ކަރާޗީ ސްޓޮކް އެކްސްޗޭންޖަށް ހަމަލާދީ ހަތް މީހުން މަރު

ކަރާޗީ (ޖޫން 29) - ޕާކިސްތާނުގެ ދެކުނުގެ ކަރާޗީގެ ސްޓޮކް އެކްސްޗޭންޖަށް ހަތިޔާރު ހިފައިގެން ތިބި ބަޔަކު މިއަދު ދިން ހަމަލާގައި ހަތް މީހުން މަރުވެއްޖެ އެވެ.


ސްޓޮކް އެކްސްޗޭންޖުގެ މަސައްކަތް މިއަދު ހެނދުނު ފެށުމާ އެކު، އެ އިމާރާތަށް ހަމަލާ ދިނުމަށް ވަދެފައި ވަނީ ހަތިޔާރު ހިފައިގެން ތިބި ހަތަރު މީހުންނެވެ. އެ މީހުންގެ އަތުގައި، އަތުބޮމާއި އޮޓޮމެޓިކް ރައިފަލް ހުއްޓެވެ.

ކަރާޗީގެ އެމްބިއުލެންސް ސާވިސް އިން ބުނީ ފުލުހުން ހަމަލާދީ އެ ހަތަރު މީހުން ވަނީ މަރާލައިފައި ކަމަށެވެ. ދެ މީހުން މަރާލާފައި ވަނީ ގޭޓުންނެވެ. އަނެއް ދެ މީހުން މަރާލީ އިމާރާތުގެ ތެރޭންނެވެ. ދެން މަރުވެފައި ވަނީ ފުލުހަކާއި އާއްމުންގެ ދެ މީހުންނެވެ.

ސްޓޮކް އެކްސްޗޭންޖަށް ދިން ހަމަލާގެ ޒިންމާ ވަނީ ބަލޮޗް ލިބަރޭޝަން އާމީ ގްރޫޕުން އުފުލައިފަ އެވެ.

ހަމަލާ ދިން ވަގުތު އިމާރާތުގައި ތިބި މީހުން ވަނީ މަންޒަރު ސިފަކޮށްދީފަ އެވެ.

"އެންމެން ވެސް ތިބީ ބިރުން،" އޮކްސްޗޭންޖުގެ ޑިރެކްޓަރު އާބިދު ހަބީބު ވިދާޅުވި އެވެ. "ބަޑީގެ އަޑު އިވެން ފެށުމާ އެކު، ވީގޮތް ބެލުމަށް އެންމެން ވެސް ދުއްވައިގަތީ ކުޑަދޮރުތައް ކައިރިއަށް. ދެން ހުރިހާ ދޮރުތަކެއް ބަންދުކުރީ."

އޭނާ ވިދާޅުވީ ހަތިޔާރު އަޅައިގެން ތިބި މީހުން ވަކި ގޮތެއް ނުބަލައި ބަޑިޖަހަން ފެށުމުން، ބިރުން ގޮސް، ފިލަން އެކި މީހުން ތަންތަނަށް ވަން ކަމަށެވެ.

ވީޑިއޯތަކުން ފެންނަ ގޮތުގައި ކާރެއްގައި ގޮސް މަޑުކުރި ހަތަރު މީހުން ފުރަތަމަ ވެސް ހަމަލާދީ އިމާރާތުގެ ސެކިއުރިޓީ ގާޑުންނަށެވެ. އެ މީހުން އިމާރާތަށް ވަނީ ކާރު ޕާކިންގެ ތެރޭންނެވެ.

ކަރާޗީ ސްޓޮކް އެކްސްޗޭންޖުގައި ގާތްގަނޑަކަށް 2،000 މީހުން މަސައްކަތް ކުރެ އެވެ. ނަމަވެސް ކޮރޯނާވައިރަހުގެ ސަބަބުން މި ދުވަސްވަރު މަސައްކަތަށް ނުކުންނަ މީހުންގެ އަދަދު މަދެވެ.