ރިޕަބްލިކަން ޕާޓީގެ ވަރުގަދަ ދެކޮޅުހެދުންތައް ކުރިއަށް ދަނިކޮށް، ޖުޑިޝަރީ ކޮމިޓީގައި ނެގި ވޯޓުން، ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗްކުރުމުގެ މައްސަލަ، ދެ ކުށަކަށް ތުހުމަތުކޮށް، ކޮންގްރެސްގެ ތަޅުމަށް ފޮނުވަން ރޭ ފާސްކުރި އިރު، އެމެރިކާ މިހާރު އޮތީ ދެ ބައި ވެފަ އެވެ.

ޓްރަމްޕްގެ އިމްޕީޗްމަންޓްގެ މައްސަލަ ފެށުމުގެ ކުރިން ވެސް، ސިޔާސީ ހިޔާލު ތަފާތުވުމުގައި އެމެރިކާ ވެއްޓިފައި އޮތް ވަރުގެ ދެ ބައި ވުމަކަށް ފަހުގެ ތާރީޚެއްގައި އެ ގައުމު ގޮސްފައެއް ނުވެ އެވެ. ޓްރަމްޕް ކުރައްވާ އެއްވެސް ކަމެއް ރިޕަބްލިކަން ޕާޓީގެ މެމްބަރުންނަށް ގޯހެއް ނުވެ އެވެ. ޑިމޮކްރެޓިކް ޕާޓީގެ ގިނަ މެމްބަރުންނަށް ޓްރަމްޕް ފެންނަނީ ރުޅިވެރިކަން ބޮޑުކޮށްދޭ ސަބަބެއްގެ ގޮތުގަ އެވެ.

މިހާރު ބެލެވޭ ގޮތުގައި އެމެރިކާގެ ތާރީޚުގައި ތިން ވަނަ ފަހަރަށް ރައީސަކާ ދެކޮޅަށް ކުރިއަށް ގެންދާ އިމްޕީޗްމަންޓްގެ ވޯޓު ލުން އޮންނާނީ އަންނަ ބުދަދުވަހު އެވެ.

އެމެރިކާގެ ރައްޔިތުންގެ މަޖިލިސް ނުވަތަ ކޮންގްރެސްގެ ތިރި ގެ ކަމަށްވާ ހައުސްގެ ކޮންޓްރޯލް އޮތީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއަށެވެ. އެކަމަކު މަތިގެ، ސެނެޓްގެ އަގުލަބިއްޔަތު، ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީއަށެވެ.

ރައީސްކަމުގެ ބާރު ނަހަމަ ގޮތުގައި ބޭނުންކުރެއްވުމުގެ ކުށާއި ކޮންގްރެސްގެ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ކުށް ހިމެނޭ ދެ އާޓިކަލް، ޖުޑިޝަރީ ކޮމިޓީން ފާސްވީ، ކޮންމެ މެމްބަރަކު ވެސް އެ ބަޔަކު ނިސްބަތްވާ ޕާޓީގެ ލައިނުން ވޯޓު ދެއްވައިގެންނެވެ. ކޮމިޓީގައި އަގުލަބިއްޔަތު އޮތީ ޑިމޮކްރެޓިކުންނަށް ކަމަށް ވާތީ، އެމެރިކާގެ ތާރީޚުގެ މި ބޮޑު މައްސަލަގަނޑުގެ ފުރަތަމަ ބޮޑު ނަތީޖާ ނެރެން ތަޅުމަށް ފޮނުވަން ފާސްކުރީ 23 ވޯޓު 17 ވޯޓުންނެވެ.

އެމެރިކާގެ ތާރީޚުގައި އިމްޕީޗްކުރާ ތިން ވަނަ ރައީސަށް ޓްރަމްޕް ވެވަޑައިގަންނަވާ އިރު، ހައުސްގައި އޭނާއާ ދެކޮޅަށް އެ މައްސަލަ ފާސްވާނެކަމާ މެދު މިހާރު އެއްވެސް ޝައްކެއް ނެތެވެ. ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުންގެ ތެރެއިން، އިމްޕީޗްމަންޓާ ދެކޮޅަށް ވޯޓު ދޭނެކަން މިހާތަނަށް ހާމަކުރެއްވީ އެންމެ މެމްބަރެކެވެ.

ނިއު ޔޯކް ޓައިމްސް އިން ލަފާކުރާ ހިސާބު

166: އިމްޕީޗްމަންޓާ އެއްކޮޅަށް

159: އިމްޕީޗްމަންޓާ ދެކޮޅަށް

106: ގޮތް ނޭނގޭ، ގޮތެއް ނުނިންމާ، އެއްވެސް އެއްޗެއް ނުބުނާ މެމްބަރުން

ހައުސްގައި އިމްޕީޗްމަންޓް ފާސްވާން ބޭނުންވަނީ އާދައިގެ އަގުލަބިއްޔަތެވެ. އެކަމަކު ރައީސް އިމްޕީޗްމަންޓްކުރުމުން، ސެނެޓްގައި ކުރިއަށް ގެންދާ ޝަރީއަތުގައި، ތިން ބައި ކުޅަ ދެ ބައިގެ ވޯޓު ބޭނުންވާތީ ޓްރަމްޕް މަގާމުން ވަކިކުރަން 67 ވޯޓު ހަމަކުރަން ޖެހެ އެވެ. ޖުމްލަ 100 މެމްބަރުންގެ ސެނެޓްގައި 53 ގޮނޑި ފުރުއްވަނީ ރިޕަބްލިކަން ޕާޓީގެ މެމްބަރުންނެވެ. ޑިމޮކްރެޓިކަށް ލިބިފައި ވަނީ 45 ގޮނޑި އެވެ. މިނިވަން ދެ މެމްބަރުން ތިއްބަވަ އެވެ. މި ދެ މެމްބަރުން މިހާތަނަށް ވޯޓު ދެއްވާފައި ހުރީ، ޑިމޮކްރެޓިކް ޕާޓީން ބޭނުންވާ ގޮތަށެވެ.

ރިޕަބްލިކަން ޕާޓީން މަދުވެގެން 20 މެމްބަރުން ޓްރަމްޕާ ދެކޮޅަށް ވޯޓު ދެއްވައިގެން ނޫނީ، ސެނެޓްގެ ޝަރީއަތުން އޭނާގެ މައްޗަށް ކުށް ސާބިތުކޮށް، މަގާމުން ބޭރެއް ނުކުރެވޭނެ އެވެ.

އެމެރިކާގެ ކޮންގްރެސްގައި މިހާރު ފެންނަމުން ދަނީ، ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި، މިހާތަނަށް ދެ ޕާޓީގެ ދެމެދުގައި އޮތް އެންމެ ބޮޑު ދެކޮޅުވެރިކަމެވެ.

އަސްލު ސަބަބުތަކަކީ ކޮބާ؟

ޓްރަމްޕާ ދެކޮޅަށް އިމްޕީޗްމަންޓް މައްސަލަ އުފެދިގެން އައީ ޔުކްރެއިންގެ އާ ރައީސް ވޮލޮޑިމިއާ ޒެލެންސްކީއަށް ޕްރެޝަރުކުރައްވައިގެން، ކުރީގެ ނައިބު ރައީސް ޖޯސެފް އާރު. ބައިޑެންގެ ޖިނާއީ ތަހުގީގެއް އެ ގައުމުން ފަށާތޯ އުޅުމާއި ކޮންގްރެސް އިން ފާސްކުރި ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ ހިފެހެއްޓެވިކަން ފަޅާއެރުމުންނެވެ.

ބައިޑަންއަކީ އަންނަ އަހަރު އޮންނަ ރިޔަސީ އިންތިހާބުގައި ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓް ހޯއްދަވަން އެންމެ ކުރީގައި ހުންނެވި ކެންޑިޑޭޓެވެ. ބޭރު ގައުމެއް މެދުވެރިކޮށް އެމެރިކާ ރައްޔިތެއްގެ ތަހުގީގެއް ހިންގަން އެންގުމަކީ އެމެރިކާގެ ގާނޫނާ ހިލާފު ކަމެކެވެ. އަދި ހާއްސަކޮށް ޓްރަމްޕް މަސައްކަތްކުރެއްވީ އޭނާއާ ވާދަވެރި ސިޔާސީ ބޭފުޅަކާ ދެކޮޅަށް ބޭރުގެ ނުފޫޒެއް ބޭނުންކުރައްވަން ކަމަށް ވާތީ، ޑިމޮކްރެޓިކް ޕާޓީން ދެކެނީ، އެއީ ރައީސަށް ލިބިދޭ ބާރު އަމިއްލަ މަސްލަހަތަށް ނަހަމަ ގޮތުގައި ބޭނުންކުރެއްވުން ކަމަށެވެ.

ޖުޑިޝަރީ ކޮމިޓީގެ ޗެއާމަން އަދި ޑިމޮކްރެޓިކް ޕާޓީގެ ނަޑްލާ، ކޮމިޓީ ބައްދަލުވުމުގައި: އިމްޕީޗްމަންޓްގެ ދެ ކުށް ފާސްކުރީ ބޮޑު ޒުވާބަކަށް ފަހު
ޖުޑިޝަރީ ކޮމިޓީގެ ޗެއާމަން އަދި ޑިމޮކްރެޓިކް ޕާޓީގެ ނަޑްލާ، ކޮމިޓީ ބައްދަލުވުމުގައި: އިމްޕީޗްމަންޓްގެ ދެ ކުށް ފާސްކުރީ ބޮޑު ޒުވާބަކަށް ފަހު

ބައިޑަންގެ ތަހުގީގު ހިންގާނެކަން އާންމުކޮށް އިއުލާންކުރައްވަން ޔުކްރެއިންގެ ރައީސަށް ޕްރެޝަރުކުރެއްވި އިރު، އެކަން ކުރެއްވުމުން ނޫނީ 400 މިލިއަން ޑޮލަރުގެ އެހީ ދޫނުކުރާނެ ކަމަށް، ޓްރަމްޕް އޭނާގެ އިސް އެހީތެރިންނަށް އެންގެވި ކަމަށްވެ އެވެ.

ޑިމޮކްރެޓިކް ޕާޓީން ދެކޭ ގޮތުގައި މިއީ އެމެރިކާގެ އިންތިހާބަށް ބޭރު ގައުމެއްގެ ނުފޫޒު ވެއްދުމެވެ. އެކަމަކު ރިޕަބްލިކަން ޕާޓީން ބުނަނީ، ބައިޑަންގެ ތަހުގީގު ހިންގަން ޓްރަމްޕް އެދިވަޑައިގަތަސް ޔުކްރެއިން އިން އެގޮތަށް އެކަން ކޮށްފައި ނުވުމާއި އަސްކަރީ އެހީ ވެސް ފޯރުކޮށްދީފައިވާ ކަމަށެވެ. އެހެންކަމުން އެއީ އިމްޕީޗްމަންޓަކާ ހަމައަށް ދާން ޖެހޭ ސަބަބުތަކެއް ނޫން ކަމަށް، ރިޕަބްލިކަން ޕާޓީގެ މެމްބަރުން ގަބޫލުކުރައްވަ އެވެ.

"މިއީ ވަރަށް ހިތާމަވެރި ދުވަހެއް،" ރޭގެ ވޯޓަށް ފަހު، ޖުޑިޝަރީ ކޮމިޓީގެ ޗެއާމަން އަދި ޑިމޮކްރެޓިކް ޕާޓީގެ ޖެރޯލްޑް ނަޑްލާ ވިދާޅުވި އެވެ.

"ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރެއްވުމާއި ކޮންގްރެސްގެ މަސައްކަތަށް ހުރަސް އެޅުއްވުމުގެ ކުށަށް އިމްޕީޗްކުރަން ހައުސް ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފި. މިއީ ދޮޅު ގަރުނުގެ ތެރޭގައި މިފަދަ ފިޔަވަޅެއް އަޅަން ފާސްކުރި ތިން ވަނަ ފަހަރު."

މީގެ ކުރިން އެމެރިކާގައި އިމްޕީޗްކުރީ 1868 ގައި އެންޑްރޫ ޖޯންސަން އާއި 1998 ގައި ބިލް ކްލިންޓަނެވެ. އެކަމަކު އެ ދެ ބޭފުޅުން ވެސް ސެނެޓްގެ ޝަރީއަތުގައި ސަލާމަތްވެވަޑައިގަތެވެ. އެހެންކަމުން ރައީސްކަމުގެ މަގާމު ގެއްލިވަޑައެއް ނުގަންނަވަ އެވެ.

ރިޗަޑް ނިކްސަނާ ދެކޮޅަށް 1974 ގައި އިމްޕީޗްމަންޓް ހުށައެޅުމުން އޭނާ އިސްތިއުފާ ދެއްވީ އެވެ. އެފަހަރު ސެނެޓުން ވެސް އޭނާގެ މައްސަލަ ފާސްވާނެކަން އޮތީ ކަށަވަރުވެފަ އެވެ. މިއީ އެމެރިކާގެ ތާރީޚުގައި މިހާތަނަށް އިސްތިއުފާ ދެއްވި ހަމައެކަނި ރައީސެވެ.

ދޮގުވެރިން، ގޮތެއް ނެތި ތެޅެމުންދާ ބައިގަނޑެއް

އެމެރިކާގައި މިހާރު އޮތީ ކޮންމެ ޕާޓީއަކުން ވެސް އެއް ބަޔަކު އަނެއް ބަޔަކަށް ޖެއްސުންކުރުމުގެ ސަގާފަތެއް ކަމަށް، ސިޔާސީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ދެކެ އެވެ. އެކަމަކު ޓްރަމްޕްގެ އިމްޕީޗްމަންޓްގައި އެއަށް ވުރެ ބޮޑަށް އެމެރިކާގެ ޑިމޮކްރަސީ ހިމާޔަތްކުރުމުގެ މަސްއޫލިއްޔަތެއް ވެސް ހިމެނެ އެވެ. ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން ވިދާޅުވާ ގޮތުގައި، އެއްވެސް މީހަކަށް ގާނޫނަށް ވުރެ މަތީގައި ނުހުރެވޭނެ އެވެ. ހާއްސަކޮށް އެމެރިކާގެ އިންތިހާބަށް ބޭރުގެ ނުފޫޒު ވަނަދީގެން ނުވާނެ ކަމަށް، ޑިމޮކްރެޓިކް ޕާޓީން އަންނަނީ ބުނަމުންނެވެ.

އެންމެ ފަހުގެ ރިޔާސީ އިންތިހާބުގައި ޓްރަމްޕަށް ފައިދާވާނެ ގޮތަށް އަދި ޑިމޮކްރެޓިކް ޕާޓީގެ ހިލަރީ ކްލިންޓަނާ މެދު އާންމުން ރުޅިއަންނާނެ ފަދަ ސޯޝަލް މީޑިއާގެ ކެމްޕޭނެއް، ރަޝިޔާ އަޑީގައި އޮވެގެން ހިންގާފައިވާކަން ވަނީ ސާބިތުވެފަ އެވެ. އެކަމަކު ރައީސް ޓްރަމްގެ ސީދާ ބައިވެރިވެވަޑައިގަތުމެއް އޮތް ކަން، ތަހުގީގުން ހާމަވެފައެއް ނުވެ އެވެ.

އިމްޕީޗްމަންޓާ ހަމައަށް ދާން ޑިމޮކްރެޓިކް ޕާޓީގެ އިސް އަދި ދުވަސްވީ މެމްބަރުން ބޭނުމެއް ނުވެ އެވެ. ކޮންގްރެސްގެ ރައީސް ނެންސީ ޕިލޯސީ، މިދިއަ މާޗު މަހު ވެސް ވިދާޅުވީ "ގައުމު ބައިވެފައި އޮތް ވަރުން އެފަދަ ބޮޑު ކަމަކަށް ގޮސް ޓްރަމްޕް އިމްޕީޗްކޮށްގެން ނުވާނެ" ކަމަށެވެ.

ރައީސް ޓްރަމްޕް: އޭނާގެ އިމްޕީޗްމަންޓް ފާސްވާނެ އެކަމަކު ސެނެޓުން ސަލާމަތް ވުމުގެ ފުރުސަތު ބޮޑު
ރައީސް ޓްރަމްޕް: އޭނާގެ އިމްޕީޗްމަންޓް ފާސްވާނެ އެކަމަކު ސެނެޓުން ސަލާމަތް ވުމުގެ ފުރުސަތު ބޮޑު

"އެކަމުން ގައުމު އިތުރަށް ބައިބައި ވާނީ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު ޔުކްރެއިންގެ އާ ރައީސަށް ޓްރަމްޕް ކުރެއްވި ފޯން ކޯލްގެ ސިއްރު އެނގުމާ އެކު ޕިލޯސީ އަށް ވެސް އަދި ޕާޓީގެ އިސް އެކަމަކު އިމްޕީޗްމަންޓާ ދެކޮޅު އެހެން މެމްބަރުންނަށް ވެސް އިތުރު ފުރުސަތެއް ފެނިވަޑައެއް ނުގަތެވެ.

"މި މަސައްކަތް ފެށުން ނޫން އެހެން ފުރުސަތެއް ރައީސް އަޅުގަނޑުމެންނަކަށް ނުދެއްވި،" އިމްޕީޗްމަންޓް ކުރިއަށް ގެންދިއުމުގެ ހުއްދަ ދެއްވިކަން އިއުލާންކުރައްވަމުން، ޕިލޯސީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓްރަމްޕްގެ އަމަލްތައް ހުރި ގޮތުން ފިޔަވަޅު ނާޅައިފި ނަމަ ދެން އަލުން އިއާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް އެމެރިކާގެ ގާނޫނުއަސާސީ އާއި މުއައްސަސާތަކަށް ކުރިމަތިވެދާނެ އެވެ.

އެމެރިކާ ދެ ބައި ވެފައި އޮތް ވަރު، ޖުޑިޝަރީ ކޮމިޓީގެ ބަހުސްތަކުން ވެސް އެނގެ އެވެ. އެއް ބަޔަކު އަނެއް ބަޔަކަށް، "ތިއީ ދޮގުވެރިން" ކަމަށް ގޮވި އެވެ. ގޮތެއް ނެތި ތެޅެމުން ދާ ބައެއް ކަމަށް ސިފަކުރެއްވި އެވެ. އިންސާފުން ބޭރުވެފައި ތިއްބެވި ކަމަށް ވިދާޅުވި އެވެ.

މި ހުރިހާ ތެޅުންތަކާ އެކު ވެސް މިހާރު މި އޮތީ ރައީސް އިމްޕީޗްމަންޓްގެ ވޯޓާ ހަމައަށް ގޮސްފަ އެވެ. އެ ވޯޓުގައި ޓްރަމްޕް ބަލިވެއްޖެ ނަމަ، އަންނަ ޖެނުއަރީ މަހު ސެނެޓްގައި ޝަރީއަތް ފަށާނެ އެވެ.