ލަންޑަން (ޖުލައި 24) - ކޮރޯނާވައިރަހަކީ ދެން އެހާ ފަސޭހައިން ނައްތާލެވޭނެ އެއްޗެއް ނޫން ކަމަށާއި އެ ވައިރަހާ އެކު ދިރިއުޅެން އިނގިރޭސި ރައްޔިތުން ދަސްކުރަން ޖެހޭ ކަމަށް ކުރީގެ ބޮޑު ވަޒީރު ޓޯނީ ބްލެއާ ވިދާޅުވެއްޖެ އެވެ.

ޕްރެސް އެސޯސިއޭޝަނަށް ދެއްވި އިންޓަވިއުއެއްގައި ލޭބާ ޕާޓީގެ ކުރީގެ ލީޑަރު ވިދާޅުވީ ކުރިއަށް އޮތް ޚަރީފް މޫސުމުގައި އިނގިރޭސި ވިލާތުގައި ކޮވިޑް-19 އަލުން ފެތުރެން ފެށުމުގެ 50/50 ޗާންސް އެބައޮތް ކަމަށެވެ. އެހެންވެ އެންމެ މުހިންމު ކަމަކީ އެކަމަށް ތައްޔާރުވެ ތިބުން ކަމަށް ބްލެއާ ވިދާޅުވި އެވެ.

ބަލި ކޮންޓްރޯލް ކުރެވެން ސަރުކާރަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ބްލެއާ އެދިވަޑައިގެންނެވި އެވެ.

"ސަބަބަކީ މާޗް، އެޕްރީލް އަދި މެއި މަހު ތަޖްރިބާކުރަން ޖެހުނު ފަދަ ލޮކްޑައުންއަކަށް އަލުން ދާން ބޭނުން ނުވާތީ،" އިނގިރޭސި ވިލާތުގައި 1997-2007 އަށް ބޮޑު ވަޒީރުކަން ކުރެއްވި ބްލެއާ ވިދާޅުވި އެވެ.

ޓޯނީ ބްލެއާ އިންސްޓްޓިއުޓުން ވަނީ ފުޅާ ދާއިރާއެއްގައި ޓެސްޓްކޮށް، އާއްމު ތަންތަނުގައި އުޅޭ އިރު މާސްކް އެޅުން މަޖްބޫރު ކުރުމަށް އިލްތިމާސްކޮށްފަ އެވެ.

"އަލާމަތްތައް ހުންނަ މީހުން އެކަނި ޓެސްޓް ކުރަންޏާ، އަލާމާތް ނެތް މީހުން ގެއްލިދޭ. އެކަމަކު އެންމެ ބޮޑު މައްސަލައަކީ އަލާމަތް ނެތް މީހުންގެ ފަރާތުން ބަލި ފެތުރޭ ނަމަ،" ބްލެއާ ވިދާޅުވި އެވެ.

އިނގިރޭސި ވިލާތުން ވަނީ 297,146 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 45،554 މީހުން މަރުވެފަ އެވެ.