން އެއީ ޑޮޕްލަރ ޝިފްޓް. ޕްލެނެޓެއްގެ ސަބަބުން އައްޔަށް ބަދަލު އަންނަނީ މިކަމުގެ ސަބަބަކުންނޫން. ދުނިޔެއާއި ތަރިއާއި ސީދާ ދެމެދަށް ޕްލެނެޓެއް ކޮންޖަންކްޝަން ދިމާވާވަގުތު ތަރީގެ އަލި ދުނިޔެއަށް ކުޑަކުޑަމިންވަރަކަށް ފަނޑުވަނީ.

The name is already taken The name is available. Register?

ރަސުލީ

10 October 2019

އަދި އެ ފަނޑުވާ ފަނޑުވުން އަބަދުވެސް އެއް މުއްދަތެއްގައި ތަކުރާރުވާނެ.

The name is already taken The name is available. Register?

ބޯޓުދެލި

10 October 2019

1 މުއްދަތެއްގައި ތަކުރާރެއް ނުވާނެ. ސަބަބަކީ އެލައިންމަންޓު ދިމާވުމަކީ އެއީ ވަރަށް މަދުންނޫނީ ހިނގާކަމެއްނޫން. މިސާލަކަށް އިރު ދުނިޔެއާއި އެހާ ކައިރިވެފަ އެއްޕްލޭނެއްގަ ޕްލެނެޓްތައް ހުރިއިރުވެސް އިރުވެސް ވީނަސްގެ ކޮންޖަންކްޝަން ދިމާވަނީ ވަރަށް ޒަމާނުން، އެއީ ރެގިއުލާ ކަމެއްނޫން. ހަނދުކޭތަވެސް ރެގިއުލާއެއްނޫނެއްނުންތޯ.

The name is already taken The name is available. Register?

ހަމަ ބުއްދި

10 October 2019

ސައިންސު ވެރިން ބުނީތީ އަހަރެމެންގެ ބުއްދި ޤަބޫލް ނުކުރާ ކިތައްމެ ކަމެއް މިތިބީ ޤަބޫލް ކޮށްގެން ނެވެ.އެއީ ތެދެއްކަން ނުވަތަ ދޮގެއްކަން ވެސް މަގޭ ބުންދިން ޤަބޫލް ކުރެވޭނެ ގޮތެއް ނެތެވެ.އެކަމަކު އިންކާރު ކުރެވޭކަށް ވެސް ނެތެވެ. ވީމާ އިސްރާ އާއި މިއުރާޖް ޤަބޫލް ނުކުރަންވީ ކީއްވެ ތޯއެވެ؟ ސައިންސް ވެރިނަށް ވެސް ލިބިގެން ވަނީ ޢިލްމުގެ ތެރެއިން އެތި ފުކެކެވެ. އަދި ވެސް ހޯދުން ތަށް ހޯދޭނެ އެވެ.

The name is already taken The name is available. Register?

ނަރުގި

10 October 2019

ސައިންސް އަކީ ވަކި ތަރުތީބަކުން ކަންކަން ހިގާތޯ ފަރުވާތެރިކަމާއި އެކު ބަލައި ރެކޯޑު ކުރުން. މީހަކު ބުނީތީ ގަބޫލު ކުރުމަކީ ސައިންސްގަ އޮންނަގޮތެއްނޫން.

The name is already taken The name is available. Register?

ގޯލްޑް

11 October 2019

ފިލޯސަފީ އާއި ސައިންސް ތަފާތު. ސައިންސަކީ ތިއަރީއަކުން ފޯމިއުލާއެއް އުފެދި ހިސާބުން ސާބިތުވާ ސާބިތުކޮށްދިނުމެކެވެ. ފިލޯސަފީއަކީ ފެންނަން ހުންނަ ކަންކަމުގެ މައްޗަށް ބަލައި ބުއްދީގެ ބޭނުންކޮށްގެން ވަކި ހަމަތަކަކަށް އަޅާކިޔައި ފޯމިއުލާއެއް ނެތި އެކަމަކު ނުކުމެފައިވާ ނަތީޖާތަކަށް ބަލައި ނިންމާ ނިންމުމެކެވެ. ދީނަކީ އާލަމްތައް ހައްދަވައި ޚަލްޤު ކުރެއްވި ﷲ ސުބްހާނަހޫ ވަތަޢާލާ ރަސޫލުން މެދުވެރިކުރައްވައި އިންސާނިއްޔަތަށް އެންގެވި އެންގެވުމެވެ.

The name is already taken The name is available. Register?

ެއިކޮނޮސިސްތް

11 October 2019

ގަ މާރު ކަ މެއްދޯ؟؟؟؟؟؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!