އުވާލި ޕާލަމެންޓުގެ ބައްދަލުވުމެއް އަލުން ނުބޭއްވޭނެ: ލަންކާގެ ރައީސް

ކޮލަމްބޯ (މެއި 1) - އުވާލާފައިވާ ޕާލަމެންޓުގެ ބައްދަލުވުމެއް ދެން ނުބޭއްވޭނެ ކަމަށް އިދިކޮޅު ފަރާތްތަކަށް ސްރީ ލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސާ އިއްޔެ އަންގަވައިފި އެވެ.


އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސާ އަށް ގޯޓާބޭ ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މާޗް މަހު 2 ވަނަ ދުވަހު ޕާލަމެންޓް އުވާލިކަން ގެޒެޓްކޮށް އަދި އާ އިންތިޚާބެއް އެޕްރީލް 25 ގައި ބާއްވާނެކަން އިއުލާންކޮށްފައިވާ ކަމަށެވެ. ނަމަވެސް ކޮރޯނާވައިރަސް ފެތުރޭތީ އެ ތާރީޚުގައި އިންތިޚާބު ނުބޭއްވުނު ނަމަވެސް މިހާރު ވަނީ ޖޫން 20 އަށް އަލުން އިންތިޚާބު ތާވަލްކޮށްފައި ކަމަށް ވެސް ރައީސްގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

އިދިކޮޅު ހަތް ޕާޓީއަކުން އެޕްރީލް 26 ގައި ރައީސް އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ކޮރޯނާވައިރަހާ ގުޅިގެން ސަރުކާރުން ފިޔަވަޅުތައް އެޅުމުގައި ޕާލަމެންޓުގެ ބައްދަލުވުންތައް ފެށުން މުހިންމު ކަމަށެވެ. އަދި ޕާލަމެންޓް އުވާލި ނަމަވެސް ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ ދަށުން ޕާލަމެންޓުގެ ބައްދަލުވުންތައް ފަށަން ރައީސް އަށް އެންގޭނެ ކަމަށް ބުނެފައިވެ އެވެ.

ރައީސް ގޯޓާބޭ ވިދާޅުވެފައި ވަނީ ގާނޫނު އަސާސީގެ 70 ވަނަ މާއްދާގައި ބުނާ ފަދަ ހާލަތެއް ލަންކާގައި ނެތް ކަމަށެވެ.

"ކޮވިޑް-19 އިން ސަލާމަތްވުމަށް ސަރުކާރުން ބުރަކޮށް މަސައްކަތް ކުރަމުން އަންނަ އިރު އިދިކޮޅު ފަރާތްތައް ވަނީ ވަރަށް ހަނި ސިޔާސީ އެޖެންޑާއެއްގައި އެންގޭޖްވެފައި،" ރައީސްގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ލަންކާ ޕާލަމެންޓް އުވާލާފައިވާތީ، ހުކުރު ދުވަހުން ފެށިގެން ސަރުކާރަށް ޚަރަދު ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. އިިދިކޮޅު މެންބަރެއް ކަމަށްވާ އަދި ކުރީގެ ފިނޭންސް މިނިސްޓަރު މަންގަލަ ސަމަރަވީރާ ވަނީ މާލީ ގޮތުން ބޮޑު މައްސަލަގަނޑަކުން ސަލާމަތްވުމަށް، 225 މެންބަރުން ހިމެނޭ ޕާލަމެންޓުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ގޮވާލައްވައިފަ އެވެ.