ގުއާމް (އެޕްރީލް 1) - އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރު ތިއޮޑޯ ރޫޒްވެލްޓުގައި ކޮރޯނާވައިރަސް ފެތުރެމުންދާތީ އަވަސް އެހީތެރިކަން ފޯރުކޮށް ދިނުމަށް އެ މަނަވަރުގެ ކެޕްޓަން އެދިވަޑައިގެންފި އެވެ.
ގުއާމްގައި މިހާރު ޑޮކްކޮށްފައިވާ މަނަވަރުގައި 4،000 އަށް ވުރެ ފަޅުވެރިން އެބަތިއްބެވެ.
"އަހަރެމެން މި ތިބީ ހަނގުރާމައެއްގައެއް ނޫން. ފަޅުވެރިން މަރުވާން ދޫކޮށް ނުލެވޭނެ،" ޕެންޓަގަނަށް ފޮނުވި ސިޓީއެއްގައި ކެޕްޓަން ބްރެޓް ކްރޯޒިއާ ވިދާޅުވި އެވެ.
އެ ސިޓީގައި އޭނާ ވިދާޅުވެފައި ވަނީ ގިނަ އަދަދެއްގެ މީހުން އެއް ތަނެއްގައި އުޅެން ޖެހިފައިވާ އިރު ބަލިވާ މީހުން އައިސޮލޭޓް ކުރުމަކީ ކުރަން ފަސޭހަ ކަމެއް ނޫން ކަމަށެވެ.
"ކޮރޯނާވައިރަސް ފެތުރެމުން ދަނީ ވަރަށް ހަލުވިކަމާ އެކު. އަވަސް ފިޔަވަޅުތަކެއް ބޭނުންވޭ،" މާޗް 30 ގައި އޭނާ ފޮނުއްވި ސިޓީގައި އިންޒާރު ދެއްވާފައިވެ އެވެ.
މަނަވަރުން ޕޮޒިޓިވްވީ ކިތައް މީހުން ކަމެއް ނޭނގެ އެވެ. ނަމަވެސް ކެޕްޓަންގެ ސިޓީ ފުރަތަމަ ރިޕޯޓްކުރި ސެން ފްރެންސިސްކޯ ކްރޮނިކަލް އިން ބުނެފައި ވަނީ މަނަވަރުގެ ގާތްގަނޑަކަށް 100 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެމެރިކާގެ ކަނޑުގެ ސިފައިންގެ ތަރުޖަމާނަކު ވިދާޅުވީ ޔޫއެސްއެސް ތިއޮޑޯ ރޫޒްވެލްޓުގެ ފަޅުވެރިންގެ ރައްކާތެރި ކަމަށްޓަކައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުން އަންނަ ކަމަށެވެ.
އެމެރިކާ އިން މިހާތަނަށް ވަނީ 188،592 މީހުން ޕޮޒިޓިވްވެ 4،056 މީހުން މަރުވެފަ އެވެ.