ބަންގްލަދޭޝްގެ އެމްޕީއަކު އިމްތިހާނު ހެދީ އޭނާއާ ވައްތަރު މީހުން ލައްވައި

ޑާކާ (އޮކްޓޯބަރު 22) - ބަންގްލަދޭޝްގެ ވެރިކަންކުރާ ޕާޓީގެ ބާރުގަދަ ޕާލަމެންޓުގެ މެންބަރަކު ޔުނިވާސިޓީ އިމްތިހާނު ހެދުމުގައި އޭނާއާ ވައްތަރު ބަޔަކު ބޭނުންކުރި މައްސަލަ ފަޅާ އަރައިފި އެވެ.


ގާނޫނު ހަދާ މަޖިލީހުގެ އަވާމީ ލީގުގެ މެންބަރު ތަމަންނާ ނުސްރަތު ވަނީ ބަންގްލަދޭޝް އޯޕަން ޔުނިވާސިޓީގައި އޭނާ ހެދި ބީއޭ ކޯހުގައި އޭނާއާ ވައްތަރު އަށް މީހަކު ބޭނުންކޮށްގެން ޓެސްޓް ހަދައިފަ އެވެ. އެ މައްސަލަ ފަޅާ އެރީ އަމިއްލަ ޓީވީ ޗެނަލަކުން އިމްތިހާނު ހޯލަށް މިދިޔަ ހޮނިހިރު ދުވަހު ވަދެ ނުސްރަތާ ވައްތަރު މީހާ ޓެސްޓް ހަދަމުން ދިޔަކަން ފަޅާ އަރުވާލުމުންނެވެ. ޓީވީ ޗެނަލްގެ އެ ވީޑިއޯ ވަނީ ވައިރަލްވެފަ އެވެ.

ޓީވީ ޗެނަލް ނަގޮރިކް ޓީވީން ބުނީ ހަތަރު ޓާމުގައި ބޭއްވި 13 އިމްތިހާނުގެ ތެރޭން އެއްވެސް އިމްތިހާނެއްގައި ނުސްރަތު ބައިވެރިވެފައި ނުވާ ކަމަށެވެ. އިމްތިހާން ހަދަން މުޅިން ވެސް ބޭނުން ކުރީ އޭނާއާ ވައްތަރު މީހުން ކަމަށް ޓީވީން ބުންޏެވެ.

އޯޕަން ޔުނިވާސިޓީގެ ވައިސް-ޗާންސެލާ ޕްރޮފެސަރު އެމްއޭ މަނަން ވިދާޅުވީ ނުސްރަތުގެ ރަޖިސްޓްރޭޝަން މިހާރު ކެންސަލްކޮށްފައިވާ ކަމަށެވެ. އަދި ނުސްރަތާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމާ މެދު ކޮމިޓީން ގޮތެއް ނިންމާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔުނިވާސިޓީގެ އޮފިޝަލަކު ވިދާޅުވީ ނުސްރަތުގެ ނަމުގައި އޭނާއާ ވައްތަރު މީހުން ޓެސްޓްގައި ބައިވެރިވާކަން ގިނަ ބަޔަކަށް އެނގޭ ކަމަށާއި ނަމަވެސް އެ ވާހަކަ ދައްކަން ނުކެރެނީ އެމްޕީގެ ބާރުގަދަވުމުގެ ސަބަބުން ކަމަށެވެ.

އަންހެނުންނަށް ޕާލަމެންޓުގައި ރިޒާވްކޮށްފައިވާ 50 ޖާގައިގެ ތެރޭގައި ހިމެނޭ ނުސްރަތު، މި މައްސަލައާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.