އިންޑިއާގެ އެންމެ މަޝްހޫރު ބިނާ، ތާޖު މަހަލް، ހަ މަސްދުވަހުގެ ބަންދަކަށް ފަހު އަލުން އާންމުންނަށް ހުޅުވާލައިފި އެވެ. އެކަމަކު ޒިޔާރަތްކުރެވޭނީ ކޮންމެ ދުވަހަކު ވެސް، ނިސްބަތުން ވަރަށް މަދު ބަޔަކަށެވެ.
ކޮވިޑް-19އާ ދެކޮޅަށް އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މިދިއަ މާޗު މަހު މުޅި އިންޑިއާ ލޮކްޑައުންއަކަށް ދިޔަ ފަހުން މި ވޭތުވި ހަ މަސް ދުވަހަކީ، މުޅި ތާރީހުގައި ވެސް ތާޖު މަހަލް ބަންދުކުރި އެންމެ ދިގު މުއްދަތެވެ.
ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކާ އެކު މިހާރު އެތަނަށް ޒިޔާރަތްކުރެވޭ މީހުންގެ އަދަދު ވެސް ވަނީ ވަރަށް މަދުކޮށްފަ އެވެ. އެގޮތުން ދުވާލަކު މިހާރު ހުއްދެދެނީ 5،000 މީހުންނަށެވެ. ކޮވިޑްގެ ކުރިން އެވްރެޖްކޮށް ދުވާލަކު 70،000 މީހުން، ލޯބީގެ މި ރަމްޒު ދެކިލަން ޒިޔާރަތްކުރެ އެވެ.
މިއީ 17 ވަނަ ގަރުނުގައި އިންޑިއާގެ އޭރުގެ ރަސްގެފާނު ޝާހު ޖަހާން އޭނާގެ އަނބިކަނބަލުން އަދި ރާނީ މުމްތާޒު މަހަލްގެ ހަނދާނުގައި ބިނާކުރި ތަނެކެވެ.
އެންމެ ފަހުން ތާޖް މަހަލް ބަންދުކުރީ، އެ ބިނާ ހުރި އާގަރާގައި ފެން ބޮޑުވުމުގެ ސަބަބުން 1978 ގައި، ކުޑަ ދުވަސްކޮޅަކަށެވެ. އޭގެ ކުރިން 1971 ގައި ޕާކިސްތާނާއި އިންޑިއާއާ ދެމެދު ހިނގި ހަނގުރާމައިގެ ސަބަބުން ވެސް، ކުޑަ ދުވަސްކޮޅަކަށް ބަންދުކުރި އެވެ.
ރަސްމީ ފަރާތްތަކުން ބުނާ ގޮތުގައި ވަންނަ ކޮންމެ މީހެއްގެ ހުން ޗެކްކުރާނެ އެވެ. ޓިކެޓް ގަންނަން ޖެހޭނީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެންނެވެ. ގްރޫޕް ފޮޓޯ ނެގުން މަނަ އެވެ. އެކަމަކު ސެލްފީ ނެގޭނެ އެވެ.
ތަނުގެ ތެރޭގައި އުޅޭ އިރު ގައިދުރުކަން ބަހައްޓަން ޖެހެ އެވެ.
"އެހާ ބޮޑު ތެޅިފޮޅުމެއް މިއަދަކު ނެތް. ތާޖް މަހަލްގައި އަސްލު ކަންކަން އިހުސާސްކުރެވޭ ގޮތެއް ނޫން މިއީ،" ނޫސްވެރިއެއް ކަމަށްވާ ޔޯގޭޝް ކުމާރު ސިންގް ބުންޏެވެ.
"އަހަންނަށް ހީވަނީ ކޮވިޑް ކޭސްތައް ގިނަވާ ކަމަށް ވަންޏާ އެހާ ގިނަ ބަޔަކު ނާންނާނެހެން."
ތާޖު މަހަލްގެ ވަށައިގެން ވަނީ ބޮޑެތި ބަގީޗާތަކެވެ. ޒިޔާރަތްކުރާ މީހުން ހިނގާބިނގާވެ އުޅެނީ އެ ހިސާބުގަ އެވެ. ތާޖު މަހަލް އެތެރެ ބެދިފައި އޮންނާތީ އެއީ ކޮވިޑް-19 ފަސޭހަކަމާ އެކު ފެތުރިދާނެ ފަދަ މާހައުލެކެވެ.