ދުނިޔެ

ޓްރަމްޕްގެ ސިޓީ: "އިމްޕީޗްމަންޓަކީ ހަނގުރާމައެއް"

18 ޑިސެމްބަރ 2019 - 08:17

1 comments

އިމްޕީޗްކުރުމުގެ ވޯޓާ ކުޑަތަންވެފައި ވަނިކޮށް، އެމެރިކާގެ ރައީސް ޑޮލަންޑް ޓްރަމްޕް، ކޮންގްރެސްގެ ތިރި ގޭގެ ރައީސް ނެންސީ ޕެލޯސީއަށް، ރުޅިވެރިކަމުގެ އުދާސްތައް ބޭރުކޮށްލައްވާފައިވާ ސިޓީއެއް އިއްޔެ ފޮނުއްވައިފި އެވެ.

އެމެރިކާގެ ތާރީޚުގައި އިމްޕީޗްކުރާ ތިން ވަނަ ރައީސްގެ ގޮތުގައި ޓްރަމްޕާ ދެކޮޅަށް ދެ މައްސަލައެއްގައި މިއަދު ނޫނީ މާދަމާ ހައުސްގައި ވޯޓު ނަގާނެ އެވެ. އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ކޮންޓްރޯލްކުރާ ހައުސްގައި އެ އިމްޕީޗްމަންޓް ފާސްވާނެކަމާ މެދު މިހާރު ޝައްކެއް ނެތެވެ.

އެކަމަކު ރައީސްކަމުގެ މަގާމުން ދުރުކުރަން ޖެހޭތޯ ނުވަތަ ނޫންތޯ ކަނޑައަޅަން ކޮންގްރެސްގެ މަތި ގެ، ސެނެޓްގައި ހިންގާ ޝަރީއަތުން ޓްރަމްޕް ސަލާމަތްވެވަޑައިގެންނެވުން ވަރަށް ގާތެވެ. ސެނެޓްގެ މެޖޯރިޓީ އޮތީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީއަށެވެ.

ޓްރަމްޕް އިމްޕީޗްކުރަނީ، ނުވަތަ އިތުބާރު ނެތްކަމުގެ ވޯޓު ނަގަނީ، ޔުކްރެއިންގެ ރައީސަށް ޕްރެޝަރުކޮށްގެން އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯސެފް ބައިޑަންގެ ތަހުގީގެއް އެ ގައުމުން ހިންގާކަން އިއުލާންކުރަން އުޅުއްވުމާއި، ކޮންގްރެސް އިން ފާސްކޮށް ޔުކްރެއިންއަށް ދޭން ޖެހޭ ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ ހިފެހެއްޓެވުން (މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން) އަދި ކޮންގްރެސްގެ މަސައްކަތަށް ހުރަސް އެޅުއްވުމުގެ ކުށަށެވެ.

ޔުކްރެއިން ލައްވާ ބައިޑަންގެ ތަހުގީގު ހިންގަން އުޅުއްވީ، އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށް ޖުޑިޝަރީ ކޮމިޓީން ވަނީ ނިންމައިފަ އެވެ.

ޓްރަމްޕްގެ ސިޓީގައި ޕެލޯސީއަށް އަމާޒުކުރައްވާ ވިދާޅުވީ އިމްޕީޗްމަންޓަކީ "އެމެރިކާގެ ޑިމޮކްރަސީއަށް އިއުލާންކުރި ހަނގުރާމައެއް" ކަމަށެވެ.

"އިމްޕީޗްމެންޓް މި ލަފުޒުގެ އަގު ކަމަނާ ވަނީ ވައްޓާލައްވައިފަ އެވެ،" ހަ ސަފުހާގެ ސިޓީގައި ޓްރަމްޕް ލިއުއްވި އެވެ.

އިމްޕީޗްމަންޓުން ސަލާމަތްވެވަޑައިގެންނެވުމުގެ އުއްމީދު ކުޑަކަމުގެ ރުޅިވެރިކަމާ އެކު ޓްރަމްޕް ވަނީ އޭނާގެ މައްސަލަ ތަހުގީގުކުރުމުގެ މުޅި މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. ޓްރަމްޕްގެ ނަޒަރުގައި އެއީ އޭނާގެ ރިޔާސީ ދައުރަށް ޑިމޮކްރެޓިކް ޕާޓީން އަޅަމުން އަންނަ ހުރަހެކެވެ.

ތަހުގީގު ކުރިއަށް ދިޔަ އިރު ވައިޓް ހައުސްގެ އިސް ބައެއް ބޭފުޅުން ހެކިބަސް ދެއްވުން ޓްރަމްޕް ވަނީ ހުއްޓުވައިފަ އެވެ. އަދި ޓްރަމްޕްގެ ފަރާތުން ވަކީލެއް ފޮނުއްވުމާއި ހެކި ހުށައަޅުއްވަން ޑިމޮކްރެޓިކް ޕާޓީގެ ހައުސް ލީޑަޝިޕުން ދިން ފުރުސަތުތަކުގެ ބޭނުން ވެސް ކުރައްވާފައެއް ނުވެ އެވެ. އެކަމަކު ސިޓީގައި ޓްރަމްޕް ވިދާޅުވީ ތަހުގީގުގެ ތެރޭގައި "ގާނޫނުއަސާސީން ލިބިދޭ އެންމެ އަސާސީ ހައްގުތައް ބޭނުންކުރުމުގެ ފުރުސަތު ވެސް ނުދިން" ކަމަށެވެ.

ނިއު ޔޯކް ޓައިމްސް އިން މިހާތަނަށް ލަފާކުރާ ގޮތް

- 219: އިމްޕީޗްމަންޓް ފާސްކުރަން ވޯޓު ދޭނެ މެމްބަރުން

- 172: އިމްޕީޗްމަންޓާ ދެކޮޅަށް ވޯޓު ދޭނެ މެމްބަރުން

- 40: ވަކި ގޮތެއް ނުނިންމާ، ނިންމިކަން ނާންގާ މެމްބަރުން

ޓްރަމްޕް ވިދާޅުވި ގޮތުގައި މި އިމްޕީޗްމަންޓްގެ ނުބައި ބަދަލު އަންނަ އަހަރު ވޯޓު ފޮށިން ޑިމޮކްރެޓިކް ޕާޓީއަށް ފެންނާނެ އެވެ.

"ތިޔަ މަސައްކަތާ ގުޅިގެން ތާރީޚުގައި ކަމަނާއަށް އިންސާފު އަންނާނީ ވަރަށް ހަރުކަށިކޮށެވެ،" ޓްރަމްޕް ލިއުއްވި އެވެ.

އޭނާ ސިފަކުރެއްވި ގޮތުގައި އިމްޕީޗްމަންޓަކީ އޭނާގެ ވެރިކަމަށް ގެންނަ ބަގާވާތެކެވެ.

ޕެލޯސީ ވިދާޅުވީ ރައީސްގެ މުޅި ސިޓީ އޭނާ އަދި ނުކިއުއްވާ ކަމަށާއި އެކަމަކު ސިޓީގެ މައިގަނޑު ބައިތައް ފެނިވަޑައިގެންނެވި ކަމަށެވެ. އަދި އެއީ ވަރަށް އާދައިގެ ވާހަކަތަކެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

ޕެލޯސީ ވިދާޅުވި ގޮތުގައި ހައުސް އިން ބޭނުންކުރަން އުޅެނީ ގާނޫނުއަސާސީން ދީފައި އޮތް ވަރަށް ވަރަށް މުހިންމު ފުރުސަތެކެވެ.

"މި ނާޒުކު ދަނޑިވަޅުގައި ބޭރާއި އެތެރެއިން ކުރިމަތިވާ ދުޝްމަނުންގެ ކިބައިން ގާނޫނުއަސާސީ ހިމާޔަތްކުރަން ކޮށްފައިވާ ހުވަޔަށް އިހުތިރާމްކުރަން ޖެހޭނެ،" ޕެލޯސީ ވިދާޅުވި އެވެ.

ހައުސްގައި އިމްޕީޗްމަންޓް ފާސްވާން ބޭނުންވަނީ ސާފު އަގުލަބިއްޔަތު އެކަންޏެވެ. އެކަމަކު، އެމެރިކާގެ އުއްތަމަ ފަނޑިޔާރު ރިޔާސަތުގައި އިންނަވައިގެން ކުރިއަށް ގެންދާ ސެނެޓް ޝަރީއަތުގައި، ރައީސްކަމުގެ މަގާމުން ވަކިކުރަން ތިން ބައި ކުޅަ ދެ ބައި ވޯޓު ބޭނުންވާނެ އެވެ. އެއީ މަދުވެގެން 67 ވޯޓެވެ.

އެ އަދަދު ހަމަވާނީ ރިޕަބްލިކަން ޕާޓީގެ މަދުވެގެން 20 މެމްބަރުންގެ ވޯޓު ލިބިގެންނެވެ. އެކަމަކު މިއީ އެމެރިކާގެ ދެ ބައި ވެފައިވާ ސިޔާސީ މަސްރަހުގެ ހަގީގަތަށް ބަލާ ނަމަ، ވުން އެންމެ ދުރު ކަންތަކެވެ.

1 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 93%
icon sad icon sad 7%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތަކުރޭ

19 December 2019

އިމްޕީޗްމަންޓް އަށް ހަމަ ދިވެހި ބަހެއް ނެތީތޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454