އިމްތިހާނުން ފާސްވާން ރިޝްވަތު ދޭން ބުނި އިންޑިއާ ޕްރިންސިޕަލެއް ހައްޔަރުކޮށްފި

ބޯޑް އިމްތިހާނުން ފާސްނުވެދާނެ ކަމުގެ ބިރެއް އޮންނަން ނުޖެހޭ ކަމަށާއި ހަދަންވީ ގޮތަކީ އިމްތިހާނު ކަރުދާހުގެ ތެރެއަށް 100 ރުޕީސް ލައިގެން މަތީ ނަތީޖާ ލިބޭނެކަން ކަށަވަރުވުން ކަމަށް ބުނެ، ދަރިވަރުންނާ ވާހަކަ ދެއްކެވި ޕްރިންސިޕަލަކު އިންޑިއާ އިން ބުދަ ދުވަހު ހައްޔަރުކޮށްފި އެވެ.


މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަންގާރަ ދުވަހު އުއްތަރު ޕަރްދޭޝް ސްޓޭޓްގައި ފެށި ސެކަންޑަރީ އެޑިއުކޭޝަން ބޯޑް (ޔޫޕީއެސްއީބީ) އިމްތިހާނުގައި ރިޝްވަތު ދޭން ބުނީ މައު ޑިސްޓްރިކްޓްގައި ހިންގާ ޕްރައިވެޓް ސްކޫލެއްގެ ޕްރިންސިލެއް ކަމަށްވާ ޕްރަވީން މޯލެވެ. އޭނާ އެކަމަށް ގޮވައިލީ ދަރިވަރިވަރުންނާއި ބެލެނިވެރިންތަކެއް ވެސް އެއްވި ބައްދަލުވުމެއްގަ އެވެ.

ޕްރިންސިޕަލް ވަނީ އިމްތިހާނުގައި މަކަރު ހެދުމަކީ މާ ބޮޑު ކަމެއް ނޫން ކަމަށާއި އިމްތިހާނު ހަދާ އިރު، އެކަން ބަލައްޓަން ތިބޭ އޮފިޝަލުންނަށް ރޭކައި ވެސް ނުލާ ގޮތްގޮތަށް މަކަރު ހެދިދާނެ ކަމަށް ބުނެފަ އެވެ. އެހެންވެ އޭނާގެ ސްކޫލުން އިމްތިހާނުގައި ބައިވެރިވާ އެއްވެސް ދަރިވަރަކު އިމްތިހާނުން ފެއިލްވެގެން ނުވާނެ ކަމަށާއި މިކަމަށް އޮތް އެންމެ ކުރު މަގަކީ އިމްތިހާނު ކަރުދާހާ އެކު 100 ރުޕީސް ދިނުން ކަމަށް ބުންޏެވެ.

"އޭރުން ޓީޗަރުން ފުލް މާކްސް ދޭނެ. މުހިއްމެއް ނޫން އެއްވެސް ސުވާލެއްގެ ޖަވާބެއް ލިޔާކަށް ވެސް،" އެއްވުމުގައި ޕްރަވީން ބުނެ އެވެ. "އަހަރެން ޗެލެންޖްކޮށްފައި ބުނަން މި ބުނާ ގޮތަށް ހަދައިފި ނަމަ އެއްވެސް ދަރިވަރަކު އިމްތިހާނުން ފެއިލްއެއް ނުވާނެ."

މި މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. ބައެއް ނޫސްތަކުން ބުނިގިތުގައި އިމްތިހާނުގައި މަކަރު ހަދަން ދަރިވަރުންނަށް ކިޔައިދީ، އެކަމަށް ހިތްވަރު ދިން ވީޑިއޯ އާންމުކުރީ ވެސް ދަރިވަރުންގެ ތެރެއިން ބައެކެވެ.

މި މައްސަލަ އުއްތަރު ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އަދިޔަނާތުގެ ސަމާލުކަމަށް އައުމާ ގުޅިގެން ޕްރިންސިޕަލް ހައްޔަރުކޮށް، މައްސަލަ އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އިތުރަށް ތަހުގީގުކުރަމުންނެވެ.

އިމްތިހާނުގައި މި ފަހަރު ގްރޭޑް 10-12 ގެ 56 ލައްކަ އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވަމުން އަންނަ އިރު، މަކަރު ހަދައިފާނެތީ ހާއްސަ ފިޔަވަޅުތަކެއް ވެސް ވަނީ އަޅައިފަ އެވެ. އެގޮތުން އިމްތިހާނު ކުރިއަށްދާ 793 ސެންޓަރެއްގައި ވަނީ 7،487 ސީސީޓީވީ ކެމެރާ ވެސް ހަރުކޮށްފަ އެވެ.

މީގެ އިތުރުން އިމްތިހާނުގައި މަކަރު ހަދައިފާނެ ކަމަށް ބެލެވޭ އެއްވެސް ކަހަލަ ކަމެއް ކުރަން އުޅޭކަމަށް ޝަކުވާ ނަމަ އެކަން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރެވޭނެ އިންތިޒާމުތަކެއް ވެސް ވަނީ ހަމަޖައްސައިފަ އެވެ. އޭގެ ތެރޭގައި ހާއްސަ ހޮޓްލައިން ނަމްބަރާއި އީމެއިލް ހިމެނެ އެވެ.