މެޑްރިޑް (ޖުލައި 26) - ސްޕޭނުން އަލަށް ފެންނަން ފެށި ކޮވިޑް-19 ގެ ކޭސްތައް ކޮންޓްރޯލްކޮށްފި ކަމަށް އެ ގައުމުން ބުނި ނަމަވެސް، ސްޕޭނުން އިނގިރޭސި ވިލާތަށް ދަތުރުކުރާ މީހުން 14 ދުވަހަށް ކަރަންޓީން ކުރުމަށް ނިންމައިފި އެވެ.

ލޮކްޑައުންގެ ހާލަތަށް ލުއި ދޭން ފެށުމާ އެކު ސްޕޭނުން ވަނީ ވައިރަހުގެ އާ ކޭސްތައް އިތުރުވާން ފަށައިފަ އެވެ. ވައިރަސް ކޭސްތައް އިތުރުވާން ފެށުމާ އެކު ސްޕޭނުގެ ބައެއް ހިސާބުތަކުގައި ވަނީ މާސްކް އެޅުން ފަދަ ކަންކަން މަޖްބޫރުކޮށްފަ އެވެ.

"ސްޕޭނަކީ ސްޕޭން ރައްޔިތުންނާއި ޓޫރިސްޓުންނަސް ރައްކާތެރި ތަނެއް،" ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.

ފްރާންސް އާއި ޖަރުމަނުން ވެސް ވަނީ ކޭސްތައް އިތުރުވާން ފަށައިފަ އެވެ.

އިނގިރޭސި ވިލާތުން އެޅި ފިޔަވަޅުގެ ދަށުން މިއަދުން ފެށިގެން ސްޕޭނުން ޔޫކޭ އަށް ދަތުރު ކުރާ މީހުން 14 ދުވަސްވަންދެން ކަރަންޓީންވާން ޖެހެ އެވެ. ޔޫކޭގެ މި ފިޔަވަޅާ ގުޅިގެން ޓްރޭވަލް އޮޕަރޭޓަރުން ވަނީ ހިތްހަމަނުޖެހިފަ އެވެ. އެއާލައިން އިންޑަސްޓްރީން ވެސް ވަނީ އެކަމުގެ ސަބަބުން ގެއްލުމާ ކުރިމަތިލާން ޖެހޭނެ ކަމަށް ބުނެފަ އެވެ.

ސްޕޭނުން ވަނީ 272،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ 28،400 މީހުން މަރުވެފަ އެވެ. ހުކުރު ދުވަހު އެކަނިވެސް ވަނީ 900 އަށް ވުރެ ގިނަ ކޭސް ރިޕޯޓްކޮށްފަ އެވެ.

ފްރާންސް އިން ވަނީ އެ ގައުމުގެ ރައްޔިތުން ސްޕޭނުގެ ކެޓަލޯނިއާ ސަރަހައްދަށް ނުދިއުމަށް އަންގައިފަ އެވެ. ނޯވޭ އިން ވަނީ ސްޕޭނުން ދަތުރުކުރާ މީހުން 10 ދުވަހަށް ކަރަންޓީން ކުރުމަށް ނިންމައިފަ އެވެ. ބެލްޖިއަމުން ވެސް ވަނީ ސްޕޭނުގެ ބައެއް ސަރަހައްދުތަކަށް ދަތުރު ކުރުން މަނާކޮށްފަ އެވެ.